Advertisement

ލީބިޔާގެ ވެރިރަށުގައި ހަމަނުޖެހުން ބޮޑުވެ އެއާޕޯޓު ބަންދުކޮށްފި

16 އޮގަސްޓު 2023 - 06:00 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ޓްރިޕޮލީގައި ހަމަލާ ބަދަލުކުރަނީ ވާދަވެރި ދެ ގްރޫޕުގެ މެދުގައި. -- ފޮޓޯ: އޭއެފްޕީ


ލީބިޔާގެ ވެރިރަށުގައި ހަމަނުޖެހުން ބޮޑުވެ އެއާޕޯޓު ބަންދުކޮށްފި

16 އޮގަސްޓު 2023 - 06:00 0

ޓްރިޕޮލީ، ލީބިޔާ (އޯގަސްޓް 15) - ލީބިޔާގައި ހަތިޔާރު އެޅި އެންމެ ވަރުގަދަ ދެ ގްރޫޕުގެ މެދުގައި ބަދަލުކުރަމުންދާ ހަމަލާތަކުގައި ދެ މީހުން މަރުވެފައި ވަނިކޮށް، ވެރިރަށް ޓްރިޕޮލީގެ އެއާޕޯޓު ބަންދުކޮށްފި އެވެ.

އެމެރިކާ އިސްވެ އޮވެ ނޭޓޯގެ އެއްބާރުލުމާ އެކު 2011 ވަނަ އަހަރު މުއައްމަރް ގައްޒާފީގެ ވެރިކަން ވައްޓާލި ފަހުން ލިބިޔާއަށް މިހާތަނަށް އެއްވެސް ހަމަޖެހުމެއް ލިބިފައެއް ނުވެ އެވެ.

ދާހިލީ ހާލަތު ގޯސްވެގެން ގޮސް، ވަކި ގްރޫޕްތަކުން ހަތިޔާރު ނަގައި، ބާރު ހޯދުމުގެ މަސައްކަތް ފެށި އެވެ. އެކި ގްރޫޕްތަކަށް އެއްބާރުލުން ދެނީ ބޭރުގެ އެކި ބާރުތަކުންނެވެ.

ހަމަނުޖެހުމެއް ނެތި ދުވަސްތަކެއް ހޭދަވުމުން މި އަހަރު އިންތިހާބު ބޭއްވޭނެކަމުގެ އުއްމީދު ބޮޑުވި އެވެ. އެކަމަކު އަނެއްކާ ވެސް ހަމަލާ ބަދަލުކުރާތީ ބައިނަލްއަގްވާމީ މުޖުތަމައިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

މިހާރު ހަމަލާ ބަދަލުކުރަނީ 444 ބްރިގޭޑާއި އަލް ރަދާ ނުވަތަ ސްޕެޝަލް ޑިޓެރެންސް ފޯސްއާ ދެމެދު އެވެ. އެއީ 444 ބްރިގޭޑްގެ ވެރިޔާ ހައްޔަރު ކުރި ކަމަށް އަަލް ރަދާއިން އިއުލާން ކުރުމުންނެވެ.

އެ ދެ ގްރޫޕަކީ ވެސް އދ. އިން ބަލައިގެންފައިވާ ބޮޑު ވަޒީރު އަބްދުލް ހާމިދް ދްބެއިބާގެ ސަރުކާރަަށް ތާއީދުކުރާ ދެ ގްރޫޕެވެ.

ހަމަލާ ބަދަލުކުރުންތަކުގައި ދެ މީހުން މަރުވެފައިވާ އިރު، 30 މީހުންނަށް އަނިޔާވެފައިވެ އެވެ. ހަމަލާތައް ހުއްޓާލުމުގެ ނިޝާނެއް ނުފެންނަ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

444 ބްރިގޭޑް ހަރަކާތްތެރި ވަނީ ޑިފެންސް މިނިސްޓްރީއާ ގުޅިގެންނެވެ. އެ ގްރޫޕުން ކޮންޓްރޯލް ކުރަނީ، ވެރިރަށް ޓްރިޕޮލީގެ ދެކުނުގެ ހިސާބުތަކާއި ގައުމުގެ ބައެއް އެހެން ސަރަހައްދުތަކެވެ.

އަބްދެލް ރައުފް ކަރާހް ކޮމާންޑަރެއްގެ ގޮތުގައި ހުންނަ އަލް ރަދާ ފައުޖު ހަރަކާތްތެރި ވަނީ ޓްރިޕޮލީގެ ފުލުހުންގެ ގޮތުގަ އެވެ. އިންޓީރިއާ އަދި ޑިފެންސް މިނިސްޓްރީގެ ބާރު ވެސް ނުހިނގާ ކަމަށް ބުނާ އެ ފައުޖުން ކޮންޓްރޯލް ކުރަނީ ޓްރިޕޮލީގެ މެދުތެރެ އާއި އިރުމަތި، މިޓިގާ ވައިގެ މަރުކަޒު، އެއާޕޯޓާއި ޖަލެކެވެ.