Advertisement

މިއަހަރު ނިމުމުގެ ކުރިން ނ. އަތޮޅު އާރްޓީއެލް ފެރީން ގުޅާލާނެ ކަމަށް ރައީސް ވިދާޅުވެއްޖެ

13 އޮގަސްޓު 2023 - 10:59 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

މިއަދު ރައީސް ސޯލިހު ޅޮހީގައި. އެ ރަށަށް ވެސް ގިނަ ވައުދުތަކެއް ވެވަޑައިގެންނެވި --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


މިއަހަރު ނިމުމުގެ ކުރިން ނ. އަތޮޅު އާރްޓީއެލް ފެރީން ގުޅާލާނެ ކަމަށް ރައީސް ވިދާޅުވެއްޖެ

13 އޮގަސްޓު 2023 - 10:59 0

މި ހިނގަމުންދާ 2023 ނިމުމުގެ ކުރިން ނ. އަތޮޅުގައި މި ސަރުކާރުން ތައާރަފް ކުރި ރާއްޖެ ޓްރާންސްޕޯޓު ލިންކް (އާރުޓީއެލް) ގެ ހިދުމަތް ފަށައި ރަށްތަައް ދަތުރުފަތުރުގެ ނިޒާމުން ގުޅާލާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އެންމެ އުތުރުގެ ތިން އަތޮޅުގައި އެ ހިދުމަތް މިހާރު ފަށާފައިވީ ނަމަވެސް ނ. އަތޮޅުގައި ނުފަށައި އެހެން ބައެއް ދެކުނުގެ އަތޮޅުތަކުގައި އެ ހިދުމަތް ފެށުމުން އެ އަތޮޅު ރައްޔިތުންގެ ކަންބޮޑުވުންތަކެއް ހުއްޓެވެ. މިއަދު ނ. ޅޮއްސަށް ވަޑައިގެން ރައީސް ވަނީ ވައުދުތައް ފުރިހަމަވެގެން އަންނައިރު ރަނގަޅު ދަތުރުފަތުރުގެ ނިޒާމަކުން ރާއްޖެ ގުޅާލުމަކީ ވި ވައުދެއް ކަމަށް ވިދާޅުވެފަ އެވެ.

"އާރުޓީއެލްގެ ހިދުމަތް ދެން އަންނާނީ ނ. އަތޮޅަށް. މިހާރު ވަނީ އެކަމަށް ބޭނުންވާ ލޯންޗު ބަނުމަށް ކޮންޓްރެކްޓް ކޮށްފައި. އުންމީދަކީ މިއަހަރު ނިމުމުގެ ކުރިން މި އަތޮޅުގައި އެ ހިދުމަތް ފެށިގެން ދިޔުން," ރައީސް ވިދާޅުވި އެވެ.

އެއާއެކު ރަށްތަކަށް ހީނުކުރާ ވަރުގެ ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށާއި އެކަން ބޮޑު ތިލަދުންމަތިންނާއި ހުވަދޫ އަތޮޅުން ފެންނަމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި, ނ. އަތޮޅުގެ ރަށްތަކަށް ވެސް އޭގެ ސަބަބުން ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

މިއަދު ޅޮހީގެ ރައްޔިތުން ރައީސަށް މަރުހަބާ ދެންނެވުމަށް ނުކުންނަނީ. އެރަށުން ގިނަ އަދަދެއްގެ އެމްޑީޕީ ސަޕޯޓަރުން ނުކުތް --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


އެމަނިކުފާނު ވަނީ ގިނަ ރައްޔިތުން ތިބޭ ތަންތަނަށް އިސްކަން ދެއްވާނެ ކަމަށް އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވުމާ ގުޅިގެން އެކަމަށް އަނެއްކާ ވެސް ރައްދު ދެއްވާފަ އެވެ.

"ވާދަވެރިން ދައްކާ ވާހަކަތައް އިނގޭނެ. ތިމަންނަމެން އިސްކަން ދޭނީ, ތަރައްގީގެ މަޝްރޫއުތައް ހިންގާނީ ބޮޑެތި އާބާދީތަކަށޭ. އެއީ ކުރިން ވެސް ކަން ކުރި ގޮތް. ކުރިއަށް އޮތް ތަނުގައި ވެސް ކުރާނީ އެހެންނޭ އެ ވިދާޅުވަނީ. އެއީ އަޅުގަނޑުމެންގެ ސިޔާސަތެއް ނޫން," ރައީސް މިއަދު ޅޮހީގައި ވިދާޅުވި އެވެ.

ޅޮއްސަށް ރައީސްގެ ވައުދު

  • ގިރާ ސަރަހައްދު ހިމާޔަތްކޮށް ޓޫރިސްޓު ބީޗެއް ގާއިމުކުރުން
  • ހެލްތު ސެންޓަރު 24 ގަޑިއިރަށް ބަދަލުކޮށް ލެބޯޓަރީގެ ހިދުމަތް ލިބޭ ގޮތް ހަދާނަން
  • ސްކޫލަށް ބޭނުންވެފައި އޮތް މަލްޓިޕާޕޯސް ހޯލާއި ރިސޯސް ރޫމް ގާއިމުކުރުން
  • ރަށު ކައުންސިލް އިދާރާ އެޅުން
  • ޒަމާނީ ވަސީލަތްތަކާ އެކު ޔޫތު ސެންްޓަރެއް އެޅުން

އޭގެ އިތުރުން, ޅޮހީގެ ފެނާއި ނަރުދަމާގެ މަސައްކަތްތައް ހަވާލުކުރި ކުންފުނިން އެ މަސައްކަތް ކުރިއަށް ނުގެންދާތީ ކޮންޓްރެކްޓު ބާތިލުކޮށް ސަރުކާރުގެ ކުންފުންޏަކާ ހަވާލުކުރަން ނިންމާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ހަމައެހެންމެ, އެ ރަށުގެ ބަނދަރު ހެދުމުގެ މަސައްކަތް ވެސް އެމްޓީސީސީއާ ހަވާލުކޮށްފައިވާ ކަމަށާއި އެ މަސައްކަތް ޝެޑިއުލާ އެއްގޮަތަށް ނިމިގެންދާނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ރައީސް ވިދާޅުވި އެވެ.

އާރްޓިއެލް ފެރީގެ ހިދުމަތް މިހާރު ފަށާފައި ވަނީ އެންމެ ރާއްޖޭގެ އެންމެ އުތުރުން ހއ. އަދި ހދ. އަތޮޅާއި ށ. އަތޮޅާއި ޅ. އަތޮޅުގެ އިތުރުން ދެކުނުން ގއ. އަދި ގދ. އަތޮޅުގަ އެވެ. މި މަޝްރުއޫގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފައި ޖެނުއަރީ 2021 ގަ އެވެ.

ޖުމުލަ 69 ރަށް އޮންނަ ނ. އަތޮޅުގައި މީހުން ދިރިއުޅެނީ 13 ރަށުގަ އެވެ. އެ އަތޮޅުގައި އެއާޕޯޓު އޮންނަނީ ނ. މާފަރުގަ އެވެ. އާރުޓީއެލްއާއެކު މި ހުރިހާ ރަށެއް އެއް ފެރީ ވިއުގައަކުން ގުޅާލާނެ އެވެ.