Advertisement

އުންމަތުގެ "ރައީސްކަމަށް" އުސްމާންގެފާނު ވަޑައިގެންނެވީ ކިހިނެއް؟

11 އޮގަސްޓު 2023 - 07:45 0

ރޫޙުލްއަމީން ޢަބްދުﷲ

ރޫޙުލްއަމީން ޢަބްދުﷲ


އުންމަތުގެ "ރައީސްކަމަށް" އުސްމާންގެފާނު ވަޑައިގެންނެވީ ކިހިނެއް؟

11 އޮގަސްޓު 2023 - 07:45 0

އިސްލާމީ ނިޒާމު ދައްކާ މަގަކީ، ކަމުވޮށިވެގެންވާ މީހުން އިހުތިޔާރުކުރާ ވަރުގަދަ ލީޑަރުންގެ ތެރެއިން މީހަކު ނުވަތަ ބަޔަކާމެދު ވީހާ ގިނަ މީސްތަކުންގެ ހިޔާލާ މަޝްވަރާ ހޯދުމަށް ފަހު އެ މީހަކީ ވެރި މީހާކަމަށް އެހެން އެންމެން އެއްބަސްވެ ބައިއަތު ހިފުމެވެ. އަމިއްލައަށް ވެރިކަމަށް އައުމެއް ނޫނެވެ. މިހެންވެ މަތީގައި އޮތް ސުރުހީ އިސްލާމީ ފޭރާމަށް ލީމާ ހަގީގަތުގައި ބުނަން ޖެހޭނީ "ތިން ވަނަ ހަލީފާކަމަށް އުސްމާންގެފާނަށް މުސްލިމުން ބައިއަތު ހިފީ ކީއްވެ؟" ނުވަތަ ހިފެވުނު ގޮތް ނޫން ނަމަ "ތިންވަނަ ހަލީފާކަމަށް އުސްމާންގެފާނު އިސްކުރެވުނު ގޮތް" މިކަހަލަ ގޮތަކަށެވެ. އެކަމަކު މިޒާނުގައި ކަންހިނގާ ގޮތަށް ބަލާއިރު، އާންމުންގެ ވިސްނުމަށް އަޅުގަނޑުގެ މަޒުމޫނުގެ މައުލޫ ފަސޭހައިން ވައްދައިދިނުމުގެ ބޭނުމަށް އެ ސުރުހީ އެގޮތަށް އޮތުން މުހިންމުކަމުގައި ފެނުނީ އެވެ.

މި ދެ ސުރުހީގެ ތަފާތު މިގޮތަށް މިތާނގައި ގެނެސްދިނުމުގެ އެހެން މަގުސަދެއް ވެސް އަޅުގަނޑުގެ އެބަ އޮތެވެ. އެއީ އަހަރެމެންގެ އިސްވެދިޔަ ހެޔޮ ގަރުނުގެ މީހުން އަމަލުކުރަމުން އައި އިސްލާމްދީން ދެއްކި ރީތި ގޮތާއި، އަހަރެމެން މިޒަމާނުގައި މުސްލިމުން މިއަމަލުކުރަމުންދާ ގޮތުގައި ހުރި ތަފާތާއި ފަރަގުގެ ބޮޑުކަން ދެއަކުރުގެ ތަފާތަކުން ބުނެދޭކަން ފާހަގަކޮށްލުމެވެ.

މިސިލްސިލާގެ މަޒުމޫނުތަކުގައި، އަޅުގަނޑު ގެނެސްދީފައިވާ "ޚިލާފަތެއްގެ ފެށުން" އަދި "ބޮޑުންގެ ހައިސިއްޔަތު ނުވަތަ ކަމުވޮށީން" އަދި "ޚަލީފާ އުމަރު އައްޔަން ކުރެވުނު ގޮތް، ސިޔާސީ އެތައް ފިލާވަޅެއް" މި ލިޔުންތަކުގައި، މުސްލިމުންގެ ފުރަތަމަ އަދި ދެވަނަ ޚަލީފާއަށް ބައިއަތު ހިފެވުނު ގޮތުގެ ތަފުސީލުތައް ގެނެސްދީފައިވާނެ އެވެ. އަދި މި ލިޔުންތައް މިހާރު ވިދާޅުވެއްޖެނަމަ ރާއްޖޭގެ ސިޔާސީ މަސްރަހުން މިހިރަ ފެންނަ މަންޒަރުތައް، އަޅުގަނޑުމެންގެ އެ ރަންޒަމާނުގެ ތާރީހަށް ހުށަހަޅާލައިގެން ވިސްނާފިކުރު ހިންގާލުމުގައި، ސިކުނޑިއަށް ހާއްސަ ކަސްރަތަކާއި އަރާމެއް ލިއްބައިދޭނެއެވެ. ތަޖުރިބާކޮށްލައްވާށެވެ! މިލިޔުމުގައި މިބަލާލަނީ އެފަދަ އަނެއް މުހިންމު ހާދިސާއަށެވެ. އެއީ ތިންވަނަ ޚަލީފާ އިސްކުރެވުނު ގޮތެވެ. މިފަހަރު އަދި މުޅިން ތަފާތެވެ.

އުމަރުގެފާނުގެ ހިލާފަތުގައި، މުސްލިމުންނައިގެން އިމާމްވެ ފަތިސް ނަމާދު ކުރައްވަން ހުންނަވަނިކޮށް، މީހަކު ޓެރަރިޒަމްގެ ހަމަލާއެއް ދިނެވެ. ވިހަލާފައިވާ ހަންޖަރަކުން ދިން މިހަމަލާއާއެކު އުމަރުގެފާނު ޝަހީދުވުމުގެ ދާންމަތިކޮޅަށް ހުށަހެޅިއްޖެ އެވެ. ދާންމަތިކޮޅުގައި އޮންނަވައި، ހަ ބޭކަލެއްގެ މައްޗަށް އެކުލެވޭ މަޝްވަރާ މަޖިލީހެއް ކަނޑައެޅުއްވީ ތިންވަނަ ޚަލީފާކަމަށް ގެންނާނެ ބޭކަލެއް ހަމަޖެއްސުމުގެ ޒިންމާ އެބޭކަލުންނާ މަތިކުރައްވަމުންނެވެ. އަދި ޚަލީފާކަމަށް އެންމެ އައުލާވެގެންވަނީ އޭގެ ތެރެއިން ބޭކަލަކުކަންވެސް ބަޔާންކުރައްވަމުންނެވެ.

ކީރިތި ޤުރުއާނުގައި، މުއުމިނުން ސިފަކުރެއްވުމުގައި ބަޔާންކުރައްވާފައިވަނީ މުސްލިމުން ކަންކަން ހިންގަނީ މަޝަވަރާގެ މަތީންކަމަށެވެ. މަޝްވަރާކުރަންވީ ވަކި ގޮތެއް ވަކި ނިޒާމެއް އެންގެވުމުގެ ބަދަލުގައެވެ. އަބޫބަކުރުގެފާނު ޚަލީފާކަމަށް އައްޔަންކުރެވުނީ ވެސް މަޝްވަރާގެ މަތީންނެވެ. އުމަރުގެފާނު ޚަލީފާކަމަށް އިސްކުރެވުނީވެސް މަޝްވަރާގެ މަތީންނެވެ. އެކަމަކު މަޝްވަރާކުރެވުނު ގޮތާއި ވައްޓަފާޅިއާއި ނިޒާމު ތަފާތެވެ. އުސްމާންގެފާނު ޚަލީފާކަމަށް އިސްކުރެވުމަށް މަޝްވަރާކުރެވުނު ނިޒާމު އަދި މާ ތަފާތެވެ. އެކަމަކު ތަރުތީބުވެފައި ފުރިހަމައެވެ.

ދެންނެވުނު ފަދައިން ކަނޑައެޅުނު މަޝްވަރާ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ހަ ބޭކަލުންނަކީ، އުސްމާން ބިން ޢައްފާން، އަލީ ބިން އަބީ ޠާލިބް، އަބްދުއްރަހްމާން ބިން ޢައުފް، ސައުދު ބިން އަބީ ވައްޤާޞް، ޠަލްޙާ ބިން ޢުބައިދިﷲ، ޒުބައިރު ބުނުލްޢައްވާމް މި ހަ ބޭކަލުންނެވެ. އެއަށްފަހު ދަރިކަލުން ޢަބްދުﷲ ގެންނަވާފައި އެމަޖިލީހުގެ ކަންކަން ބެލެހެއްޓެވުން ދަރިކަލުންނާ ހަވާލުކުރެއްވިއެވެ. އަދި އެއްވެސްގޮތަކުން ޚަލީފާކަމުގެ ހައްގު ދަރިކަލުންނަށް ނުވާކަން ސާފުކޮށް އުމަރުގެފާނު ބަޔާންކޮށްދެއްވިއެވެ. މިޒަމާނުގެ ގޮތުންނަމަ ދަރިކަލުންނާ ހަވާލުކުރެއްވީ އެމަޖިލީހުގެ ސެކްރެޓޭރިއެޓް ކަމުގައި ފެނެއެވެ. ދެންނެވުނު ހަ ބޭކަލުން އުމަރުގެފާނު ކަނޑައެޅުއްވީ ވަކި ހަމަތަކެއް ބައްލަވައިގެންނެވެ. އަދި އެ ހަބޭކަލުންނާމެދު އުމަރުގެފާނު ވިދާޅުވީ ޚަލީފާކަން މި ހަބޭކަލުންގެ ތެރެއިން ބޭކަލަކަށްވުރެ އެހެން މީހަކަށް އައުލާކަމުގައި ފެނިވަޑައި ނުގަންނަވާކަމަށެވެ.

މި ހަ ބޭކަލުންނަކީ ދިރިތިއްބަވަނިކޮށް ސުވަރުގެ ވަންނާނެކަމުގެ އުފާވެރި ޚަބަރު މާތް ނަބިއްޔާގެ ދޫފުޅުން ލިބިވަޑައިގަތް ބޭކަލުންގެ ތެރެއިން، އެހާރަށް ދުނިޔޭގައި ބާކީ ތިއްބެވި ހަތް ބޭކަލުންގެ ތެރެއިން ހަބޭކަލުންނެވެ. އުމަރުގެފާނު މި މަޖިލީހުގައި ނުހިމަނާ ދޫކޮށްލެއްވި، ސަޢީދު ބިން ޒައިދަކީ އުމަރުގެފާނާ ދެބެންގެ ދެދަރި ބޭކަލެކެވެ. އާދޭހެވެ. ވެރިކަމަކީ ތިމާގެ ކަމާއި ވާރުތައިން އޮންނަންވީ އެއްޗެއް ނޫންކަމަށް އުމަރުގެފާނު ދެކެވަޑައިގަތެވެ.

އަދި ވަރަށް މުހިންމު އެހެން ކަމެއް ކުރެއްވިއެވެ. އެއީ އައު ޚަލީފާއަކު އައްޔަންކުރެވެންދެން މީސްތަކުންނައިގެން އިމާމްވެ ނަމާދުކުރުން، ޞުހައިބްގެފާނާ ހަވާލުކުރެއްވުމެވެ. އެ މަޖިލީހުގައި ނުހިމެނޭ ބޭކަލެކެވެ. މާތް ނަބިއްޔާގެ ދުވަސްވަރުގައި މާތް ނަބިއްޔާ މަދީނާގައި ހުންނަވާއިރު، އިމާމްވެ ނަމާދުކުރައްވަނީ މާތް ނަބިއްޔާއެވެ. ޚަލީފާ އަބޫބަކުރު އަދި ޚަލީފާ އުމަރު ވެސް މަދީނާގައި ހުންނަވާނަމަ، މީސްތަކުންނައިގެން އިމާމްވެ ނަމާދުކުރައްވާނީ ޚަލީފާއެވެ. އެހެންވީމާ ދެންނެވުނު މަޝްވަރާ މަޖިލީހުގެ ތެރެއިން ބޭކަލަކާ އިމާމްކަން ހަވާލުކުރެވުނު ނަމަ، އުމަރުގެފާނު ވަކި ބޭކަލަކު އިޚްތިޔާރުކުރެއްވީކަމުގައި މީސްތަކުންނަށް ހީވެދާނެއެވެ. އާދޭހެވެ! އުމަރުގެފާނު ވަކި ބޭކަލަކަށް ތާއީދުކުރެއްވުމުގެ ބަދަލުގައި ދެންނެވުނު ހަބޭކަލުންގެ ތެރެއިން އިޚްތިޔާރުކުރުން ކަނޑައެޅުއްވިއެވެ.

ދެން ކަންތައްވީ ގޮތް ވިދާޅުވާށެވެ! ދެންނެވުނު މަޖިލިސް އެއްވެ ހަބޭކަލުން މަޖިލިސް ފަށައިފިއެވެ. އެއާއެކު ތިމަންކަލޭގެފާނަށްވުރެ ވެރިކަމަށް އައުލާވެގެންވަނީ އަބްދުއްރަޙްމާން ބިން ޢައުފް ކަމުގައި ސަޢުދު ބިން އަބީ ވައްޤާޞް ވިދާޅުވެ އެކަލޭގެފާނަށް އޮތް ހައްގު އަބްދުއްރަޙްމާން ބިން ޢައުފްއަށް ދެއްވައިފިއެވެ. މިގޮތަށް ޒުބައިރު ބުނުލް ޢައްވާމް އެކަލޭގެފާނުގެ ހައްގު އަލީގެފާނަށް ދޫކޮށްލައްވައިފިއެވެ. އަދި ޠަލްޙާ ބިން ޢުބައިދު އެކަލޭގެފާނަށް އޮތް ހައްގު އުސްމާންގެފާނަށް ދޫކޮށްލައްވައިފިއެވެ. މިއާއެކު ހަބޭކަލުންނާމެދު ކުރަން އޮތް މަޝްވަރާ ތިންބޭކަލުންނާ ހަމައަށް ހަނިވެއްޖެއެވެ. އަދި އެތިންބޭކަލުންގެ ތެރެއިން ބޭކަލަކު ޚަލީފާކަމަށް އިޚްތިޔާރުކުރުމުގެ ޒިންމާ އެތިންބޭކަލުންގެ ކިބައިގައި އެޅުވިއްޖެއެވެ. އެހިނދު ޢަލީގެފާނަށާއި އުސްމާންގެފާނާ ދެބޭކަލުންނަށް އިޝާރާތްކުރައްވައި، ޢަބްދުއްރަޙްމާން ބިން ޢައުފް ވިދާޅުވިއެވެ. ތިޔަ ދެބޭކަލުން ކުރެ މިކަމުން ދުރުވެވަޑައިގަންނަވާނީ ކޮން ބޭކަލެއްތޯއެވެ؟ އޭރުން ބާކީ ތިއްބަވާ ދެބޭކަލުންކުރެ ހެޔޮ ބޭކަލަކީ ކޮންބޭކަލެއްކަން ކަނޑައެޅުމުގެ ބާރު އެމީހަކަށް ދޭގޮތަށެވެ. މިހެން ޢަބްދުއްރަޙްމާން ބިން ޢައުފް ވިދާޅުވުމުން އެ ދެބޭކަލުން އެއްޗެއް ވިދާޅުނުވެ ހަނު ތިއްބަވައިފިއެވެ. ދެން ޢަބްދުއްރަޙްމާން ވިދާޅުވިއެވެ. އަހަރެންނަށް މިކަމުގައި އޮތް ހައްގު އަހަރެން ދޫކޮށްލައިފީމެވެ. އެކަމަކު އަހަރެން ވިސްނާފިކުރުކޮށްފައި، ތިޔަ ދެބޭކަލުންކުރެ އެންމެ އައުލާވެގެންވާ މީހަކު އަހަރެން ކަނޑައަޅާފައި، އެމީހަކު ވެރިއަކުކަމުގައި ލައްވަންތޯއެވެ؟ ދެބޭކަލުން އެގޮތަށް ރުހޭކަން ބަޔާންކުރައްވާ އާނއެކޭ ވިދާޅުވިއެވެ. ދެން ޢަބްދުއްރަޙްމާން އެދެބޭކަލުންގެ ތެރެއިން ފަހަރަކު ބޭކަލަކާ ބެހޭގޮތުން، ތިޔައީ މިވެނި އެވެނި މާތް ބޭކަލެއްކަމުގައި ފާހަގަކުރައްވައި ޢަބްދުއްރަޙްމާން ވާހަކަފުޅުދެއްކެވިއެވެ. ދެބޭކަލުންގެ ހުރި ހެޔޮކަމާއި ރަނގަޅު ސިފަތައް ވަކި ވަކިން ފާހަގަކުރައްވާފައި ވިދާޅުވިއެވެ. ދެބޭކަލުންކުރެ އެއްބޭކަލަކު އަނެއް ބޭކަލެއްގެ މައްޗަށް އިސްކުރެވިއްޖެނަމަ ޢަދުލުވެރިވާންވާނެއެވެ. އަދި އަޑުއަހައި ކިޔަމަންތެރިވާންވާނެއެވެ. އޭގެ ދެކަލުން ދެންނެވިއެވެ. އާދޭހެވެ.

އެއަށްފަހު ޢަބްދުއްރަޙްމާން ބިން ޢައުފް މީސްތަކުންނާ މަޝްވަރާކުރަން ފެއްޓެވިއެވެ. މީސްތަކުންގެ ތެރޭގައި އިސްނަގާ އުޅޭ މީހުންނާއި، ޖަމާއަތް ޖަމާއަތުގެ ލީޑަރުންނާއި ގަބީލާގަބީލާތަކުގެ ބޮޑުންނާއި އެއްފަދައިން މަގުމަތިން ފެންނަ އާންމުންނާ ވެސް މަޝްވަރާކުރެއްވިއެވެ. ވަކި ވަކިންނާއި އެކި މީހުންނާ އެއްކޮށް ވެސް މަޝްވަރާކުރިޔަށް ގެންދެވީ ރޭގަނޑެއް ދުވާލެއް ބެއްލެވުމެއް ނެތި އަރާމުކުރާނެ ވަގުތުކޮޅެއް ވެސް ނެންނެގެވުމެއް ނެތިކަމަށް ރިވާވެފައިވެއެވެ. ރަށްރަށުން އަންނަ މީހުންނާއި، ސަހަރާތެރެއިން އައިސް ގޮސްވެ އުޅޭ ބަދަވީންނާ ވެސް މަޝްވަރާކުރެއްވިއެވެ. އުސްމާންގެފާނާއި ޢަލީގެފާނާ ތެރެއިން އިސްކުރަންވީ ބޭކަލަކާމެދުގައެވެ. ރިވާވެގެންވާ ގޮތުގައި މަޝްހޫރު ބޮޑެތި ބޭކަލުންކުރެ ގިނަ ބޭކަލުން ޢަބްދުއްރަޙްމާންގެފާނަށް ލަފާދިނީ ޢަލީގެފާނަށްވުރެ ތިންވަނަ ޚަލީފާކަމަށް ރަނގަޅީ އުސްމާންގެފާނުކަމަށެވެ. ބޮޑެތި ބޭކަލުންކުރެ ޢަލީގެފާނު މާރަނގަޅުކަމަށް ޢައްމާރުގެފާނާއި މިޤްދާދުގެފާނު ފަދަ ބޭބޭކަލުން ލަފާއެރުވި ނަމަވެސްމެއެވެ. ތިންހަތަރު ރެޔާއި ދުވާލު މިކަމަށް ހޭދަވުމަށްފަހު، ޢަބްދުއްރަޙްމާން ބިން ޢައުފް މިސްކިތަށް ވަޑައިގެން މީސްތަކުންނަށް ގޮވާލެއްވުމަށް އަންގަވައިފިއެވެ. އޭރު އުމަރުގެފާނު ޝަހީދުވެވަޑައިގެން އަވަހާރަވީތާ ހަތަރުވަނަ ވަނަ ދުވަހަށް އިރު ފެނުން ތޮޅިލީއެވެ.

މީސްތަކުން އެއްވީމާ މިންބަރަށް އަރާވަޑައިގެން ވަރަށް ގިނައިރު ދުއާކުރަން ހުންނެވިއެވެ. އެދުއާގެ އަޑު މީސްތަކުންނަށް ނީވޭހާ މަޑުންނެވެ. އެގޮތުގައި ވަރަށް ގިނައިރު ހުންނަވާފައި، ވިދާޅުވިއެވެ. އޭ މީސްތަކުންނޭވެ! އަހަރެން ތިޔަބައިމީހުންނާ ސިއްރާއި ފާޅުގައި ސުވާލުކޮށްފީމެވެ. އެބަހީ މަޝްވަރާކޮށް ލަފާހޯދައިފީމެވެ. މިހެން ވިދާޅުވެފައި ޢަލީގެފާނަށް ވިދާޅުވިއެވެ. ތެދުވާށެވެ. ޢަލީގެފާނު ތެދުވެވަޑައިގަތުމުން ޢަލީގެފާނުގެ އަތްޕުޅުގައި ހިއްޕަވާފައި ވިދާޅުވިއެވެ. ﷲ ގެ ފޮތާއި މާތް ނަބިއްޔާގެ ގޮތާއި އަބޫބަކުރުގެފާނާއި އުމަރުގެފާނު އަމަލުކުރެއްވިގޮތުގެ މައްޗަށް ކަލޭގެފާނުން ތިމަންކަލޭގެފާނު މިއީ ވެރިމީހާ ކަމުގައި ބައިއަތު ހިފާފާނަންހެއްޔެވެ؟ ޢަލީގެފާނު ވިދާޅުވިއެވެ. ނޫނެކެވެ. އެކަމަކު އެކަން ބިނާވާނީ އެކަމަށްޓަކައި އަހަރެންގެ ކެރިކުޅަދާނަކަން ހުރި މިންވަރެއްގެ މައްޗަށެވެ. ދެން ޢަލީގެފާނުގެ އަތްޕުޅުން ދޫކުރައްވާފައިވާ އުސްމާންގެފާނުގެ އަތްޕުޅުގައި ހިއްޕަވާފައި ހަމަ އެފަދައިން ވިދާޅުވުމުން އުސްމާންގެފާނު ވިދާޅުވީ އާދޭހޭ މިފަދައިންނެވެ. ދެން ޢަބްދުއްރަޙްމާން ބިން ޢައުފް އިސްއުފުއްލަވައި މަތިބައްލަވާ ހުންނަވައިގެން އުސްމާންގެފާނުގެ އަތްޕުޅުގައި ހިއްޕަވާ ހުންނަވައިގެން ވިދާޅުވިއެވެ. އޭ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! އައްސަވާ ވޮޑިގެން ހެކިވެވޮޑިގެންނަވާފާނދޭވެ! އަހަރެންގެ ކަނދުރާގައި މިކަމުގައި އެޅިފައި އޮތް ޒިންމާ އުސްމާންގެފާނުގެ ކޮނޑުފުޅުމައްޗަށް ދޫކޮށްލައިފީމެވެ. އެހެން ވިދާޅުވުމާއެކު މީސްތަކުން ޖަމާވެ އުސްމާންގެފާނަށް ބައިއަތު ހިފަން ފަށައިގަނެއްޖެއެވެ.

އުމަރުގެފާނު އަވަހާރަވަމުންވެސް އުފެއްދުންތެރި ހައްލަކާއި ހިޔާލަކާއެކު އުންމަތަށް ކޮށްދެއްވި ޚިދުމަތުގެ މޮޅުކަމާއެވެ. ލީޑަރެއް އަދި ޒަޢީމެއް އަދި ވެރިއެއްގެ ގޮތުގައި ޚަލީފާ އުމަރުގެ ވިސްނުމާއި ޤާބިލިއްޔަތުގެ ކެރިފޯރުންތެރިކަމުގެ ބޮޑުކަމާއެވެ! އެކަމަކު އުމަރުގެފާނު އެކަށައެޅުއްވި އެ ނިޒާމުގެ ތެރެއިން ޚަލީފާއަކު ނެރެދެއްކެވުމުގައި ޢަބްދުއްރަޙްމާން ބިން ޢައުފް އަދާކުރެއްވި ދައުރަށް ބަލާއިރު، އެކަލޭގެފާނާމެދު ދެތިން އެއްޗެއް ދަންނަވާނުލައި މިލިޔުން ނިންމާލައިގެން ވާނެ ކަމަށް ނުފެނެއެވެ.

ޢަބްދުއްރަޙްމާން ބިން ޢައުފްއަކީ އަބޫބަކުރުގެފާނުގެ ހިލާފަތުގައިވެސް އުމަރުގެފާނުގެ ހިލާފަތުގައިވެސް އަދި އުސްމާންގެފާނުގެ ހިލާފަތުގައިވެސް ނުފޫޒުހުރި ބޮޑުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މަޝްވަރާއާއި ލަފާއެހެވޭ މާތް ބޭކަލެކެވެ. އުޘްމާންގެފާނު ހަލީފާއަކަށް ކަނޑައެޅުއްވުމުގައި އެންމެންގެ މަޝްވަރާގެ މަތީން އެކަލޭގެފާނު އެކަން ނިންމެވި ގޮތުގައި އެއްވެސް މީހަކު ސުވާލެއް އުފެއްދެވުމެއް ނެތި ދެބަސްވުމެއް އަރާރުމެއް ނެތި ކަންތައް ނިމިދިޔަ ގޮތަކީ އެކަލޭގެފާނަށް އޮތް ނުފޫޒާއި އާންމުންގެ ލޯތްބާއި ލީޑަރެއްގެ ހައިބައިތު ދައްކުވައިދޭ ކަމެކެވެ. އެބޮޑު ނުފޫޒާއި ލޯބި ލިބިވަޑައިގަތުމުގައި އެކަލޭގެފާނުގެ ދީލަތިކަން އަދާކޮށްފައިވާ ދައުރު ބޮޑެވެ. މީގެ ކުރިން އަޅުގަނޑު ލިޔެފައިވާ "ސަލްސަބީލުގެ އާރުން ރޯދިވުން" މިލިޔުމުގައި އެކަމުގެ ތަފުސީލު ބަޔާންކޮށްފައިވާނެއެވެ.

އެލިޔުމުގައި ނެތް އެހެން ވާހަކައެއް އައްސަވާށެވެ! އުސްމާންގެފާނުގެ ޚިލާފަތުގެ ފަހުކޮޅުގައި، އުސްމާންގެފާނަށް ފަހު ޚަލީފާއެއްގެ ގޮތުގައި ޢަބްދުއްރަޙްމާން ބިން ޢައުފް ކަނޑައަޅުއްވައި، މީހަކު ފޮނުއްވާފައި އެވާހަކަ ދެންނެވިއެވެ. އެ ހަބަރު ލިބިވަޑައިގަތުމާއެކު ޢަބްދުއްރަޙްމާން ބިން ޢައުފް ދުއާކުރެއްވިކަމަށްވެއެވެ. އެކަން އެފަދައިން އުސްމާންގެފާނު ކަނޑައެޅުއްވިނަމަ، އެކަލޭގެފާނަށްވުރެ ކުރިން މިއަޅާ މަރުގަންނަވާފާނދޭވެ! މިގޮތަށެވެ. ކޮންމެއަކަސް ޢަބްދުއްރަޙްމާން ބިން ޢައުފް އަވަހާރަވީ އުސްމާންގެފާނަށްވުރެ ކުރިންނެވެ. މުދާ ލިބިވަޑައިގަތް ދީލަތި ބޭކަލެކެވެ. ވެރިކަން ދެފަހަރަށް ލިބިވަޑައިގަތުމުންވެސް އެޒިންމާގެ ބޮޑުކަމަށްޓަކައި އެކަމާ ހަވާލުވެ ވަޑައިނުގެންނެވި ހިތްތިރި ވަރަޢަވެރި ބޭކަލެކެވެ.