Advertisement

ވާވެއްދިފަޅު ވިއްކާލީ ގަތަރުގެ އިސްތިސްމާރު ހޯލްޑިންއަށް

7 އޮގަސްޓު 2023 - 11:21 0

އަމަން ހަލީމް

އަމަން ހަލީމް

ކ. ވާވެއްދިފަޅު: މިއީ 467 ހެކްޓަރުގެ ބޮޑު ފަޅެއް


ވާވެއްދިފަޅު ވިއްކާލީ ގަތަރުގެ އިސްތިސްމާރު ހޯލްޑިންއަށް

7 އޮގަސްޓު 2023 - 11:21 0

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާ ގްރޫޕަށް ދޫކޮށްފައި އޮތް ކ. ވާވެއްދި ފަޅު ވިއްކާލީ ވޮލްޑޯފް އެސްޓޯރިއާ އިތާފުށި ތަރައްގީ ކުރި، ގަތަރުގެ އިސްތިސްމާރު ހޯލްޑިންގްސް އަށް ކަން ކަށަވަރުވެއްޖެ އެވެ.

ވާވެއްދި ފަޅުގެ މައްސަލަ އާންމުންގެ ސަމާލުކަމަށް އައީ އެ ފަޅު ވިއްކާލުމުގެ މުއާމަލާތް ހުއްޓުވަން އެންޓި ކޮރަޕްޝަން ކޮމިޝަނުން އަމުރު ކުރުމުންނެވެ. ފަހުން އޭސީސީން އެ އަމުރު ބާތިލުކުރި ނަމަވެސް މިއަދާ ހަމައަށް އެ ފަޅާ ގުޅިގެން ބެލީ ކޮން މައްސަލައެއް ކަމެއް ނުބުނެ އެވެ.

އޭރު ގާސިމް ތުހުމަތުކުރެއްވީ އޭސީސީން އަމުރު ނެރުނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ސަރުކާރުން އެދިގެން ކަަމަށެވެ.

ވާވެއްދި ފަޅު ގަތް އިސްތިސްމާރު ހޯލްޑިންސް އިން ހާމަކޮށްފައިވާ ގޮތުގައި، އެ ފަޅުގައި ހިންގަނީ 343 މިލިއަން ޑޮލަރު (5.3 ބިލިއަން ރުފިޔާ) ގެ ބިޔަ މަޝްރޫއެކެވެ.

އެތަނުގައި ތަރައްގީކުރާ ރިސޯޓު ހިންގަން ހަމަޖެހިފައިވަނީ އަލްޓްރާ-ލަގްޒަރީ، ރޯސްވުޑް ހޮޓެލްސް އެންޑް ރިސޯޓްސް ބްރޭންޑިންގައި، އެ މެނޭޖްމަންޓުގެ ދަށުންނެވެ. އެ ރިސޯޓު ވެގެންދަނީ މި ބްރޭންޑުން ރާއްޖޭގައި ހިންގާ ފުރަތަމަ ރިސޯޓެވެ.

ވާވެއްދިފަޅު

  • ބޮޑުމިން - 467 ހެކްޓަރު
  • ކުއްޔަށް ދޫކުރި ތާރީހު - 12 ޑިސެމްބަރު 2013

އިސްތިސްމާރުން ބުނީ 120 ކޮޓަރި ހުންނަ މި ރިސޯޓު ދެ އަހަރުގެ ތެރޭގައި ތަރައްގީކޮށް ނިންމާ 2025ގެ ކުރީކޮޅު ހުޅުވާނެ ކަމަށެވެ.

ކ. ވާވެއްދި ފަޅަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައިި ދޫކުރުމަށް ފަހު، ދޫކުރި ބޭނުމާ އެއްގޮތަށް މަސައްކަތް ކުރިއަށް ނުދާ ކަމަށް ބުނެ ވިލާ ގްރޫޕުގެ އަތުން އަތުލި ރަށްތަކާއި ފަޅުތަކުގެ ތެރޭގައި ހިމެނޭ ފަޅެކެވެ. އެ މައްސަލައިގައި ދެން ހިމެނެނީ ކ. ބޮލިދިއްފަރާއި ރ. މާނެންފުއްޓާއި ގދ. ގަޒީރާ އާއި ކ. މާދިއްގަރުފަޅެވެ.

އެއްބަސްވުންތައް ބާތިލުކުރި މައްސަލަ ވިލާއިން ކޯޓަށް ވެއްދުމުން ސިވިލް ކޯޓުން ނިންމީ އެ ކުންފުންޏާ އެއްކޮޅަށެވެ. ނަމަވެސް ހައިކޯޓުން އެ މައްސަލަ ނިމުނީ އެ ކުންފުންޏާ ދެކޮޅަށެވެ. ރަށްތަކާއި ފަޅުތައް ވިލާއަށް އަލުން ލިބުނީ ސަރުކާރުން އެ ތަންތަނުގެ އެއްބަސްވުން ބާތިލްކުރީ ގާނޫނާ ހިލާފަށް ކަމަށް ސުޕްރީމް ކޯޓުން ނިންމުމުންނެވެ.