6 އޮގަސްޓު 2023 - 20:53 1
ހަސަން މުހައްމަދު
ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު: ޔާމީން ޖޫރިމަނާ ދައްކަވަންޖެހޭ މުއްދަތު ހަމަވީ ޖޫން 25، އަށް -- ފޮޓޯ: ފައިލް
6 އޮގަސްޓު 2023 - 20:53 1
ކުރީގެ ރައީސް އަބްދުﷲ ޔާމީން 11 އަހަރަށް ޖަލަށްލުމާއެކު ފަސް މިލިއަން ޑޮލަރުން ކުރި ޖޫރިމަނާގެ ފައިސާ ހޯދަން ބަންޑާރަ ނައިބުގެ އޮފީހުން މިރޭ ސިވިލް ކޯޓަށް މައްސަލައެއް ވައްދައިފި އެވެ.
އެ މައްސަލަ ކޯޓަށް ވެއްދިއިރު، އެ ފައިސާ ނުދަައްކާތީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ބައިވެރިވުމުގެ ޝަރުތު އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ލީޑަރު ޔާމީންގެ ހަމަނުވާ ކަމަށް ސުޕްރީމް ކޯޓުން ވަނީ މިއަދު ހުކުމްކޮށްފަ އެވެ.
މިވަގުތު ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންދާތީ ވެސް ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމުގެ ޝަރުތު ޔާމީންގެ ހަމަނުވާ ކަމަށް އެންމެ މަތީ ކޯޓުން މިއަދު ކަނޑައެޅި އެވެ.
ޑިސެމްބަރު 25، 2022 ގައި ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ސާބިތުވީ 2014 ވަނަ އަހަރު ވ. އާރަށް ދައުލަތުން ކުއްޔަށް ދިންއިރު 1.1 މިލިއަން ރުފިޔާގެ ރިޝްވަތެއް ނަގައި އެ ފައިސާ ލޯންޑާ ކުރެއްވި ކަމުގެ ކުށުވެ. އެ ހުކުމާއެކު، ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް އެ ފައިސާ ހަ މަސް ދުވަަހުގެ ތެރޭގައި ދައްކަން ވެސް ކޯޓުން ހުކުމް ކުރި އެވެ.
ޖޫރިމަނާ ފައިސާ ޔާމީން ދައްކަންޖެހިވަޑައިގެންނެވި މުއްދަތު ހަމަވީ ޖޫން 25، 2023 ގެ ނިޔަލަށެވެ. ކެންޑިޑެސީގެ މައްސަލައިގައި ވަކާލާތު ކުރެއްވި އިރު ޔާމީން ވިދާޅުވީ އެ ފައިސާ ދައްކަން ދައުލަތުން އަންގާފައިނުވާ ކަމަށެވެ. ނަމަވެސް ކޯޓުން މިއަދު ހުކުމް ކުރިއިރު ފަނޑިޔާރު ވިދާޅުވީ ފައިސާ ދައްކަން އެންގި ލިޔުން ކުރީގެ ރައީސްއަށް ރައްދުވި ކަމަށް އެމަނިކުފާނުގެ އިނގިލީގެ ނިޝާން ލިބިފައިވާ ކަމަށެވެ.
ކެންޑިޑެސީގެ މައްސަލައިގައި ޔާމީންގެ ވަކީލުން ވިދާޅުވީ ދަށު ކޯޓުން އިއްވާފައިވާ ހުކުމަށް އެންމެ މަތީ ކޯޓުން ތާއީދުކޮށްފައި ނެތުމުން، އެ މަނިކުފާނު ކުށުން ބަރީއަވުމުގެ ފުރުސަތު އޮތުމާއެކު ސެޕްޓެމްބަރު 9، ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަ ކުރެވެންޖެހޭނެ ކަމަށެވެ. ކުރިއަރާފައިވާ ޑިމޮކްރަސީތަކުގައި އަމަލު ކުރަނީ އެގޮތަށް ކަމަށް ވެސް ދިފާއުން ބުންޏެވެ.
އެކަމަކު، ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމުގައި އެންމެ މަތީ ކޯޓުން ހުކުމަކަށް ތާއީދު ނުކުރަނީސް އެމީހަކަށް އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު ލިބޭ ގައުމުތަކުގައި އެކަން ކުރަނީ ގާނޫނުގައި ސީދާ އެހެން ލިޔެގެން ކަމަށެވެ. ބާރަ މަސް ދުވަހަށް ވުރެ ދިގު ޖިނާއީ ހުކުމެއް ތަންފީޒު ކުރާ މީހަކަށް އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަމަށް ރާއްޖޭގެ ގާނޫނުގައި ބުނެފައި އޮންނަކަން ވެސް ކޯޓުން ފާހަގަ ކުރި އެވެ.
ސުޕްރީމް ކޯޓުން މިއަދު ހުކުމް ކުރުމާއެކު ދިފާއީ ވަކީލުން މެދުވެރިކުރައްވާ ޕީޕީއެމަށް ފޮނުއްވި ލިޔުމެއްގައި ޔާމީން އެދިވަޑައިގަތީ ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރުމާމެދު ވިސްނައި ޕާޓީގެ ސެނެޓުން ގޮތެއް ނިންމުމަށެވެ. ޕާޓީން ނިންމީ، ޔާމީން މިނިވަން ކުރެވެން އޮތީ ވެސް އިންތިހާބުގައި ވާދަކޮށްގެން ކަމަށެވެ.
ޔާމީންއަށް ވާދަ ނުކުރެއްވޭ ހާލަތަކަށް ވިސްނައި މިދިޔަ ބުރާސްފަތި ދުވަހު ޕީޕީއެމްގެ ސިސްޓާ ޕާޓީ ޕީޕަލްސް ނެޝަނަލް ކޮންގްރެސްއިން ވަނީ މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކެންޑިޑޭޓެއްގެ ގޮތުގައި އިންތިހާބުކޮށްފަ އެވެ. ނަމަވެސް ޕީޕީއެމްގެ ލީޑާޝިޕުން މިހާރު ބުނަނީ ޕީޕީއެމްގެ ކެންޑިޑޭޓެއް ނުކުންނަ ނަމަ ޕީއެންސީން މުއިއްޒު ވާދަ ނުކުރެއްވުމަށް އެއްބަސްވެފައިވާ ކަމަށެވެ.
އޭނާގެ ކެންޑިޑެސީ ފޯމު މާދަމާ ހުށަހަޅާނެ ކަމަށް މުއިއްޒުގެ ކެމްޕެއިން ޓީމުން ބުނެ އެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވަނީ އެމްޑީޕީގެ ކެންޑިޑޭޓް އަދި މިހާރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ދަ ޑިމޮކްރެޓްސްގެ އިލްޔާސް ލަބީބާއި ޖުމްހޫރީ ޕާޓީގެ ގާސިމް އިބްރާހިމެވެ. އޭގެ އިތުރުން މޯލްޑިވްސް ނެޝަނަލް ޕާޓީގެ މުހައްމަދު ނާޒިމާއި މޯލްޑިވްސް ރިފޯމް މޫވްމަންޓުގެ ފާރިސް މައުމޫނާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވެސް އިންތިހާބުގައި ވާދަ ކުރައްވަ އެވެ.
Comment