Advertisement

ހަ މިލިއަން އަހަރު ކުރީގެ ގަނޑުފެންތަކެއް ފެނިއްޖެ

6 ނޮވެންބަރު 2025 - 07:08 0


ހަ މިލިއަން އަހަރު ކުރީގެ ގަނޑުފެންތަކެއް ފެނިއްޖެ

6 ނޮވެންބަރު 2025 - 07:08 0

ދުނިޔެ ބަލަން ދަތުރުކުރާ މީހުންގެ އެންމެ އުންމީދީ މަންޒިލެއްގެ ގޮތުގައި އަދިވެސް ފާހަގަކުރެވެނީ އެންޓާޓިކާ އެވެ. މީހުން ވަޒަންވެރިވެ ނުއުޅޭ، ގަނޑުފެނުގެ އެ ބައްރަށް ދާން ކިތަންމެ ބޭނުން ވިޔަސް، އެކަމަށް ހުރަސްއަޅާ އެތައް ސަބަބެއް ވެސް ހުރެއެވެ. އާދަޔާ ހިލާފަށް ފިނި ގަދަވުމާއި، ދަތުރުފަތުރުގެ ދަތިކަމުގެ އިތުރުން، އެ ބައްރަށް ގޮސް އައިސްވުމުގެ ހަރަދު ވެސް ބޮޑުވުމެވެ.

އެހެން ނަމަވެސް، ގިނަ އަދަދެއްގެ ސައެންސްވެރިން ބަނޑަހަ ޖަހައިގެން އެ ބައްރުގައި އުޅެމުން އަންނަތާ ކިތަންމެ އަހަރެއް ވެއްޖެއެވެ. ތިމާވެއްޓާއި ސައެންސާއި މޫސުމަށް އަންނަ ބަދަލުތަކާއި ދުނިޔެ ހޫނުވުމާ ބެހޭ ގޮތުން ތަފާތު އިލްމީ ދިރާސާތައް ކުރުމަށެވެ. އަދި މި ދުނިޔޭގެ އިހުގެ ޖުގުރާފީ ތާރީހު ދެނެގަތުމުގެވެސް ބޭނުމުގައެވެ.

އާންމު ގޮތެއްގައި ޕެންގުއިން އޭ މިކިޔާ ޒާތުގެ ދޫނި ދިރިއުޅޭ އެންޓާޓިކާއިން އެންމެ ފަހުން ހޯދުނު ހޯދުމަކީ، މީގެ ހަ މިލިއަން އަހަރު ކުރީގެ ގަނޑުފެންތަކެއް ފެނުމެވެ. އެންޓާޓިކާގެ ގަނޑުފެންގަނޑު އަޑިއަށް ތޮރުފައިގެން ކުރި ދިރާސާއިން އެނގުނު ގޮތުގައި، އެ ސަރަހައްދުގެ ވަރަށް ފުނުގައި މީގެ ހަ މިލިއަން އަހަރު ކުރީގެ ގަނޑުފެންތައް އަދިވެސް އެ ގޮތުގައި ހުރި އިރު، އެ ޒަމާނުގެ ވައި ވެސް އެ ގަނޑުފެންތަކާ އެކުގައި އެބަހުއްޓެވެ.

އެކަން ސައެންސްވެރިންނަށް ކަށަވަރު ކުރެވުނީ، އެންޓާޓިކާގެ ގަނޑުފެންގަނޑު ވަރަށް ފުނަށް ތޮރުފައިގެން ނެގި ގަނޑުފެނާއި އެ ގަނޑުފެނާ އެކުވެފައި ހުރި ވައިގެ ސާމްޕަލްތައް ތަހުލީލުކޮށް ބެލުމުންނެވެ. މި ސާމްޕަލްތައް ނަގާފައިވަނީ އިރުމަތީ އެންޓާޓިކާގެ އެލަން ހިލްސް ކިޔާ ސަރަހައްދު ތޮރުފައިގެންނެވެ. މި ސަރަހައްދު ތޮރުވަމުން ދިޔައިރު، ސައެންސްވެރިން އުންމީދުކޮށްގެން ތިބީ ތިން މިލިއަން އަހަރު ކުރީގެ އަސަރުތަކެއް ފެނިދާނެ ކަމަށެވެ.

ނަމަވެސް އެލަން ހިލްސް ތޮރުފައިގެން ނެގި ސާމްޕަލްތައް ދިރާސާކުރުމުން އެނގުނީ، އެ ސަރަހައްދުގެ ފުނުގައި ފޮރުވިފައިވާ ގަނޑުފެން ފަށަލައިގެ އުމުރުން ހަ މިލިއަން އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ ކަމެވެ. އެތަން ތޮރުފައިގެން ނެގި ގަނޑުފެންކޮޅުތަކުގެ ތެރޭގައި ވައިގެ ބޮކިތައް ވެސް ގަނޑުވެފައި ހުއްޓެވެ.

ގަނޑުފެންތަކުގެ ތެރޭގައި ގަނޑުވެފައި ހުރި ވައިގެ އުމުރު ދެނެގަތީ އެ ވައި ބޮކިތަކުގައި ހިމެނޭ އާގަންގެ ޒައްރުތައް ދިރާސާކޮށްގެންނެވެ. އެއަށް ފަހުގައި އެ ގަނޑުފެނުގައި އެކުލެވޭ އޮކްސިޖަންގެ ޒައްރުތައް ދިރާސާކޮށް، ދެ ބާވަތުގެ ޒައްރުތައް އަޅާކިޔައިގެން އޭގެ އުމުރު ދެނެގަނެވުނެވެ.

ސައެންސްވެރިން ގަބޫލުކުރާ ގޮތުގައި ޕްލައިއޯސީންގެ – މީގެ ކުރީގެ 5.33 މިލިއަން އަހަރާއި 2.58 މިލިއަން އަހަރާ ދެމެދު – ޒަމާނުގައި ދުނިޔެ ތަޖުރިބާކުރީ ފިނިވުމުގެ އަހަރުތަކެކެވެ. އެ ޒަމާނުގައި 22 ޑިގްރީ ފެރަންހައިޓް (12 ޑިގްރީ ސެލްސިއަސް) އަށް ދުނިޔެ ފިނިވިއެވެ.

ދުނިޔޭގެ މޫސުމާ ބެހޭ ގޮތުން މި ހޯދުނު އައު ހޯދުމުގެ އެހީގައި، ސައެންސްވެރިން ދެން މަސައްކަތް ކުރާނީ، މިހާރު ދުނިޔޭގެ ހޫނުމިން މަތިވެފައިވާ މިންވަރާ އަޅައި ބަލައިގެން އެ ސާމްޕަލްތައް ދިރާސާކުރުމަށެވެ. އޭރުން އެ ޒަމާނުގައި ގްރީން ހައުސް ގޭސްތައް ދުނިޔޭގެ ވައިގެ ފަށަލައިގެ ތެރޭގައި ހުރި މިންވަރާއި ކަނޑުގެ ލޮނުގަނޑުގެ ހޫނުމިން ހުރި މިންވަރު ވަޒަންކުރެވޭނެ ކަމަށް ބެލެވެއެވެ.

މި މަސައްކަތުގައި އެލަން ހިލްސްގެ އިތުރު ސަރަހައްދުތައް ތޮރުފައިގެން ދިރާސާތައް ކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތުގައި ބައިވެރިވާ ސައެންސްވެރިން ބުނާ ގޮތުގައި އަންނަ 2026 ވަނަ އަހަރުން ފެށިގެން 2031 ވަނަ އަހަރުގެ ނިޔަލަށް، މި ދިރާސާތައް އިތުރު މަރުހަލާއަކަށް ގެންދެވޭނެ ކަމުގެ އުންމީދު ވަރަށް ބޮޑެވެ.