Advertisement

އަމިއްލަ ގޮތުން ވާދަކުރަން 2,600 އަށް ވުރެ ގިނަ ސޮޔާއެކު ފާރިސް ހުށަހަޅައިފި

7 އޮގަސްޓު 2023 - 13:33 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

އަމިއްލަ ގޮތުން ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ފާރިސް މިއަދު އީސީއަށް ވަޑައިގެން ފޯމު ހުށަހަޅުއްވަނީ - ފޮޓޯ: މިރާޝް ނާޝިމް / އަދަދު


އަމިއްލަ ގޮތުން ވާދަކުރަން 2,600 އަށް ވުރެ ގިނަ ސޮޔާއެކު ފާރިސް ހުށަހަޅައިފި

7 އޮގަސްޓު 2023 - 13:33 0

އެމްއާރުއެމްގެ ރައީސް އަހުމަދު ފާރިސް މައުމޫން އަމިއްލަ ގޮތުން ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް 2،662 މީހުންގެ ތާއީދު ސޮޔާ އެކު އޭނާގެ ކެންޑިޑެސީ ފޯމު ހުށަހަޅުއްވައިފި އެވެ.

ދަރުބާރުގޭގައި ގާއިމުކޮށްފައިވާ އިލެކްޝަންސް ކޮމިޝަން (އީސީ) ގެ އިންތިހާބީ މަރުކަޒަށް، ފާރިސާއި އޭނާގެ ރަނިން މޭޓު ޑރ. އަބްދުލްސައްތާރު ޔޫސުފާއި އެމްއާރުއެމްގެ އިސް ބޭފުޅުންނާއެކު ވަޑައިގަތީ މެންދުރުފަހު 12:30 ހާއިރެވެ.

އީސީގެ ފަރާތުން ފާރިސްގެ ފޯމާ ހަވާލުވަޑައިގަތީ، ކޮމިޝަންގެ ރައީސް ފުއާދު ތައުފީގެވެ. ފޯމު ހަވާލުކުރެއްވި އިރު ފާރިސްގެ އެންމެ އަރިހުގައި ރަނިން މޭޓު ޑރ. އަބްދުލްސައްތާރުގެ އިތުރުން އިންތިހާބީ އެޖެންޓަކަށް ހަމަޖެއްސެވި، ޕާޓީގެ ކައުންސިލް މެންބަރު އިސްމާއީލް ޒަބީހު ވެސް ހުންނެވި އެވެ.

ތިރީސް އަހަރު ދުވަހުގެ ދިގު މުއްދަތަކަށް ރާއްޖޭގައި ވެރިކަން ކުރެއްވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން ފާރިސް މައުމޫންގެ ފަރާތުން 2،662 މީހުންގެ ތާއީދު އޮތް ކަމުގެ ފޯމުތައް ހުށަހެޅުއްވީ އަމިއްލަ ގޮތުން ވާދަކުރައްވާނަމަ މަދުވެގެން 1،500 މީހުންގެ ސޮއި ހުށަހަޅަން ޖެހޭތީ އެވެ.

ރިޔާސީ އިންތިހާބުގެ ގާނޫނު ބުނާ ގޮތުން ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ވާދަކުރުމުގެ ބަދަލުގައި އަމިއްލަ ގޮތުން އެ އިންތިހާބަށް ވާދަކުރާނަމަ މަދުވެގެން 1،500 މީހުންގެ ސޮއި ހިމެނޭ ތާއީދު ފޯމުތައް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ޖެހެ އެވެ.

އެމްއާރުއެމް ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދައިގެން މިދިޔަ ފަސް އަހަރު ދުވަހު ސިޔާސީ މަސައްކަތުގައި އުޅުއްވި ނަމަވެސް އެ ޕާޓީގެ ފަރާތުން އިންތިހާބުގައި ވާދަކުރަން ހުށަނޭޅީ އެ ޕާޓީ އުވާލުމަށް އިލެކްޝަނުން ނިންމި މައްސަލަ ސިވިލް ކޯޓުގައި ގޮތެއް ނުނިމި އަދި އޮތުމުންނެވެ.

ފާރިސްއަށް އެމްއާރުއެމްގެ ރިޔާސީ ޓިކެޓު ވެސް ދީފައިވާއިރު، އެ ޕާޓީ އުވާލުމަށް އީސީން ނިންމީ މެއި 24، ގަ އެވެ. އެއީ ގާނޫނުން ލާޒިމްކުރާ މެމްބަރުންގެ އަދަދު އެ ޕާޓީގައި ހަމަނުވުމުންނެވެ. ސިޔާސީ ޕާޓީތަކުގެ ގާނޫނު ބުނާ ގޮތުން ޕާޓީއެއްގައި މަދުވެގެން 3،000 މެންބަރުން ރަޖިސްޓްރީކޮށްފައި އޮންނަން ޖެހެ އެވެ.

ފާރިސްގެ އިތުރުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި، ޑިފެންސް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒަމީލް ވެސް ވަނީ އަމިއްލަ ގޮތުން ވާދަކުރެއްވުމަށް މިއަދު އިލެކްޝަންސް ކޮމިޝަނަށް ކެންޑިޑެސީ ފޯމު ހުށަހަޅުއްވި އެވެ.

ސެޕްޓެމްބަރު 9، ގައި އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ދެން ކުރިމަތިލެއްވީ އެމްޑީޕީގެ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ޕީއެންސީގެ ޑރ. މުހައްމަދު މުއިއްޒާއި، ދަ ޑިމޮކްރެޓްސްގެ އިލްޔާސް ލަބީބާއި، ޖުމްހޫރީ ޕާޓީގެ ގާސިމް އިބްރާހިމާއި، އެމްއެންޕީގެ މުހައްމަދު ނާޒިމެވެ.