Advertisement

ޕީއެންސީގެ ކެންޑިޑެސީ ކާމިޔާބުވާނެކަން މުއިއްޒާއި އާދަމް ޝަރީފަށް ވެސް ޔަގީން

3 އޮގަސްޓު 2023 - 12:17 0

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

ޕީއެންސީގެ ކެންޑިޑެސީ އަށް ޝައުގުވެރިކަން ފާޅުކުރި އާދަމް ޝަރީފް އާއި ޑރ. މުއިއްޒު؛ ދެބޭފުޅުންވެސް ވަނީ ކެންޑިޑެސީ ލިބޭނެކަމުގެ ޔަގީންކަން އޮތްކަމަށް ބުނެފައި -- ފޮޓޯ: އިޔާން/އަދަދު


ޕީއެންސީގެ ކެންޑިޑެސީ ކާމިޔާބުވާނެކަން މުއިއްޒާއި އާދަމް ޝަރީފަށް ވެސް ޔަގީން

3 އޮގަސްޓު 2023 - 12:17 0

އަންނަ ސެޕްޓެމްބަރު މަހު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިހާބަށް ޕްރޮގްރެސިވް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ފަރާތުން ނެރޭނެ ކެންޑިޑޭޓަކަށް ވެވޭނެކަމުގެ ޔަގީންކަން އޮތް ކަމަށް ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފު އަދި ޕީޕީއެމްގެ ނައިބު ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޕީއެންސީއިން ކެންޑިޑޭޓަކު ކަނޑައެޅުމަށް މިއަދު ބޭއްވި ސެނެޓު ބައްދަލުވުމަށް ފަހު "އަދަދު"އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އާދަމް ޝަރީފް ވިދާޅުވީ ކެންޑިޑެސީ ކާމިޔާބު ކުރެވޭނެ ކަމުގެ "ސައްތައިން ސައްތަ" ޔަގީންކަން އޮތް ކަމަށެވެ.

"އަޅުގަނޑަށް ސަތޭކައިން ސަތޭކަ ޔަގީންކަން އެބައޮތް މިއަދު މިނަގާ ވޯޓު އަޅުގަނޑަށް ކާމިޔާބުކުރެވޭނެކަން." އާދަމް ޝަރީފް ވިދާޅުވި އެވެ.

ކެނޑިޑޭޓަކަށް ވުމުގެ ޝައުގުވެރިކަން ފާޅުކުރެއްވި ޑރ. މުހައްމަދު މުއިއްޒު ވެސް ގަބޫލުކުރައްވަނީ އޭނާއަށް ކެންޑިޑެސީ ކާމިޔާބު ކުރެވޭނެ ކަމަށެވެ. އެއީ މިހާތަނަށް ވެސް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ހިމެނޭ އިއްތިހާދުގެ ލީޑަރު ރައީސް އަބްދުﷲ ޔާމީނު އެދޭގޮތަށް މަސައްކަތް ކުރައްވާފައިވާތީ ކަމަށް ވެސް މުއިއްޒު ގަބޫލުކުރައްވަ އެވެ.

"ޕްރައިމަރީ އިރާދަކުރެއްވިއްޔާ ކާމިޔާބު ކުރެވޭނެ. އަޅުގަނޑަކީ ހުރިހާ ކަމެއްގައި ރައީސް [ޔާމީނު] ގެ ވިސްނުންފުޅާ އެއްގޮތަށް މަސައްކަތް ކުރަމުން އައި މީހެއް ކަމަށް ހުރިހާ އެންމެން ގަބޫލުކުރާނެ," ޑރ. މުއިއްޒު ވިދާޅުވި އެވެ.

އިދިކޮޅު އިއްތިހާދުގެ ލީޑަރު ރައީސް ޔާމީނުގެ ކެންޑިޑެސީ ފޯމު ހުށަހެޅި ނަމަވެސް އެމަނިކުފާނު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާތީ ބާތީލުވި އެވެ.

ޕީޕީއެމް/ޕީއެންސީގެ ކެމްޕޭނުގެ ހަރަކާތްތައް ފެށިގެން އައި އިރު ވެސް ޑރ. މުއިއްޒު އިންތިހާބުގައި ކުރިމަތިލުމުގެ ޝައުގުވެރިކަން އޮތް ވާހަކަތައް ފެތުރެމުން ދިޔަ އެވެ. އެހެން ނަމަވެސް ޑރ. މުއިއްޒު ވަނީ އެތައް ފަހަރަކު އެ ވާހަކަތައް ދޮގުކުރައްވާފަ އެވެ.

ދެން ކެންޑިޑެސީއަށް ޝައުގުވެރިކަން ފާޅުކުރެއްވި އާދަމް ޝަރީފް މީގެ ކުރިން އެފަދަ ވާހަކައެއް ދައްކަވާފައެއް ނުވެ އެވެ. މިއީ އާދަމް ޝަރީފް ކެންޑިޑެސީއަށް ޝައުގުވެރިކަން ފާޅުކުރި ފުރަތަމަ ފަހަރެވެ.

ޕީއެންސީގެ އަސާސީ ގަވާއިދުގައި އޮންނަ ގޮތުގެ މަތިން ޕްރައިމަރީ ބާއްވައި ރިޔާސީ ކެންޑިޑޭޓަކު ކަނޑައަޅާނެ ވަގުތެއް ދެން ނެތެވެ. ރިޔާސީ އިންތިހާބަށް ކުރިމަތިލާން ހުޅުވާލި މުއްދަތު އަންނަ ހޯމަ ދުވަހަށް ހަމަވެ އެވެ. އެހެންވެ ޕާޓީގެ އަސާސީ ގަވާއިދަށް ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ.

އެ ގޮތުން ކެންޑިޑޭޓު ކަނޑައެޅުމުގެ ބާރު ވަނީ ސެނެޓަށް ދީ، މިއަދު ހަވީރު ސެނެޓު ބައްދަލުވާ ގޮތަށް ނިންމައިފަ އެވެ. ޕީއެންސީގެ ރިޔާސީ ޓިކެޓަށް ވާދަކުރަން ޝައުގުވެރިކަން ހުރި ފަރާތްތަކުން މިއަދު މެންދުރުފަހު 2:00 އަށް ސުންގަޑި ހަމަވާ ގޮތަށް ފުރުސަތު ދިނުމަށް ވެސް ސެނެޓުން ނިންމި އެވެ.

މިއަދު ހެނދުނު ކުރިއަށް ގެންދިޔަ ސެނެޓު ބައްދަލުވުމުގައި 47 މެމްބަރުން ބައިވެރިވެވަޑައިގެންނެވި އެވެ. އޭގެ ތެރެއިން 44 މެންބަރުންގެ އަގުލަބިއްޔަތުން ޕީއެންސީން ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ފާސްކުރި އެވެ.