15 އޮގަސްޓު 2023 - 13:27 1
އާމިނަތު ނިއުޝާ
ނަޝީދު އީޔޫ ވަފްދުގެ ބޭފުޅުންނާ ބައްދަލުކުރެއްވުން؛ އެމަނިކުފާނު ވަނީ އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް ރައީސް ޔާމީން ގެއަށް ދޫކޮށްލުމަށް އެހީވުމަށް އީޔޫ ވަފްދުގެ ކިބައިން އެދިވަޑައިގެންފައި -- ފޮޓޯ: މަޖިލިސް އިދާރާ
15 އޮގަސްޓު 2023 - 13:27 1
ޕީއެންސީ/ޕީޕީއެމްގެ ލީޑަރު ރައީސް ޔާމީނު ގެއަށް ބަދަލުކޮށްދޭން އެދިވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޔޫރަޕިއަން ޔޫނިއަން (އީޔޫ) ވަފުދަށް އެކަން ހުށަހަޅުއްވައިފި އެވެ.
ނަޝީދު އެކަން ހުށަހެޅުއްވީ ރިޔާސީ އިންތިހާބު އޮބްޒާވްކުރުމަށް ރާއްޖެއައި ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ވަފުދުގެ ވެރިޔާ އެމަނިކުފާނުގެ އަރިހަށް މިއަދު ކުރެއްވި އިހުތިރާމުގެ ޒިޔާރަތެއްގަ އެވެ.
ނަޝީދުގެ އަރިހަށް މިއަދު ޒިޔާރަތްކުރެއްވީ ޗީފް އޮބްޒާވަރު ޔޫރަޕިއަން ޕާލަމެންޓުގެ މެންބަރު، ނާޗޯ ސަންޗެޒް އަމޯރް އެވެ. އޭނާ އަރިހު ނަޝީދު ވިދާޅުވީ ސެޕްޓެމްބަރު ނުވައެއްގައި ބާއްވާ ރިޔާސީ އިންތިހާބު އިންސާފުވެރި އިންތިހާބަކަށް ވާނީ ޔާމީނު ގެއަށް ބަދަލުކޮށްގެން ކަމަށެވެ. އެކަމުގައި އީޔޫގެ އެހީތެރިކަމަށް އެމަނިކުފާނު އެދިވަޑައިގެންނެވި އެވެ.
ރައީސް ނަޝީދު އިސްވެ އުފެއްދެވި ދަ ޑިމޮކްރޭޓްސްގެ ކެމްޕޭން ޖަލްސާތަކުގައި ވެސް އެމަނިކުފާނު ގެންދަވަނީ ޔާމީން މިނިވަންކުރުމަށް ގޮވާލަމުންނެވެ. އަދި ޑިމޮކްރޭޓްސްގެ ވެރިކަމެއްގައި ފުރަތަމަ އެއް ހަފްތާ ތެރޭގައި ޔާމީން މިނިވަންކުރާނެ ކަމަށް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.
"އަޅުގަނޑުމެން ޕީޕީއެމް މެންބަރުންނަށް ޔަގީންކޮށް އަރުވަން، ތި ބޭފުޅުން އަޅުގަނޑުމެންނާއެކު މަސައްކަތް ކުރުމަށް އެއްބަސްވެ ސޮއި އަޅާތާ، އިރާދަކުރެއްވިއްޔާ ހަފުތާއެއްގެ ތެރޭގައި، މާލެ މަގުމަތީގައި އަޅުގަނޑު އަބަދު ހުރެގެން ވެސް، ރައީސް ޔާމީން ގެއަށް ގެނެސްދޭނަން، އަދި ރައީސް ޔާމީން ދޫވެސްކޮށްލާނަން،" މިފަހުން ގދ. ގައްދޫގައި ބޭއްވި ކެމްޕޭން ޖަލްސާގައި ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ޔާމީން ޖަލުން މިނިވަން ކުރަން ބޭނުންވާ ހަގީގީ މަސައްކަތް ޕީޕީއެމްގެ ލީޑާޝިޕުގައި ތިއްބެވި ބޭފުޅުން ނުކުރާ ކަމަށެވެ.
ޔާމީން ޖަލަށް ލާފައި ވަނީ އެ މަނިކުފާނުގެ ވެރިކަމުގައި ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގައި ރިޝްވަތު ހިފާފައިވާ ކަމާއި އެ ފައިސާ ލޯންޑަކުރިކަމުގެ ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައެޅުމަށް ފަހު އެވެ. އެ ކުށުގެ އަދަބެއްގެ ގޮތުގައި 11 އަހަރަށް ޖަލަށް ލުމާއެކު ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރި އެވެ. އެ ހުކުމް އިސްތިއުނާފުކޮށްފައިވާއިރު، އަޑުއެހުންތައް ވަނީ ހައިކޯޓުގައި ފަށައިފަ އެވެ.
Comment