12 އޮގަސްޓު 2023 - 13:14 2
މަރިޔަމް އަފާ ނިޒާމް
ރައީސް ސޯލިހު ކުޑަފަރީގައި ވާހަކަފުޅުދައްކަވަނީ -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު
12 އޮގަސްޓު 2023 - 13:14 2
ފަޅެއް، ރަށެއް ނުވަތަ ސަރުކާރަން ދައްކަންޖެހޭ ފައިސާއެއް މައާފުކުރުން ފަދަ އެހެން ބޭނުންމެއްގައި އުޅޭ ބައިވެރިއެއް އެމްޑީޕީގެ ކޯލިޝަނުގައި ނެތް ކަމަށް ރައީސުލްޖުމުހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ސެޕްޓެމްބަރު ނުވައެއްގައި ބާއްވާ ރިޔާސީ އިންތިހާބަށް ކެމްޕެއިންކުރަން އެމްޑީޕީން ނ. ކުޑަފަރީގައި ބޭއްވި ޖަލްސާގައި އެޕާޓީގެ ރިޔާސީ ކެންޑިޑޭޓްގެ ހައިސިއްޔަތުން ރައީސް ވިދާޅުވީ މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް އެމްޑީޕީން އެމްޑީއޭ އަދި އަދާލަދު ޕާޓީއާއިއެކު ހަދާފައިވާ ކޯލިޝަނުގައި ތިއްބެވީ ގާބިލު ބޭފުޅުން ކަމަށެވެ.
އެމްޑީއޭގެ ރައީސް މުހައްމަދު ޝިޔާމް އަދި ކޯލިޝަނުގެ ރަނިން މޭޓް މުހައްމަދު އަސްލަމްގެ އިތުރުން އެމަނިކުފާނަކީ ވެސް ގިނަ އަހަރުތަކެއް ވަންދެއް ރައްޔިތުންނަށް ހިދުމަތްކުރައްވާފައިވާ ބޭފުޅުން ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވި އެވެ.
"ޝިޔާމް އަޅުގަނޑުމެންނާއިއެކީ ބައިވެރިވަޑައިގެން އެ އިންނެވީ ހަތަރު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ކާމިޔާބުކުރެއްވުމަށް ފަހު. އަޅުގަނޑުގެ ރަނިންމޭޓް މުހައްމަދު އަސްލަމް ވެސް ހަތަރު ފަހަރު ކާމިޔާބު ކުރެއްވި. އަޅުގަނޑު މިތަނަށް އައިސް މިހިރީ ރައްޔިތުންގެ މަޖިލީހުގެ ފަސް އިންތިހާބާ ރިޔާސީ އިންތިހާބެއް ކާމިޔާބު ކޮށްގެން،" ކޯލިޝަނުގެ ބައިވެރިންގެ ތަޖުރިބާހުރިކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.
ރައްޔިތުންގެ އިހުސާސްތަކާއި ބޭނުންތައް އެހެންވީމާ ކޯލިޝަނުގެ ބައިވެރިންނަށް ފަސޭހައިން އެނގޭނެކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެމަނިކުފާނާއި ކޯލިޝަނުގެ ބައިވެރިން އެއްވެސް އެއްޗެއް ބޭނުންނުވާކަމަށް ވެސް ވިދާޅުވި އެވެ.
"މި ކޯލިޝަނަކުންނެއް މިދަންނަވާހެން ފަޅެއްގެ ބޭނުމުގަ، ރަށެއްގެ ބޭނުމުގަ، ނޫނީ ސަރުކާރަށް ދައްކަން އޮތް ފައިސާ މައާފުކުރަން އެދޭނެ އެއްވެސް މީހެއް ނެތް،" ރައީސް ސޯލިހު ފާހަގަކުރެއްވި އެވެ.
ކޯލިޝަނުގެ ހަމައެކަނި މަގުސަދަކީ ރައްޔިތުންނަށް ހިދުމަތްކުރުން ކަމަށާއި ފަށާފައި ހުރި މަސައްކަތްތައް ނިންމައި އައު މަސައްކަތްތައް ވެސް ފަށައިގެން ނިންމުމަކީ އަމާޒް ކަމަށް ވިދާޅުވާ ވިދާޅުވުން ރައީސް މިއަދު ވެސް ތަކުރާރުކުރެއްވި އެވެ.
ރައީސް މި މޭރުމުން ވާހަކަދެއްކެވި އިރު، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާ ގްރޫޕަށް ދޫކޮށްފައި އޮތް ކ. ވާވެއްދި ފަޅު ވިއްކާލުމުގެ މުއާމަލާތް ހުއްޓުވަން އެންޓި ކޮރަޕްޝަން ކޮމިޝަނުން މިއަހަރު އުމުރު ކުރި އެވެ. ފަހުން އޭސީސީން އެ އަމުރު ބާތިލުކުރި ނަމަވެސް މިއަދާ ހަމައަށް އެ ފަޅާ ގުޅިގެން ބެލީ ކޮން މައްސަލައެއް ކަމެއް ނުބުނެ އެވެ.
ވާވެއްދި ފަޅު މިހާރު ވަނީ އިސްތިސްމާރު ހޯލްޑިންސް އަށް ވިއްކާލާފަ އެވެ.
ކ. ވާވެއްދި ފަޅަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައިި ދޫކުރުމަށް ފަހު، ދޫކުރި ބޭނުމާ އެއްގޮތަށް މަސައްކަތް ކުރިއަށް ނުދާ ކަމަށް ބުނެ ވިލާ ގްރޫޕުގެ އަތުން އަތުލި ރަށްތަކާއި ފަޅުތަކުގެ ތެރޭގައި ހިމެނޭ ފަޅެކެވެ. އެ މައްސަލައިގައި ދެން ހިމެނެނީ ކ. ބޮލިދިއްފަރާއި ރ. މާނެންފުއްޓާއި ގދ. ގަޒީރާ އާއި ކ. މާދިއްގަރުފަޅެވެ.
އެއްބަސްވުންތައް ބާތިލުކުރި މައްސަލަ ވިލާއިން ކޯޓަށް ވެއްދުމުން ސިވިލް ކޯޓުން ނިންމީ އެ ކުންފުންޏާ އެއްކޮޅަށެވެ. ނަމަވެސް ހައިކޯޓުން އެ މައްސަލަ ނިމުނީ އެ ކުންފުންޏާ ދެކޮޅަށެވެ. ރަށްތަކާއި ފަޅުތައް ވިލާއަށް އަލުން ލިބުނީ ސަރުކާރުން އެ ތަންތަނުގެ އެއްބަސްވުން ބާތިލްކުރީ ގާނޫނާ ހިލާފަށް ކަމަށް ސުޕްރީމް ކޯޓުން ނިންމުމުންނެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment