Advertisement

މަލިކުގެ ސްކޫލްތަކުގައި ދިވެއްސާއި އަރަބި ބަސް ކިޔަވައިނުދޭން ނިންމުމުން އިހުތިޖާޖު ކުރަނީ

މަލިކުގައި އިއްޔެ ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން -- ފޮޓޯ: ސޯޝަލްމީޑިއާ


މަލިކުގެ ސްކޫލްތަކުގައި ދިވެއްސާއި އަރަބި ބަސް ކިޔަވައިނުދޭން ނިންމުމުން އިހުތިޖާޖު ކުރަނީ

ދިވެހިރާއްޖޭގެ އުތުރުން އޮންނަ ލަކްޝަދީބުގެ ވެރިކަން ކުރާ މަލިކުގެ ސްކޫލްތަކުގައި ދިވެހި ބަހާއި އަރަބި ބަސް ކިޔަވައިދިނުން ހުއްޓައިލަން އިންޑިއާގެ ލަކްޝަދީބު ސަރުކާރުން ނިންމުމާ ގުޅިގެން އެކަމާ ދެކޮޅަށް އަޑުއުފުލައި މަލިކު ރައްޔިތުން މުޒާހަރާ ކުރަން ފަށައިފި އެވެ.

އެ މުޒާހަރާތަކުގައި ގިނަ އަދަދެއްގެ މަލިކު ރައްޔިތުން ބައިވެރިވެފައިވާކަން ސޯޝަލްމީޑިއާގައި އާންމުކޮށްފައިވާ ވީޑިއޯތަކާއި ފޮޓޯތަކުން އެނގެ އެވެ. މަލިކު ރައްޔިތުން ގޮވައިލަމުން ދަނީ ދިވެހި ބަހާއި އަރަބި ބަސް އަލުން މަލިކުގެ މަންހަޖުގައި ހިމަނައިދިނުމަށެވެ.

މަލިކުގެ ސްކޫލްތަކުގެ މަންހަޖުން ދިވެހި ބަހާއި އަރަބި ބަސް އުނިކުރީ މާޗު 29، ގައި ސްކޫލްތައް ބަންދުކުރުމުންނެވެ. އެ ބަދަލު ގެނައީ ބެލެނިވެރިންނާއި ސްކޫލްތަކުގެ މެނޭޖުމެންޓުގެ އިތުރުން ޓީޗަރުންނާ ވެސް މަޝްވަރާ ނުކޮށެވެ.

ލަކްޝަދީބު ސަރުކާރުގެ އެ ނިންމުމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް އިންޑިއާގެ ގާނޫނު ހަދާ މަޖިލިސް، ލޮކް ސަބާގައި ލަކްޝަދީބު ޕްރަދޭޝް ތަމްސީލު ކުރައްވާ މެންބަރު، ހަމްދުއްލާ ސައީދު ވަނީ ސްކޫލްތަކުގައި ދިވެހި ބަސް ކިޔަވައިދިނުން ހުއްޓައިލުމަށް ސަރުކާރުން ނިންމި ނިންމުން ބަދަލުކޮށް ސްކޫލްތަކުގެ މަންހަޖުގައި އަލުން ދިވެހިބަސް ހިމަނައިދިނުމަށް އެދި ލަކްޝަދީބުގެ އެޑްމިނިސްޓްރޭޓަރަށް ސިޓީއެއް ވެސް ފޮނުއްވައިފަ އެވެ.

އެ ސިޓީގައި ހަމްދުއްލާ ވިދާޅުވެފައި ވަނީ ދިވެހި ބަހާއި އަރަބި ބަހަކީ މަލިކު ރައްޔިތުންގެ ސަގާފަތާއި ނަސްލާ ގުޅިފައިވާ ކަމެއް ކަމަށެވެ. އެގޮތުން ދީނާ ގުޅޭ ކަންކަން އުނގަންނައިދިނުމުގައި އަރަބިބަސް މުހިންމު ދައުރެއް އަދާކުރާއިރު، ދިވެހި ބަހަކީ އެމީހުންގެ ކާބަފައިން ވެސް އެ ބަހަކުން ވާހަކަދައްކައި އުޅުނު މަލިކުގެ އަސްލު ކަމަށް ހަމްދުއްލާ ވިދާޅުވެފައިވެ އެވެ.

އެހެންކަމުން އެ ބަސްތައް ސްކޫލްތަކުގެ މަންހަޖުން އުނިކުރުމަކީ އިންޑިއާގެ ގާނޫނާ ވެސް ހިލާފުކަމެއް ކަމަށް ވިދާޅުވެ އެކަމުގެ ހެކި ވެސް ހަމްދުއްލާގެ ސިޓީގައި ބަޔާން ކުރައްވާފައިވެ އެވެ.

މަލިކަކީ މީގެ ކުރިން ރާއްޖޭގެ އަތޮޅެއް ކަމަށް މުއައްރިހުން ވިދާޅުވެ އެވެ. އެގޮތުން ދިވެހި ތާރީހު ދިރާސާކުރެއްވި އަލްމަރުހޫމް އިބްރާހިމް ލުތުފީ ލިޔުއްވާފައިވާގޮތުން ކަޅު މުހައްމަދު ރަސްގެފާނު ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގަތުމާ ހަމައަށް ވެސް މަލިކަކީ ރާއްޖޭގެ އަތޮޅުތަކުގެ ތެރެއިން އަތޮޅެކެވެ.

ދިވެހީންނަށް މަލިކު ގެއްލުން ކަމަށް ތާރީހުގައި އޮންނަނީ ކަޅު މުހައްމަދު ރަސްގެފާނަށް ގެއްލިވަޑައިގެންނެވި ރަސްކަން އަލުން ހޯއްދަވަން އިންޑިއާގެ އަލީ ރާޖާގެ އެހީތެރިކަން ހޯއްދެވި ހޯދުންތަކުގެ ތެރެއިން މީލާދީން 1500 ގެ އަހަރުތަކުގައި ކަމަށް ބުނެވެ އެވެ.

ނަމަވެސް އޭގެފަހުން އިސްކަންދަރު ރަސްގެފާނުގެ ރަސްކަމުގައި، އަލީ ރާޖާގެ ތުރާ ބޮޑުވެގެން ހަމަލާދީ މަލިކު އަލުން ދިވެހީންގެ އަތްދަށަށް ގެނަ އެވެ. އެއީ މީލާދީން 1649 ގައި ކަމަށް ބުނެވެ އެވެ.

އޭގެފަހުން ދިވެހީންގެ އަތުން މަލިކު އަބަދުގެ އަބަދަށް ގެއްލުނު ކަމަށް ތާރީހު އިލްމުވެރިން ވިދާޅުވަނީ ކޮރުބަންޑާރައިންގެ ރަސްކަމުގައި މީލާދީން 1752 ވަނަ އަހަރު އެވެ. އެއީ އަލީ ރާޖާ ރާއްޖެއަށް ދިން ހަމަލާއެއްގެ ތެރެއިންނެވެ.

އިސްކަންދަރު ރަސްގެފާނުގެ ރަސްކަމުން ފެށިގެން ކޮރުބަންޑާރައިގެން ރަސްކަމާ ދެމެދު ފެންނާނެ ހުރި ރަސްމީ ލިޔެކިޔުންތަކުގައި ރާއްޖޭގެ ސަރަހައްދަކީ "މަލިކައްޑޫ" ކަމަށް ބަޔާން ކޮށްފައިވެ އެވެ.

މަލިކަކީ ރަސްމީކޮށް އިންޑިއާގެ ބައެއްގެ ގޮތުގައި ކަނޑައެޅުނީ އިންޑިއާ މިނިވަންވުމަށްފަހު ނެގުނު ސިއްރު ވޯޓަކުން ކަމަށް ބުނެވެ އެވެ. ނަމަވެސް އެ ވޯޓު ނެގި ހަނދާނެއް މިހާރު ދުނިޔޭގައި ތިބި މަލިކުގެ ދުވަސްވީ މީހުންގެ ހުރިކަމަކަށް ނުވެ އެވެ.

މަލިކުގައި ވާހަކަދައްކާ ރަސްމީ ބަހަލީ ދިވެހި ބަސް ނުވަތަ މަހަލް ބަހެވެ. މަލިކު މީހުން ލިޔެ އުޅެނީ ވެސް ތާނަ އަކުރު ބޭނުން ކޮށްގެންނެވެ.