Advertisement

އާ ސަބްމެރިން ކޭބަލާއެކު ސްޕީޑު ދެ ގުނަވެ ޖީބަށް ލުއި ވެގެންދާނެ: ރައީސް

11 އޮގަސްޓު 2023 - 17:54 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު


އާ ސަބްމެރިން ކޭބަލާއެކު ސްޕީޑު ދެ ގުނަވެ ޖީބަށް ލުއި ވެގެންދާނެ: ރައީސް

11 އޮގަސްޓު 2023 - 17:54 0

އޯޝަން ކަނެކްޓު މޯލްޑިވްސް (އޯސީއެމް) އާ ހަވާލުކޮށްގެން ބައިނަލްއަގްވާމީ ސަބްމެރިން ކޭބަލްގެ ވިއުގައާ ރާއްޖެ ގުޅާލުމަށް ކުރިއަށްގެންދިޔަ މަޝްރޫއުގެ ސަބަބުން މުއާސަލާތީ ހިދުމަތްތަކަށް ރައްޔިތުން ކުރާ ހޭދަ ބޮޑުތަނުން ދަށް ކުރެވި ސްޕީޑު ދެ ގުނަ ހަލުވި ވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މިއަދު ހަވީރު އިންޑިޔާ އޭޝިޔާ އެކްސްޕްރެސް ސަބްމެރިން ކޭބަލް ރަސްމީކޮށް ދިވެހިރާއްޖެއާ (ހުޅުމާލެ) ގުޅައިލުމުގެ ހަފުލާ ޝަރަފުވެރި ކޮށްދެއްވީ ރައީސް އެވެ. އެމަނިކުފާނު މިކަން ސިފަކުރެއްވީ ޑިޖިޓަލް ދިވެހި ޖީލުގެ ފެށުމުގެ ގޮތުގަ އެވެ.

"މި ސަބްމެރިން ކޭބަލްއާ އެކު ދިވެހި ރައްޔިތުން ގޮވައިގެން, ހާއްސަކޮށް ދިވެހި ޒުވާނުން ގޮވައިގެން އަޅުގަނޑުމެން ދަތުރު މި ފަށަނީ މުޅިން އާ ދުނިޔެއަކަށް. މިއީ ހަމައެކަނި މުއާސަލާތީ ގޮތުން ކުރެވޭ ކަމެއް ނޫން. ޑިޖިޓަލް ދުނިޔޭގެ އުދަރެސްތައް އެއަށްވުރެ މާ ފުޅާ," ރައީސް ސޯލިހު ވިދާޅުވި އެވެ.

އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި މިހާރު ސިއްހީ ހިދުމަތްތަކާއި ތައުލީމީ ނިޒާމުތައް ވެސް ފުރިހަމައަށް ހިންގަމުންދަނީ އިންފޮމޭޝަން ޓެކްނޮލޮޖީގެ އެހީގަ އެވެ. އެގޮތުން, ދުނިޔެ ދެކެމުންދާ ހަލުވި ކުރިއެރުމުގެ އަސްލަކީ ޑިޖިޓަލް އިގްތިސޯދު ކަމަށް ރައީސް ވިދާޅުވި އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ރައީސް ވާހަކަފުޅު ދައްކަވަނީ. އިންޓަނެޓުގެ އަގުތަކަށް ބަދަލު އަންނާނެ ކަމަށް ވިދާޅުވި --- ފޮޓޯ: ރައީސް އޮފީސް


މުޅި ދުނިޔެއިން ވެސް މިދިޔަ 80 އަހަރު ތެރޭ ޓެކްނޮލޮޖީ އާއި މުއާސަލާތީ ދާއިރާއިން ބޮޑެތި ކުރިއެރުންތަކެއް ހޯދި ނަމަވެސް އަދިވެސް ދިވެހިން ފަހައި ދުވަން ޖެހިފައިވަނީ އިންޓަނެޓުގެ ސްޕީޑާއި މޯބައިލް ރޭންޖު ކަމަށް ރައީސް ވިދާޅުވި އެވެ.

މިއީ ދިވެހިންނަށް ހައްގު މިންވަރެއް ނޫން ކަމަށް ވިދާޅުވެ ރައީސް ވަނީ އާ ސަބްމެރިން ކޭބަލާ އެކު ޑިޖިޓަލް ދުނިޔޭގައި ދިވެހިންނަށް ފައިހަމަކުރަން މަގުފަހިވެގެންދާނެ ކަމަށް ވިދާޅުވެފަ އެވެ.

"އަޅުގަނޑުމެންގެ ކޭބަލް ވިއުގައާ ގުޅުމުން ހިދުމަތް ދިނުމަށް ކުރާ ހޭދަ އެތައް ގުނައެއް ކުޑަ ވާނެ. އޭރުން ރައްޔިތުންގެ ޖީބަށް ލުއި އަދި މިހާރަށް ވުރެ ދެ ގުނަ ހަލުވި ސްޕީޑުގައި އިންޓަނެޓުގެ ހިދުމަތް ދެވޭނެ. އެ މީހަކު ހުރި ރަށަކުން ފެންވަރު ރަނގަޅު ސިއްހީ ހިދުމަތް ދިނުމަށް ކުރާ މަސައްކަތަށް ބޮޑު ކުރިއެރުމެއް ލިބޭނެ. ސެޓަލައިޓް ސްކޫލުތައް މިހާރަށް ވުރެ މާ ފުރިހަމައަށް ކުރިއަށް ގެންދެވޭނެ," ރައީސް ވިދާޅުވި އެވެ.

މި ޒަމާނުގެ އިގްތިސޯދުގެ ނާރެހަކީ އިންފޮމޭޝަން ޓެކްނޮލޮޖީ ކަމަށާއި ގައުމުތަކުގެ އުފެއްދުންތެރިކަން ވެސް އެއާއެކު ކުރިއަރައި ދާ ކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން, އެއީ ތިމާވެއްޓަށް ވެސް ލިބޭ އިތުރު ރައްކާތެރި ކަމެއް ކަމަށާއި ތިންވަނަ ގައުމެއް މެދުވެރި ނުވެ ރާއްޖެއަށް ލިބޭނެ ގޮތް ހަމަޖެއްސުމަކީ ރާއްޖެއަށްޓަކައި ކޮންމެހެން ބޭނުންތެރި ކަމެއްގެ ގޮތުގައި ދެކެވަޑަައިގެންނެވި ކަމަށް ރައީސް ވިދާޅުވި އެވެ.

ސަރުކާރުގެ ޑިޖިޓަލް ރާއްޖޭގެ ސިޔާސަތުގެ ދަށުން ދައުލަތުން އިންވެސްޓުކޮށްގެން އެޅި މި ކޭބަލްއަކީ އިންޓަނެޓުގެ އަގު ހެޔޮ ކުރުމާއި ސްޕީޑު ހަލުވި ކުރުމާ އެކު، ޑޭޓާ އެކްސްޕޯޓު ފަދަ ވިޔަފާރިތަކަށް ހުޅުވާލުމުގެ މަގުސަދުގައި އެޅި ކޭބަލްއެކެވެ. ސަރުކާރުން ބުނަނީ މި ކޭބަލްގެ ސަބަބުން މުސްތަގުބަލުގައި ގިނަގުނަ ފައިދާތަކެއް ކުރާނެ ކަމަށެވެ.

މި ސަރުކާރުން ވަނީ މެއި 26، 2021 ގައި މިހާރު ދެމުންދާ އިންޓަނެޓުގެ ހިދުމަތް ހެޔޮކޮށްފަ އެވެ. ރާއްޖޭގައި އިންޓަނެޓުގެ ހިދުމަތް މިހާރު ދެނީ އުރީދޫ މޯލްޑިވްސް އާއި ދިރާގު އަދި އާރުއޯއެލްއިންނެވެ.

ފްރާންސުގެ މާސޭ އާއި ސިންގަޕޫރާ ދެމެދު އަޅާ އައިއޭކްސް ކޭބަލް ރާއްޖެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ. ދިގުމިނުގައި 19،200 ކިލޯމީޓަރުގެ މި ކޭބަލް ވިއުގަ ގުޅާލާ ގައުމުތަކުގެ ތެރޭގައި ރާއްޖޭގެ އިތުރުން ހިމެނެނީ މެލޭޝިއާ، ބަންގްލަދޭޝް، ސްރީ ލަންކާ، އިންޑިއާ، ޕާކިސްތާނު، ސައުދީ އަރަބިއާ އަދި މިސްރެވެ.