Advertisement

ގާސިމްގެ އިންތިހާބީ އެޖެންޓަކަށް އަލީ ވަހީދު ހަމަޖައްސައިފި

3 އޮގަސްޓު 2023 - 13:40 0

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

ގާސިމްގެ ކެމްޕޭން އެޖެންޓުކަމުގެ ލިއުން އަލީ ވަހީދަށް ހަވާލުކުރަނީ -- ފޮޓޯ: ޓްވިޓާ


ގާސިމްގެ އިންތިހާބީ އެޖެންޓަކަށް އަލީ ވަހީދު ހަމަޖައްސައިފި

3 އޮގަސްޓު 2023 - 13:40 0

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމްގެ ކެމްޕެއިން އެޖެންޓަކަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ހަމަޖައްސައިފި އެވެ.

ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ޖޭޕީގެ ފަރާތުން ވާދަކުރައްވާ ގާސިމް އިބްރާހިމްގެ ކެމްޕޭން އެޖެންޓަކަށް އަލީ ވަހީދު ކަނޑައަޅައި، ލިޔުން ހަވާލުކޮށްފައި ވަނީ މިއަދު އެޕާޓީ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

ގާސިމްގެ ކެމްޕެއިން އެޖެންޓުކަން ލިބުމަށް ފަހު ކުރެއްވި ފުރަތަމަ ޓުވީޓުގައި އަލީ ވަހީދު ވިދާޅުވީ އެ މަގާމާ ހަވާލުވެވަޑައިގަތީ ގައުމީ މަސައްކަތެއް ކަމަށް ދެކިގެން ކަމަށެވެ.

މިނިސްޓަރުގެ މަގާމުގައި ހުންނެވިއިރު އޮފީހުގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތާ ގުޅިގެން އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ދައުވާތައް ކުރިއަށް ނުގެންދަން ދައުލަތުން ނިންމީ މިދިޔަ ޖޫން 14، ގަ އެވެ.

އަލީ ވަހީދު ވަނީ އެ ދައުވާތައް ކުރިއަށް ނުގެންދަން ނިންމުމުން އިނގިރޭސިވިލާތުގައި ހުންނެވުމަށް ފަހު އެނބުރި ރާއްޖެ ވަޑައިގެން ސިޔާސީ ހަރަކާތްތަކާ ގުޅިވަޑައިގެންފަ އެވެ.

އަލީ ވަހީދު އިނގިރޭސިވިލާތަށް ވަޑައިގެންނެވީ އޭނާގެ ޕާސްޕޯޓް ހިފަހައްޓަން ނެރެފައި އޮތް އަމުރު ކްރިމިނަލް ކޯޓުން ބާތިލްކޮށް ބޭސްފަރުވާއަށް ފުރުމުގެ ހުއްދަ އެ ކޯޓުން ދިނުމުންނެވެ. އޭނާގެ ޕާސްޕޯޓް ދޫކުރީ ޖާމިނުވާ މީހެއްގެ ގޮތުގައި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްއަދު އަލީ އެއްބަސްވުމުންނެވެ. އެ އެއްބަސްވުމުގެ މުއްދަތު ހަމަވިއިރު ވެސް އަލީ ވަހީދު ރާއްޖެއަށް ވަޑައެއް ނުގަންނަވަ އެވެ.

ކްރިމިނަލް ކޯޓުގެ އެ ނިންމުން ދައުލަތުން ހައި ކޯޓާއި ސުޕްރީމް ކޯޓުގައި ވެސް އިސްތިއުނާފުކުރި އެވެ. ނަމަވެސް، އަލީ ވަހީދު އުޅޭނޫޅޭ ތަނެއް ނޭނގި، ޗިޓް ނުފޮނުވިގެން އޭނާގެ ޕާސްޕޯޓް ހިފަހައްޓައިދޭން ހައިކޯޓަށާއި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ވެސް ބޭރުކޮށްލީ އެވެ.

ތުހުމަތުތައް އޭނާގެ މައްޗަށް ކުރުމުން އިސްތިއުފާ ދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެންގެވުމުން ވެސް އިސްތިއުފާ ނުދެއްވުމުން ޖުލައި ނުވައެއް، 2020 ގައި އޭނާ މަގާމުން ވަކިކުރި އެވެ.