Advertisement

އަތުލިިޔުން: ސިކުނޑި ހުޅުވާލަދޭ ތަޅުދަނޑިއެއް

14 އޮގަސްޓު 2023 - 10:35 6

ފަތުހުﷲ އަހުމަދު ރަޝީދު

ފަތުހުﷲ އަހުމަދު ރަޝީދު


އަތުލިިޔުން: ސިކުނޑި ހުޅުވާލަދޭ ތަޅުދަނޑިއެއް

14 އޮގަސްޓު 2023 - 10:35 6

"ދުނިޔޭގެ ނިސްބަތުން ވެސް ލިޔާން ކިޔާންދަތުމުގެ ރޮނގުން ރާއްޖެ ހޯދާފައި ވަނީ ފަހުރުވެރި މަގާމެކެވެ. ނަމަވެސް، ހިތާމައާއެކު ދަންނަވަން ޖެހެނީ ރީތިކޮށް ލިޔާން ދަންނަ މީހުންގެ އަދަދު މަދުވަމުންދާ ވާހަކައެވެ."

ދެހާސް ހަތަރުވަނަ އަހަރު ނެރުނު ފަތްތޫރައިގެ 304 ވަނަ އަދަދުގައި އަބުދުﷲ ހަމީދު ލިޔުއްވާފައިވާ މި އިބާރާތަކީ ހާއްސިއްޔަތެއް ކަންބޮޑުވުމެއް ހިމެނޭ ކަމަކަށް ވެގެން އުޅުނު މީހަކު ނުފެނިދާނެ އެވެ. އެއީ އިލްމީ ގޮތުން ދިރާސާތަކެއްގެ އެހީގައި ސާބިތުކޮށްދެވިދާނެ ކަމެކޭ ކިޔައި އެކަމާ ބަހުސްކުރާނެ މީހަކު އޭރު ނެތުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް، މިއަދު މިއީ އެކަމާ ފުންކޮށް ވިސްނައިލަން ޖެހޭ ވާހަކައެކެވެ. އެކާވީސްވަނަ ގަރުނާއެކު ސުމޭކީ ވަސީލަތްތަކުގެ ތެރެއަށް ގެނބެމުން، ފެތެމުން އެކަމަށް މަރުދެމުން މިދާ ދިވެހީން ވިސްނައި ފިކުރު ހިންގާންޖެހޭ މުހިންމު މައްސަލައެކެވެ. އުނގަންނައިދިނުމުގެ މައިދާނުގައި ހަރަކާތްތެރިވާ މުރައްބީން ސަމާލުވާން ޖެހޭ ކަމެކެވެ. ތަރުބަވީ އުނގުތަކުގެ މިލްކުވެރިން ވިސްނާން ޖެހޭ ކަމެކެވެ.

ކިތަންމެ އަވަހަށް ލިޔުނު ކަމުގައި ވީނަމަވެސް، އަކުރުތަކުގެ ބައްޓަން ފާޅުވާން ޖެހޭނެ ކަމަށާއި އަކުރުތައް ކިޔާން އެނގެންވާނެ ކަމަށް ދިވެހިބަހުގެ އަދީބު، މަރުހޫމު ހުސައިން ސަލާހުއްދީންގެ ތުހުފަތު އަދަބިއްޔާތުގެ އެންމެ ފަހު ޖުމުލައިގެ ގޮތުގައި ވެސް ލިޔުއްވާފައި ވަނީ މަގުސަދެއްގަ އެވެ. ބޭނުމެއްގަ އެވެ. މިކަމުން ވެސް އަތުލިޔުމަކީ މުހިންމު ކަމެއްކަން ސާފުކޮށް އެނގެ އެވެ.

އަތުން ލިޔުން މުހިންމު ވަނީ ކީއްވެ؟

ފަންނިއްޔާތަށް ފަހި މި ޒަމާނުގައި އަތުން ލިޔުން ނުވަތަ އަތުލިޔުމަކީ ހަމަ ކޮންމެހެން ކުރާން ޖެހޭ ކަމެކޭ ބުނެފިނަމަ އެކަމާ ފާޑުކިޔާނެ މީހުން މަދެއް ނުވާނެ އެވެ. ބަދަލުވެ އަދާހަމަވަމުންދާ ފަންނީ އާލާތްތައް ދަނީ އިނގިލިކުރީން ކަންކަން ނިންމޭނެހެން ބައްޓަންވަމުންނެވެ. ޝަހާދަތް އިނގިލީގެ ހުދު ހަމަށް އިސްކުރީންތައް ދަނީ ފައްކާވަމުންނެވެ. މަސްނޫއީ ތޫނުފިލިކަމަށް ވަސީލަތްތައް އަދާހަމަވުމަށް ކުރަމުންދާ ދަތުރުގައި ބަސްބުނެލާއިރަށް ލިޔުންތައް އެދަނީ ލިޔެވެމުންނެވެ.

ވީއިރު ބޮޑުވާ އިނގިއްޔާއި ޝަހާދަތް އިނގިއްޔަށް ބާރުކޮށް ދެ އިނގިލީގެ ދެމެދަށް ގަލަމެއް ނުވަތަ ފަންސޫރެއް ލައިގެން ކަރުދާހުގައި ލިޔުމަކީ ކީއްކުރަން ކުރާ ކަމެއްހޭ ގިނަ ބަޔަކު އަހައިފާނެ އެވެ. މިކަމުން ޖަޒުބާތީ އަދި ފިކުރީ ތަރައްގީއަށް އަންނަނީ ކޮން ކަހަލަ ބަދަލެއްތޯ ސުވާލުކޮށްފާނެ އެވެ. ނަމަވެސް ގިނަބަޔަކަށް ނޭނގެނީ މި ދެންނެވި ހަރަކާތުގެ ފަހަތުގައި ފޮރުވިފައިވާ ފައިދާތަކެވެ. އެ ހަރަކާތާއެކު ލިބިގެންދާ ފަހިކަމެވެ. މިކަން ދެނެގަތުމަށް ހެދިފައިވާ ދިރާސާތަކުން ބުރުހާނުކޮށްދޭ މަންފާތަކެވެ.

އަތުލިޔުމުން ލިބޭ ފައިދާތައް

ހަނދާން ވަރުގަދަވުމަށް ބާރެއް

ބަސްވާރު ވޯލްޓަރ އޮންގް ފާހަގަކުރައްވާފައިވާ ގޮތުގައި އިންސާނާގެ ސިކުނޑިއަށް އޭގެ ފުރިހަމަ ގާބިލްކަން ހާސިލްކުރުމަށް އެހީތެރިވުމަށް އަތުން ލިޔުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. މިކަމުގެ ސަބަބުން ސިކުނޑީގައި އެނބުރެމުންދާ ހިޔާލުތަކާއި މާނައެއް ނެތި ކުރެވޭ ފިކުރުތައް އެއް ރޮދިފަށަކަށް އަމުނައިލެވި އެއީ މާނަހުރި ހިޔާލުތަކަކަށް ހަދައިދެވެއެވެ. މި ދިރާސާއަށް ބާރުލިބޭ އަނެއް ދިރާސާއަކީ ނޭޝަނަލް ކޮމިޝަން އޮން ރައިޓިންގ އިން އެމެރިކާސް ސްކޫލްސް އެންޑް ކޮލެޖުން 2003 ވަނަ އަހަރު އާންމުކުރި ދިރާސާއެވެ. އެ ދިރާސާގައި ބުނެފައިވަނީ އަތުލިޔުމުގެ ޒަރިއްޔާއިން އިލްމުގައިވާ ހުރިހާ ތިކިތަކެއް މާނައެއް ހުރި ގޮތެއްގައި ބަދަހިކޮށްލެވޭ ކަމަށެވެ. މީގެއިތުރުން، އަތުން ލިޔުމުން ފިކުރީ ދިރުމާއި އުފެއްދުންތެރިކަމާއި ވިސްނުމުގެ ގާބިލުކަން މަތިކޮށްދޭކަމަށް ސައިންސްވެރީންގެ ތަހުލީލުތަކުން ހާމަކޮށް ދެ އެވެ.

ޔުނިވަރސިޓީ އޮފް ކެލިފޯނިއާ އަދި ޕްރިންސްޓަން ޔުނިވާސިޓީން ކުރިއަށް ގެންދިޔަ އެހެން ދިރާސާއަކުން ސާބިތުވީ އަތުން ނުލިޔާނަމަ ވިސްނުން ކޮށިވާ ކަމަށެވެ. މި ދިރާސާ ކުރިއަށް ގެންދިޔައީ އަތުން ނޯޓު ނަގާ ކުދިންނާއި، ލެޕްޓޮޕް ފަދަ ތަކެތީގައި ނޯޓު ނަގާ ކުދިން ބޭނުންކޮށްގެން ކުރެވުނު ތަހުލީލުތަކުންނެވެ. މިގޮތުން، ނޯޓު ދިން ދުވަހު ނެގި ޓެސްޓުން ހުރިހާ ކުދިން ވެސް ރަނގަޅު ނަތީޖާއެއް ހޯދި ނަމަވެސް އޭގެ ހަފުތާއެއް ފަހުން، ހަމަ އެ އިމްތިހާނު ހަދަން ހަވާލުކުރުމުން އެ ޓެސްޓުގައި ރަނގަޅު ނަތީޖާއެއް ހޯދިފައިވަނީ އަތުން ނޯޓު ނެގި ކުދިންނަށެވެ. މިކަމުން ހާމަވާ ކަމަކީ އަތުން ލިޔެގެން ނޯޓު ނެގި ކުދިންގެ ހަނދާނުގައި އެކަން ހަރުލާފައި ގިނަ ދުވަހު ހުންނަ ކަމެވެ. އަދި އާ ހިޔާލު ހޯދައިގަންނަން ވެސް އެ ކުދިންނަށް ފަސޭހަވާކަމެވެ.

"ޕަވަރ ޕޮއިންޓް ޕްރެޒެންޓޭޝަނެއް ދިން ވަގުތު އަތުންލިޔެގެންނާއި ޓައިޕުކޮށްގެން ނޯޓު ނަގަން ދަރިވަރުންނަށް ހަވާލުކުރުމަށްފަހު، ނެގި އިމްތިހާނުން އެނގުނީ އަތުން ލިޔެގެން ނޯޓު ނެގި ކުދީން ހޯދި ނަތީޖާ ޓައިޕުކުރި ކުދީންނަށް ވުރެ ރަނގަޅުކަން."

މިފަދަ އެހެން ދިރާސާއެއް ޔުނިވަރސިޓީ އޮފް ނެބްރަސްކާގައި ވެސް ކުރިއަށް ގެންގޮސްފައި ވެ އެވެ. އެ ދިރާސާގައި ކުދީން އިމްތިހާނު ކޮށްފައިވަނީ ޕަވަރ ޕޮއިންޓް ޕްރެޒެންޓޭޝަނެއް ދިނުމަށްފަހު އަތުން ލިޔެގެންނާއި ޓައިޕުކޮށްގެން ނޯޓު ނަގާށެވެ. އެއަށްފަހު ދެވުނު އިމްތިހާނުން ވެސް ރަނގަޅު ނަތީޖާއެއް ހޯދާފައިވަނީ އަތުން ނޯޓު ނެގި ކުދިންނެވެ. ވޯލް ސްޓްރީޓް ޖާނަލަށް މައުލޫމާތު ދެމުން އެ ޔުނިވަރސިޓީން ބުނެފައިވަނީ، އަތުން ނޯޓު ނެގުމުން އެ ނޯޓް ކުރި ތަކެތި ވަރަށް ތަފްސީލްކޮށް ކުދިންނަށް ނަގައި ގަނެވި، އެތަކެތި ގިނަ ދުވަހު ހަނދާނުގައި ހުންނަ ކަމަށެވެ. އަދި ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ކުރެހުމާއި ގުރާފު ފަދަ ހޫލަތައް ބޭނުންކޮށްގެން ފިލާވަޅު ތެރެއަށް ފަސޭހައިން ވަދެވޭ ގޮތަށް ނޯޓު ތައްޔާރު ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.

އަތުން ލިޔުމާ ބެހޭ ތައުލީމީ އަދި ނިއުރޯ ސައިންޓިފިކް ދިރާސާތަކުން ދައްކާ ގޮތުގައި އިނގިލިތައް ހަރަކާތްތެރިވުމުގެ ސަބަބުން ހަނދާނުގެ ފަތްފުށްތައް ހަރަކާތްތެރިވާން ފަށައި މައުލޫމާތު ހަނދާންކުރުމަށް އޭގެ ހަގީގީ އަސަރު ކުރެ އެވެ. މިގޮތަށް ދިމާވަނީ އަތުން ލިޔާއިރު، ޓައިޕުކުރުމަށް ވުރެ ލަސްވުމުން ނުވަތަ ލިޔުމަށް ވަގުތު ނަގާތީ އެވެ. މިކަމުގެ ސަބަބުން ސިކުނޑީގައިވާ މައުލޫމާތުތައް ތަރުތީބުކުރެވި ހަނދާންކުރުމަށް ފުރުސަތު ފަހިވެގެން ދެ އެވެ. އެއީ ސިކުނޑީގައިވާ ހަނދާންކުރުމުގެ ގާބިލުކަމަށް ކަސްރަތުލިބި ތޫނުފިލިކަމަށް ހެޔޮ އަސަރުކުރާތީ އެވެ. މި ދިރާސާކުރެއްވި ބޭފުޅުންވަނީ މުދައްރިސުންނާއި ތައުލީމީ ދާއިރާގެ އިސްވާރުން ސަމާލުވާންވީ ކަމެއް ދިރާސާގައި ހިމަނައިފަ އެވެ. އެއީ ދަރިވަރުންގެ އިލްމީ ގާބިލުކަން އިތުރުކުރުމަށް ޓަކައި ކޮންމެ ދުވަހަކު ވެސް އަތުން ލިޔުމުގެ ހަރަކާތްތައް ނުވަތަ ތަމުރީނުތައް ތާވަލުކޮށްގެން ނުވަތަ ވަކި އިންތިޒާމެއްގެ ދަށުން ކުރިއަށް ގެންދިޔުމަށެވެ.

ބަހަވީ ގާބިލުކަމަށް އަލިމަގެއް

އަތުން ލިޔުމަކީ ބަސް ބޭނުންކުރުމުގެ ގާބިލުކަން އިތުރުވެ ބަހަވީ ގޮތުން ކުރިއަރައިގެން ދިޔުމަށް ކޮށައިލެވޭ މަގެކެވެ. 2017ވަނަ އަހަރު މިޑް ސްވިޑެން ޔުނިވަރސިޓީން ކޮށްފައިވާ ދިރާސާއިން ހާމަވީ، ސުމޭކު ވަސީލަތްތައް ބޭނުންކޮށްގެން ލިޔުމަށް ހަވާލުކުރުމުން ދަރިވަރުން ޝައުގުވެރިކަމާއެކު މަސައްކަތް ކުރާކަމަށެވެ. ނަމަވެސް، އެ ކުދިންގެ ލިޔުނު ލިޔުންތަކުގައި ބަހުގެ ފެންވަރު ދަށްކަމަށެވެ. އެއާހިލާފަށް، އަތުން ލިޔުމަށް ހަވާލުކުރުމުން އިހުސާސްތަކާއި ޖަޒުބާތުތައް ހާމަކުރުމަށް ބޭނުންކޮށްފައިވާ ބަސްކޮށާރު ފުރިހަމަ ވެފައި ބަހުގެ ގާބިލުކަން އިތުރުވެފައިވާ ކަމަށެވެ. ވީމާ ދަރިވަރުންގެ ބަހަވީ ގާބިލުކަން އިތުރުކޮށް ލިޔުންތެރިކަމަށް ދަރިވަރުން ފައްކާކޮށް އަހުލުވެރިކުރުވުމަށްޓަކައި އަތުން ލިޔުމުގެ ހަރަކާތްތައް ސްކޫލު، މަދަރުސާތަކުގައި ކުރިއަށް ގެންދެވޭ މިންވަރު އިތުރުކުރުމަކީ މުހިންމު ކަމެއްކަން މިކަމުން ހާމަ ވެ އެވެ. އަދި ޒަމާނާއެކު ކިތަންމެ މޮޅެތި އީޖާދުތަކެއް އުފަންވެ އައު އުސްމިންތަކަކަށް ދެވުނަސް، ބަހަށް ގާބިލު ޖީލަކަށް އަތުލިޔުން މުހިންމުކަމުގައި ދަންނަވަން ޖެހެ އެވެ.

ޖަޒުބާތީ ބަލިމަޑުކަމަށް ފަރުވާއެއް

އަތުން ލިޔުމުން ވިސްނުން ތަރައްގީވުމާއެކު ޖަޒުބާތީ ދުޅަހެޔޮކަމަށް އެކަމުން ހެޔޮ އަސަރުތައް ކުރެ އެވެ. މި ދާއިރާއިން ވެސް ވަނީ އެތައް ދިރާސާތަކެއް ހަދައި އާންމުކޮށްފަ އެވެ. މި ފަދަ އެއް ދިރާސާއަކީ 2004 ވަނަ އަހަރު ޔުނިވަރސިޓީ އޮފް ޓެކްސަސްސްޓިންގެ ކޮގްނިޓިވް ސައިކޮލޮޖިސްޓެއް ކަމަށްވާ ޖޭމްސް ޕެނެބެކަރ އާއްމުކުރައްވާފައިވާ ދިރާސާ އެވެ. އޭނާވަނީ ލިޔުމުން ލިބޭ ފައިދާތަކާ ބެހޭ ގޮތުން ސިލްސިލާ ތަހުގީގުތަކެއް ކޮށްފަ އެވެ. މިގޮތުން، އޭނާގެ ދިރާސާތަކުގައި ފާހަގަކޮށްފައިވަނީ އާއިލީ މެންބަރުން ނިޔާވުމުން އެކަމުގެ ހިތްދަތިކަން ތަހައްމަލުކޮށް ޖަޒުބާތީ ގޮތުން ބަލިކަށިވާ މީހުންނާއި އަނިޔާވެރިކަމާއި ކުށުގެ ޝިކާރައަކަށްވާ މީހުން އެކަންކަމުން އަރައިގަތުމަށް އަތުން ލިޔުމުގެ ހަރަކާތްތައް ކުރިއަށް ގެންދެވިދާނެ ކަމަށެވެ. އަނެއްކޮޅުން، ސާނަވީ އަދި މަތީ ސާނަވީ މަރުހަލާގެ އިތުރުން މަތީ ތައުލީމީ މަރުހަލާއަށް އަލަށް ގުޅޭ ދަރިވަރުން، ހާއްސަކޮށް ބީރައްޓެހި ދަރިވަރުން ތަހައްމަލުކުރާ އެކަނިވެރިކަމާއި މާހައުލާ ބީރައްޓެހިވުމުގެ މައްސަލަތަކަށް އެންމެ ރަނގަޅު ހައްލެއް ލިބިގެންދާ އެއް ކަމަކީ ފިލާވަޅުތައް ކިޔައިދޭ ވަގުތުގައި އަތުން ލިޔުމެވެ. މިގޮތުން، އަތުން ލިޔުމަށް ޓަކައި ދަންފަޅިއަކު މަދުވެގެން 20 މިނެޓުގެ ވަގުތު ހޭދަކުރެވިދާނެ ކަމަށް ވެސް ބަޔާންކޮށްފައި ވެ އެވެ. މިގޮތަށް ލިޔުމުގެ ހަރަކާތްތައް ގެންދިޔުމުން ސިކުނޑިއަށް ލުއިކަން އިހުސާސްވެ ޖަޒުބާތީ އޮއިވަރު ހަމައަކަށް އެޅި މީހާއަށް އެކަމުން ފައިދާތައް ލިބިގެން ދެ އެވެ. އާހިރުނަތީޖާއަކީ، ޖަޒުބާތީ ބަލިމަޑުކަމަށް ހައްލެއް ލިބިގެން ދިޔުމެވެ.

އަތުން ލިޔާއިރު ވަނީ ކޮން ކަމެއް

އަތުލިޔުމުން ލިބެނީ ހަމައެކަނި އިސްވެ ހިއްސާކުރި ފައިދާތައް އެކަންޏެއް ނޫނެވެ. މީގެއިތުރުން، އެތައް ފައިދާތަކެއް ލިބޭކަން ތަފާތު އެތައް ދިރާސާއަކުންވަނީ ސާބިތުވެފަ އެވެ. އަތުން ލިޔުމާއި ޓައިޕުކުރުމާ ގުޅޭ އެތައް ދިރާސާއެއް މިހާރު ވެސް ދަނީ ކުރެވެމުންނެވެ. މިހައި ހިސާބުން އުފެދޭނެ ސުވާލަކީ މި ފައިދާތައް ލިބޭ ގޮތާ މެދު އުފެދޭ ސުވާލެވެ. ޖަވާބަށް ދިޔުމުގެ ކުރިން އަތުލިޔުމުގެ ހަރަކާތްތަކަށް ވިސްނައިލަމާ ހިންގަވާށެވެ.

ލިޔުމަށް ޓަކައި ބޭނުންކުރާ ގަލަން ނުވަތަ ފަންސުރު މަހައިލެވެނީ އަތުގެ އިނގިލިތަކަށެވެ. އިނގިލިތަކުގެ ތެރެއިން މަދުވެގެން ދޭއް ނުވަތަ ތިން އިނގިއްޔަކަށް ބާރުކޮށްލެވެ އެވެ. އެއާއެކު މީހާގެ ސަމާލުކަން އެ ދިމާއަށް ހުއްޓުވައި ދެ އެވެ. އިނގިލި ކުރިއަށް ބާރުކޮށްލެވުމާއެކު އިހުސާސްތަކުގެ މިސްރާބު ބަދަލުކޮށްލަ އެވެ. ނާރުތަކުގައި އާދަޔަހިލާފު ބާނިތަކެއް އުފައްދައިދެމުން ސިކުނޑިއާ ހަމައަށް އެ ސިގުނަލްތައް ރައްދުކޮށްދެ އެވެ. އެއަށްފަހު، ސިކުނޑީގެ މަސައްކަތްތައް ހަލުއިވެ ސިކުނޑީގެ އެކި ބައިތައް މަސައްކަތް ކުރާ މިންވަރު އިތުރުކޮށްދެ އެވެ. ސިކުނޑީގައިވާ ބަހުގެ ވަތްގަނޑު ނުވަތަ ލެކްސިކޯނާއި ހަނދާނުގެ ވަތްގަނޑާއި ފިކުރާއި ހިޔާލުތަކުގެ ޖަމާތަކުން އުފަންވާ ކަންކަން ވިލަރެސްކުރެވި ނާރުތަކުގެ ޒަރިއްޔާއިން އަތުގެ ހަރަކާތްތަކަށް ދިރުން ގެނުވައިދެ އެވެ. އެއާއެކު އެހުރިހާ މަރުހަލާތަކެއްގެ ނަތީޖާއަކަށްވަނީ އިނގިލިކުރީގެ ހަރަކާތްތަކުގެ ޒަރިއްޔާއިން ގަލަމަށް ނުވަތަ ފަންސޫރަށް ދިރުންލިބި އަކުރުތަކުގެ ސިފަ ޖެހުމެވެ.

އިސްވެ ދެންނެވުނު ހަރަކާތްތައް ހިނގާ ގޮތާއި އެކަން ހިނގާއިރު ނާރުތަކާއި ސިކުނޑިއަށް އަންނަ ބަދަލުތަކާ ގުޅޭ ފުން ދިރާސާތައްވަނީ ހަދައިފަ އެވެ. މިގޮތުން، 2010ވަނަ އަހަރު މަންގޭލް އާއި ވޭލް ކިޔާ ދިރާސާވެރިން ކުރެއްވި ދިރާސާތަކުން ބުރުހާނުކޮށްދިން ކަމަށް ވިދާޅުވަނީ އަތުލިޔުމުގައި ވިޝުއަލް އެޓެންޝަން ވަރުގަދައަށް ބާރުއަޅަނީ ޓައިޕް ކުރާއިރު އަތުގެ ހަރަކާތަށް ކަމަށާއި، ވިޝުއަލް އެޓެންޝަން ކީބޯޑުގައި ޖެހުމާއި ސްކްރީން ބަލައިލުމާ ދެމެދު އެތުރިގެންދާ ކަމަށެވެ. މިގޮތަށް ލިޔާއިރު ސަމާލުކަން ދެވެނީ ހަމައެކަނި ކީބޯޑުގައި އިނގިލި ޖެއްސުމަށެވެ. އިނގިލި ކުރީގެ ބީހުމުގެ އިހުސާސަށެވެ. އަކުރު އެޅުމަށް އަތުން ކުރެވޭ ހަރަކާތްތައް މަދުވުމުން އިނގިލީގެ އެކި ބައިތަކަށް ބާރު އެޅޭ މިންވަރު ކުޑަވުމުގެ ނަތީޖާއަކީ ސަމާލުކަން އެއްވާނެއްގައި ނުހިފެހެއްޓުމެވެ. ސިކުނޑިއާއި އިނގިލިތަކާ ދެމެދުގައި އޮންނަ ވިލަރެހުގެ ބާރުވެރިކަން (ކޯޑިނޭޓްކުރުން) ދަށްވުމެވެ.

"ޓައިޕުކުރުމަށާއި އަތުންލިޔުމަށް 15 ކުދިންނަށް ހަވާލުކުރުމަށްފަހު އެ ވަގުތު ސިކުނޑިއަށް އަންނަ ބަދަލުތައް ދެނެގަތުމަށް އެ ކުދީންގެ އެމް.އާރު.އައި ސްކޭންކޮށްގެން ހެދި ދިރާސާއިން އެނގުނީ ޓައިޕުކުރުމުގެ ތަޖުރިބާ ކުރާ މީހުންނަށް ވުރެ ލިޔުން ތަޖުރިބާ ކުރާ މީހުންގެ ސިކުނޑީގައި ހަރަކާތްތެރިކަން އިތުރުވާ ބައިތައް ގިނަކަން."

އެފް.ވައި.އައި ހެލްތު ރައިޓަރ އިން 2011ވަނަ އަހަރު އާންމުކޮށްފައިވާ ދިރާސާގައި ބަޔާންކޮށްފައިވަނީ އަތުން ލިޔާއިރު އަކުރުތައް އެޅުމަށް ކުރެވޭ މަސައްކަތުގެ ސަބަބުން މޮޓޯ ސްކިލްސް ބޭނުން ކުރަން ޖެހޭތީ ކުދިންގެ އުނގެނުމާއި ވިސްނުން ތަރައްގީ ކުރުމަށް އެހީތެރިވެދޭ ކަމުގަ އެވެ. ހަމައެހެންމެ، 2012 ވަނަ އަހަރު ޖޭމްސް އާއި އެންގްލްހަރޑްޓް ވަނީ ޓައިޕުކުރުމަށާއި އަތުންލިޔުމަށް 15 ކުދިންނަށް ހަވާލުކުރުމަށްފަހު އެ ވަގުތު ސިކުނޑިއަށް އަންނަ ބަދަލުތައް ދެނެގަތުމަށް އެ ކުދީންގެ އެމް.އާރު.އައި ސްކޭންކޮށްގެން ހެދި ދިރާސާއެއް ކޮށްފަ އެވެ. މި ދިރާސާއިން އެނގުނީ ޓައިޕުކުރުމުގެ ތަޖުރިބާ ކުރާ މީހުންނަށް ވުރެ ލިޔުން ތަޖުރިބާ ކުރާ މީހުންގެ ސިކުނޑީގައި ހަރަކާތްތެރިކަން އިތުރުވާ ބައިތައް ގިނަކަމެވެ.

އެނގެންވީ ކޮންކަމެއް؟

މަސްނޫއީ ތޫނުފިލިކަން ކުރިއަރައި ގޮސް ބަސް ބުނެލާއިރަށް ބޭނުން ބަހަކުން ލިޔުންތައް ލިޔެވޭ ނިޒާމުތަކާއި އެފަދަ ފަންނިއްޔާތުގެ ވަސީލަތްތަކާއެކު އުފަންވަމުންދާ އައު އީޖާދުތަކާއެކު އަތުން ލިޔުމަށް ހޭދަކުރެވޭ ވަގުތު މިދަނީ މަދުވަމުންނެވެ. އަތުން ލިޔުމަށް ބާރުއެޅޭ މިންވަރު މިދަނީ ފަނޑުވަމުންނެވެ. އަދި ރީތި ސާފު އަކުރުތަކެއް އެޅުމަށް ދަރީންނަށް ދަސްކޮށްދިނުމަށް ބާރުއެޅޭ މިންވަރު މިވަނީ ކުޑަވެފަ އެވެ. އަތުލިޔުމަކީ އެކަމުން އެތައް ފައިދާއެއް ލިބޭކަމެއްކަން މިދާއިރާއިން ކޮށްފައިވާ ކޮންމެ ދިރާސާއަކުން ވެސް ސާބިތުކޮށްދެ އެވެ. ފަންނިއްޔާތުގެ ވަސީލަތްތައް ކިތަންމެ ކުރިއަރައި ދިޔަނަމަވެސް، މި ހުނަރަކީ ދޫކޮށްލާން ޖެހޭ ހުނަރެއް ނޫނެވެ. އިނގިލިތަކަށް ގަލަން މަހައިލައިގެން އަތުން ލިޔުމުން މީހާގެ ސިކުނޑިއާއި ހަށިގަނޑުގެ މަސްތަކާއި ނާރުތަކާއި އިހުސާސްތައް ވިލަރެސްކުރެވި ހިމޭންކަން އިހުސާސްކުރެވިގެންދާ ދިޔުމުގެ ފަހަތުގައިވަނީ މުޅީން ވެސް ފައިދާ އެވެ. ޖިސްމާނީ އަދި ނަފުސާނީ ފައިދާ އެވެ. ޖަޒުބާތީ އަދި ފިކުރީ ފައިދާ އެވެ. އިލްމީ ގޮތުން ދަރީން ކުރިއަރުވަން ބޭނުންނަމަ ވީހާ ޅައުމުރުން ފެށިގެން މި ހުނަރަށް ދަރީން ލޯބި ޖެއްސުމަކީ މުހިންމުކަމެކެވެ. އަތުލިޔުމުގެ ބޭނުމާއި އޭގެ ފައިދާތަކަށް ދަރީން އަހުލުވެރި ކުރުވުމަކީ މުހިންމު ކަމެކެވެ.

ބޭނުންވަނީ ޓައިޕުކުރަން ފަރިތަކޮށްގެން ދަރިފުޅުގެ ވިސްނުން ކޮށްޓެއްގައި ބަންދުކުރަން ހެއްޔެވެ؟ ނޫނީ އަތުލިޔުމުގެ ތަޅުދަނޑީގެ އެހީގައި ސިކުނޑި ހުޅުވާލަން ހެއްޔެވެ؟