about 2 hours 0
ސާއިފް ޝިޔާދު
އަދަދު ނޫހުގެ ޕްރޮގްރާމެއްގައި ފައްޔާޒު ވާހަކަ ދައްކަވަނީ. ދެ އިންތިހާބު އެއްކޮށްލުމުން ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ފުރުސަތު ގެއްލޭ ކަމަށް ވިދާޅުވި --- ފޮޓޯ: އަދަދު ފައިލް
about 2 hours 0
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިހާބު އެއްކޮށްލައި، މިހާރު ހިނގަމުންދާ މަޖިލީހުގެ ދައުރު ކުރު ކުރުމަށް ގާނޫނުއަސާސީ ބަދަލުކުރުމަށް ސަރުކާރުން ބޭނުންވަނީ ވަލު ދޮރާށިން ދެވަނަ ދައުރެއް ހޯދުމުގެ ބޭނުމުގައި ކަމަށް އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް އެކަމުގައި ނެގުމަށް މަޖިލީހުން ވަނީ މިއަދު ބިލެއް ފާސްކޮށްފަ އެވެ. ސަރުކާރުން ބޭނުންވަނީ ކައުންސިލް އިންތިހާބުގެ ވޯޓާއެކު އެ ވޯޓު ނެގުމަށެވެ.
"މިއީ ރައްޔިތުންގެ މެދުގައި ސަރުކާރަށް ތާއިދު ނެތުމުން ދެވަނަ ދައުރެއް ވަލު ދޮރާށިން ހޯދުމަށް ގެންނަ ބަދަލެއް،" ފައްޔާޒު އެކްސްގައި ލިޔުއްވި އެވެ.
މި ބަދަލު ގެނައުމަށް ސަރުކާރުން ހުށަހަޅަނީ ހަރަދު ކުޑަކުރުމުގެ ބޭނުމުގައި ކަމަށް ސަރުކާރުން ބުނި ނަމަވެސް އެއީ އެހެންވެ ގެންނަ ބަދަލެއް ނޫން ކަމަށް މިދިޔަ ސަރުކާރުގައި އިކޮނޮމިކް މިނިސްޓަރުކަން ކުރެއްވި ފައްޔާޒު ވިދާޅުވި އެވެ.
މި ބަދަލު ގެނެސްފިނަމަ ހުދުމުހުތާރު ވެރިން ބާރުގައި ތިބުމަށް އިތުރަށް މަގުފަހި ކުރެވޭ ކަމަށް ފައްޔާޒު ވިދާޅުވި އެވެ. މިވަގުތު ރާއްޖެއަށް ބޭނުންވަނީ ވެރިކަން ކުރާ ޕާޓީގެ ބާރުތައް ވަރުގަދަކުރުމަށް ފަރުމާކޮށްފައިވާ ބަދަލުތަކެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
"ސަރުކާރުގެ މި ހީލަތްތެރި ރޭވުމަށް ރައްޔިތުން ނޫނެކޭ ބުނަން ޖެހޭ. ރިޔާސީ ދައުރު ދަންމާލުމުގެ ފުރުސަތު މި ހުދުމުހުތާރު ސަރުކާރަށް ދީގެން ވާކަށްނެތް. އަޅުގަނޑުމެން މަސައްކަތް ކުރާނީ ބާރުތައް ރައްޔިތުންނާ ގާތަށް ގެނެސްދޭނެ ފުރިހަމަ އިސްލާހުތަކަކަށް،" އޭނާ ވިދާޅުވި އެވެ.
އެ މަސައްކަތަކީ މިހާރުން މިހާރަށް ކުރަން ޖެހިފައިވާ ކަމެއް ކަމަށާއި އެ ކަމުގައި ސިޔާސީ ފިކުރާއި ޕާޓީތަކަށްވުރެ ގައުމީ މަސްލަހަތަށް ވިސްނަން ޖެހޭ ކަމަށް ފައްޔާޒު ވިދާޅުވި އެވެ.
މިއަދު ފާސްކުރި ބިލުގައި ބުނެފައިވަނީ މީގެ ފަހުން މަޖިލިސް މެންބަރުން ހޮވަން ބާއްވާ އިންތިހާބު ބާއްވަން ޖެހޭނީ ރައީސުލްޖުމްހުރިއްޔާއަކު ހޮވަން ބާއްވާ ރިޔާސީ އިންތިހާބާއެކު ކަމަށެވެ.
މި ގޮތަށް މަޖިލީހުގެ ދައުރު ފެއްތުމަށް މީގެ ފަހުން އަލަށް ހޮވާ މަޖިލީހުގެ ފުރަތަމަ ޖަލްސާ ބާއްވަން ޖެހޭ ތާރީހު ޑިސެމްބަރު 1، އަށް ބަދަލުކުރަން މި ބިލުގައި ހިމަނާފައިވެ އެވެ. މިއާއެކު މިހާރު އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރުން ހަ މަސް މަދުވާނެ އެވެ.
20 ވަނަ މަޖިލީހުގެ އުމުރު މި ބަދަލު އައިސްފިނަމަ ދައުރު ހަމަވާނީ ޑިސެމްބަރު 1، 2028، އަށެވެ. އެ ދުވަހުގެ ކުރިން އައު މަޖިލީހުގެ އިދާރީ ކަންކަން ފުރިހަމަކުރަން ވެސް ޖެހޭނެ އެވެ.
Comment