2 އޮގަސްޓު 2023 - 06:07 0
ފާތިމަތު ސާޔާ އަހުމަދު
އިރާނުގެ ބައެއް ހިސާބުތަކަށް ގާތްގަނޑަކަށް 50 ޑިގްރީ ސެލްސިއަސްއަށް ދަނީ ހޫނުވަމުން. -- ފޮޓޯ: އޭއެފްޕީ
2 އޮގަސްޓު 2023 - 06:07 0
ތެހްރާން، އިރާން (އޯގަސްޓް 1) - އިރާނުގައި މާ ބޮޑަަށް ހޫނުގަދަވާތީ ސަރުކާރު އޮފީސްތަކާއި ބޭންކުތައް ދެ ދުވަހަށް ބަންދުކުރަން ނިންމައިފި އެވެ.
މީޓިއޮރޮލޮޖިކަލް އޮފީހުން ލަފާކުރި ގޮތުގައި ބައެއް ސިޓީތަކުގެ ހޫނުމިން މިހާރު އުޅެނީ 40 ޑިގްރީ ސެލްސިއަސްއަށް ވުރެ މަތީގަ އެވެ. ބައެއް ހިސާބުތަކަށް 50 ޑިގްރީ ސެލްސިއަސްއަށް ހޫނުވާނެ ކަމަށް ބެލެވެ އެވެ.
މާ ބޮޑަށް ހޫނުވާތީ ސަރުކާރު ބަންދުކުރަން ހުށަހެޅީ ހެލްތު މިނިސްޓްރީންނެވެ. މިހާރު ކުރިމަތިވެފައި ވަނީ އާދަޔާ ހިލާފު "ހީޓްވޭވެއް" ކަމަށް އިރާނުގެ ސަރުކާރުން ބުނެ އެވެ.
ފާއިތުވި 24 ގަޑިއިރު ތެރޭގައި އެންމެ ބޮޑަށް ހޫނުވީ ހުޅަނގު ޑެހްލޮރާން ސިޓީއަށެވެ. އެ ތަނަށް 50 ޑިގްރީ ސެލްސިއަސްއަށް ހޫނުވި އެވެ.
މާ ގިނައިން އަވީގައި އުޅޭ ނަމަ ހީޓްސްޓްރޯކްގެ ނުރައްކާ އެބަ އޮތް ކަމަށާއި ހެނދުނު 10 އިން ހަވީރު 4 އަށް ގޭގައި ތިބުމަށް ހެލްތު މިނިސްޓްރީން ވަނީ ލަފާދީފަ އެވެ.
ހޫނުގެ ސަބަބުން ސިއްހީ މައްސަލަތައް އިތުރުވެފައިވާ އިރު، ނޫސްތަކުން ބުނީ މިހާތަނަށް 1000 އަށް ވުރެ ގިނަ މީހުންނަށް އެފަދަ އެކި މައްސަލަތަކަށް ފަރުވާދީފައިވާ ކަމަށެވެ.
Comment