ރ. މީދޫ އެކުވެރި ކްލަބުން އެ އަތޮޅުގައި ބާއްވާ އިންޓަ ރިސޯޓް ވޮލީބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ޖޯލި ބީން އިން ހޯދައިފި އެވެ.
ފައިނަލުގައި ކުޑަފުށި އަތުން ޖޯލި ބީން މޮޅުވީ 3-1 ސެޓުންނެވެ. މެޗުގެ ސެޓުތައް ގޮސްފައިވަނީ 25-22، 14-25، 17-25، އަދި 09-25 އިންނެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކީ ޖޯލި ބީން ޓީމުގެ މުހައްމަދު އަގީލް އެވެ.
ޖުމްލަ ހަ ޓީމެއް ވާދަކުރި މި މުބާރާތުގައި ޖޯލި ބީންގެ ފަރާތުން ފެނިގެންގޮސްފައިވަނީ ކޯޗު މުހައްމަދު ޝަރަފްގެ ބެލުމުގެ ދަށުން ރަނގަޅު ކުޅުމެކެވެ. މުބާރާތުގެ މޮޅު ކޯޗަކަށް ހޮވިފައިވަނީ ވެސް ޖޯލި ބީން ޓީމުގެ ކޯޗު ޝަރަފް އެވެ.
އެންމެ މޮޅު އައުޓްސައިޑް އެޓޭކަރަކަށް ޖޯލި ބީން ޓީމުގެ ސަޖިތު ލަހިރު އާއި ހުސެއިން އަލީ ހޮވުނުއިރު، ބެސްޓް ބްލޮކަރަކީ ކުޑަފުށި މޯލްޑިވްސްގެ ޒިނާގު އަލީ އާއި ޖޯލި ބީންގެ އަގީލް އެވެ. އެންމެ މޮޅު އޮޕޮސިޝަން އެޓޭކަރަކަށް ކޮރަ ކޮރަ މޯލްޑިވްސްގެ ގާޔަން ކީރްތީ ހޮވުނުއިރު، އެންމެ މޮޅު ސެޓަރަކީ ޖޯލި މޯލްޑިވްސްގެ އަލީ ރަޝީދު އެވެ. އެންމެ މޮޅު ލިބަރޯ އަކީ ޖޯލި މޯލްޑިވްސްގެ އަލީ ސަމީރު އެވެ. އެންމެ މޮޅު ޒުވާން ކުޅުންތެރިއަކީ ޖޯލި ބީންގެ ޝަރޫފް ޝާއިރު އެވެ.
އެންމެ މޮޅު ސަޕޯޓަރުންނަކީ ކުޑަފުށި ރިސޯޓް އެވެ.
ޗެމްޕިއަންކަން ހޯދި ޖޯލި ބީން އަށް 25000 ރުފިޔާގެ އިނާމެއް ދިންއިރު، ރަނަރަޕަށް ދިޔަ ކުޑަފުށި ޓީމަށް ވަނީ 10،000 ރުފިޔާގެ އިނާމެއް ދީފަ އެވެ.
Comment