Advertisement

އުތީމު މީހުން ޕީޕީއެމާއެކު ތިބެންވީ ސަބަބެއް މިހާރަކު ނެތް: ރައީސް

2 އޮގަސްޓު 2023 - 18:46 1

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ރައީސް ސޯލިހު ހއ. އުތީމުގައި ބޭއްވި ކެމްޕޭން އިވެންޓުގައި ވާހަކަފުޅު ދައްކަވަނީ - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު


އުތީމު މީހުން ޕީޕީއެމާއެކު ތިބެންވީ ސަބަބެއް މިހާރަކު ނެތް: ރައީސް

2 އޮގަސްޓު 2023 - 18:46 1

އަބަދުވެސް ޕީޕީއެމަށް މެޖޯރިޓީ އޮންނަ ހއ. އުތީމު މީހުން އިތުރަށް އެ ގޮތުގައި ތިބެންވީ ސަބަބެއް މިހާރު ނެތް ކަމަށް، ވެރިކަންކުރާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މުޅީން ވެސް ޕީޕީއެމްގެ ކައުންސިލަރުން ތިއްބަވާ ހއ. އުތީމަށް ވަޑައިގެން ރައީސް ސޯލިހު ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ އެމަނިކުފާނުގެ ސިޔާސަތަކީ، ކެމްޕޭން ޝިޔާރާ އެއް ގޮތަށް "އުފާވެރި، އަމާން ރާއްޖެ" އެއް ހޯދުން ކަމަށެވެ. އަދި އުތީމަކީ އަބަދުވެސް އެކީގައި ތިބުމަށާއި ސުލްހައަށް ލޯބިކުރާ މީހުން އުޅޭ ރަށެއް ކަމަށް ވިދާޅުވި އެވެ.

އުތީމުގެ ތަރައްގީއަށް ސަރުކާރުން ކުރާ މަސައްކަތްތަކަށް ޕީޕީއެމްގެ ކައުންސިލުން އެއްބާރުލުން ލިބެމުން އައި ކަން ރައީސް ފާހަގަ ކުރެއްވި އެވެ. ރަށުގެ ތަރައްގީއަށް ކުރާ މަސައްކަތްތަކުގައި ސަރުކާރަށް ތާއީދުކުރާނެ ކަމަށް ވެސް އެ ރަށުގެ ކައުންސިލަރުން ބުނެފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑު އެ ބޭފުޅުންނަށް ދަންނަވާލަން އޮތީ، މި އޮތީ އެ ވަގުތު އައިސްފައޭ، ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި މި ރާއްޖޭގެ ތަރައްގީއަށް، މި އަތޮޅާއި މި ރަށުގެ ތަރައްގީއަށް ކުރެވިފައި ހުރި މަސައްކަތްތައް ހުރިހާ ބޭފުޅުން ވެސް ހަނދުމަކުރައްވާށޭ،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ޕީޕީއެމަށް އުތީމުގެ މެޖޯރިޓީ މީގެ ކުރިން ދިން ނަމަވެސް އެ ގޮތުގައި ދެމިތިބުމުގެ ސަބަބެއް ދެން ނެތް ކަމަށް ރައީސް ވިދާޅުވި އެވެ. އުތީމުގެ ތަރައްގީއަށް ސަރުކާރުން ކުރި މަސައްކަތްތަކާ ގާތަށް ވެސް މީގެ ކުރިއަކުން މަސައްކަތްތަކެއް ކުރެވިފައި ނުވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ސިޔާސީ ގޮތުން ހިޔާލުތަފާތުވި ނަމަވެސް ރަށުގެ ތަރައްގީއަށް އެކުގައި މަސައްކަތް ކުރަންވީ ވަގުތު އައިސް ޖެހިއްޖެއޭ،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ސޯލިހު މި ވަގުތު ރާއްޖޭގެ އުތުރަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އުތީމުން ފުރާވަޑައިގަތުމަށް ފަހު މިހާރު ވަނީ ހދ. ހަނިމާދުއަށް ވަޑައިގެންފަ އެވެ. ހދ. ހަނިމާދޫގައި މިރޭ ކެމްޕެއިން ބޮޑު ޖަލްސާއެއް ބާއްވާނެ އެވެ.