Advertisement

ވެލާނާ އެއާޕޯޓަށް ޖެއްސީ އިޓަލީގެ ފައިޓާ ޖެޓުތަކެއް

1 އޮގަސްޓު 2023 - 12:56 1

ނަޖާހު މަސްއޫދު

ނަޖާހު މަސްއޫދު

ވެލާނާ އެއާޕޯޓުގެ ރަންވޭގައި އިޓަލީގެ އަސްކަރީ ޖެޓެއް


ވެލާނާ އެއާޕޯޓަށް ޖެއްސީ އިޓަލީގެ ފައިޓާ ޖެޓުތަކެއް

1 އޮގަސްޓު 2023 - 12:56 1

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް މިއަދު ޓްރާންސިޓް ކުރީ ނަގަން ޖެހޭ ހުއްދަތައް ނަގައިގެން އައި އިޓަލީގެ އަސްކަރީ މަތިންދާބޯޓުތަކެއް ކަމަށް އެމްއެންޑީއެފްއިން ބުނެފި އެވެ.

މިއަދު ހެނދުނު ވެލާނާ އެއާޕޯޓަށް މަތިންދާބޯޓު ޖައްސާ އަޑު އާދައާ ހިލާފަށް ބާރަށް މާލެއަށް އިވުމުން އެއީ ކޯއްޗެއްކަން ނޭނގިގެން އުޅެނިކޮށް، އެއާޕޯޓުން ފައިޓާ ޖެޓުތަކެއް ނައްޓާލާ ވީޑިއޯތަކެއް ވަނީ އާންމުވެފަ އެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލަކު "އަދަދު"އަށް ވިދާޅުވީ، ވެލާނާ އެއާޕޯޓަށް ޖެއްސި އަސްކަރީ މަތިންދާބޯޓުތަކަކީ ނަގަން ޖެހޭ ހުއްދަތައް ނަގައިގެން އައި އިޓަލީވިލާތުގެ މަތިންދާބޯޓުތަކެއް ކަމަށެވެ.

އޭނާ ވިދާޅުވީ، އެއީ ރާއްޖޭގެ އަސްކަރިއްޔާއާ ގުޅޭ އޮޕަރޭޝަނަކަށް އައި މަތިންދާބޯޓުތަކެއް ނޫން ކަމަށެވެ. އޮފިޝަލު ވިދާޅުވި ގޮތުގައި، އެ މަތިންދާބޯޓުތައް ޖެއްސީ އާދައިގެ މަތިން "ލޮޖިސްޓިކަލް" ބޭނުމަށް ޓްރާންސިޓް ކުރުމަށެވެ.

ރިފިއުލް ކުރުމާއި އެހެނިހެން ބޭނުންތަކަށް، ބޭރުގެ މަތިންދާބޯޓުތަކަށް ހުއްދަ ނަގައިގެން ރާއްޖެއަށް ޖެއްސޭނެ އެވެ. އެކަމުގެ ހުއްދަ ކުރިއާލައި ނަގަން ޖެހޭނީ ސިވިލް އޭވިއޭޝަން އޮތޯރިޓީންނެވެ.

އެމްއޭސީއެލްގެ ކޮމިއުނިކޭޝަންސް މެނޭޖަރު ޝައްމާން ޝާކިރު ވިދާޅުވީ، އެއާޕޯޓު ހިންގާ ކުންފުނީގެ ހައިސިއްޔަތުން ހުއްދަ ނަގައިގެން އަންނަ ބޭރުގެ މަތިންދާބޯޓުތަކަށް އެ ކުންފުނިން އަބަދުވެސް ހިދުމަތް ދެމުން އަންނަ ކަމަށެވެ.

އެހެންނަމަވެސް، އިޓަލީގެ މަތިންދާބޯޓުތަކަށް ދިނީ ކޮން ހިދުމަތްތަކެއް ކަމެއް އޭނާ ހާމައެއް ނުކުރައްވަ އެވެ.

އެނގިފައިވާ ގޮތުގައި މިއަދު ވެލާނާ އެއާޕޯޓަށް ޖެއްސީ ހަތަރު ފައިޓާ ޖެޓާއި ދެ ސާވައިލަންސް މަތިންދާބޯޓެވެ. އެ ބޯޓުތައް އެއާޕޯޓުގައި މާ ގިނަ އިރަކު މަޑެއް ނުކުރެ އެވެ.

ވެލާނާ އެއާޕޯޓަށް ޖެއްސީ ފޮޓޯތަކުން ފެންނަ ފެނުމުގައި ލޮކްހީޑްމާޓިން އެފް35 ފައިޓާ ޖެޓުތަކެކެވެ. އެއީ އެމެރިކާއިން އުފައްދާ ފަސް ވަނަ ޖެނަރޭޝަން ފައިޓާ ޖެޓެކެވެ.