Advertisement

ލީބިޔާގެ ސިޓީއެއްގައި ހަމަނުޖެހުން ބޮޑުވުމުން ސިފައިން ނިކުމެއްޖެ

ހަތިޔާރާ އެކު ލީބިޔާގައި ހަރަކާތްތެރިވާ ގްރޫޕެއް. -- ފޮޓޯ: އޭއެފްޕީ


ލީބިޔާގެ ސިޓީއެއްގައި ހަމަނުޖެހުން ބޮޑުވުމުން ސިފައިން ނިކުމެއްޖެ

ޒަވިޔާ، ލީބިޔާ (މޭ 14) - ލީބިޔާގެ ހުޅަނގުގައި އޮންނަ ޒަވިޔާ ސިޓީގައި ހަތިޔާރު އެޅި ގްރޫޕުތަކުން ހަމަލާ ބަދަަލުކޮށް ތިން މީހުން މަރުވެފައި ވާތީ އެ ސިޓީގެ މަގުތަކަށް ސިފައިން ނިކުމެއްޖެ އެވެ.

ރިޕޯޓުތައް ބުނާ ގޮތުން މަރުވި ތިން މީހުންގެ ތެރެއިން ދެ މީހުންނަކީ އާއްމު ރައްޔިތުންނެވެ.

ވެރިރަށް ޓްރިޕޮލީގެ ހުޅަނގުން އޮންނަ ޒަަވިޔާގައި ވާދަވެރި ގްރޫޕުތަކުން ދޭތެރެ ދޭތެރެއިން ހަމަލާ ބަދަލުކުރާތާ ގިނަ ހަފުތާތަކެއް ވެއްޖެ އެވެ.

ސިފައިންގެ ޖެނެރަލް އަކްރަމް ދޫވާ ވިދާޅުވީ ހަމަލާތައް ހުއްޓުވުމަށް ސިޓީގެ ވެރިންނާއި ގަބީލާތަކުގެ ލީޑަރުންގެ އެއްބާރުލުމާ އެކު މަޝްވަރާކޮށްގެން ކުރިއަށް ދާނެ ކަމަށެވެ.

ލީބިޔާގައި ދިގު މުއްދަތަކަށް ވެރިކަން ކުރެއްވި މުއައްމަރް ގައްޒާފީގެ ވެރިކަން ވައްޓާލަން 2011 ގައި ނޭޓޯގެ އެހީއާ އެކު ހިންގި އިންގިލާބަށް ފަހު އެ ގައުމަށް ހަމަޖެހުމެއް ނުލިބެ އެވެ.

އޭގެ ފަހުން ފާއިތުވި 22 އަހަރު އެކި ހަނގުރާމަވެރި ގްރޫޕްތަކުން ވެރިކަމުގެ ބާރު ހޯދަން ދޭތެރެ ދޭތެރެއިން ހަމަލާ ބަދަލުކުރެ އެވެ.

މިހާރު ލީބިޔާގެ ކޮންޓްރޯލް އޮންނަނީ ދެ ބަޔަކަށެވެ. ޓްރިޕޮލީގައި އިންތިގާލީ ސަރުކާރެއް ގާއިމްވެފައި އޮތް އިރު، އިރުމަތީ ސަރަހައްދު ކޮންޓްރޯލް ކުރަނީ ހަލީފާ ހަފްތާރްގެ ގްރޫޕުންނެވެ.