Advertisement

ރިޝްވާން، ގައުމީ ބެޑްމިންޓަން ސްކޮޑަށް

1 އޮގަސްޓު 2023 - 12:12 0

އައްޒާމް އަލިފުޅު

އައްޒާމް އަލިފުޅު

ބެޑްމިންޓަން ޗެމްޕިއަންޝިޕްގެ މެޗެއްގެ ތެރެއިން ރިޝްވާން ޝިޔާމް އުފާފާޅުކުރަނީ.---- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ރިޝްވާން، ގައުމީ ބެޑްމިންޓަން ސްކޮޑަށް

1 އޮގަސްޓު 2023 - 12:12 0

ކުރިއަށް އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް ޕްރެކްޓިސް ކުރަމުން އަންނަ ގައުމީ ބެޑްމިންޓަން ސްކޮޑުގައި ހިމެނި، ރިޝްވާން ޝިޔާމް، ޓީމާ އެކު ޕްރެކްޓިހުގައި ބައިވެރިވާން ފަށައިފި އެވެ.

ގައުމީ ބެޑްމިންޓަން ސްކޮޑު އައިއޯއައިޖީ އަށް އެކުލަވާލިއިރު، އެންމެ ފުރަތަމަ، ރިވައިވަލް ސްޕޯޓްސް ކްލަބްގެ ރިޝްވާންގެ އިތުުރުން، ހައިޝަމް އިބްރާހިމް އަލީ އަށް ފުރުސަތެއް ނެތެވެ. އެކަމަކު، ގައުމީ ސްކޮޑުގައި ހިމެނުނު، މުހައްމަދު އާކިފް އަށް އަނިޔާވެ، ބެޑްމިންޓަން އެސޯސިއޭޝަން (ބީއޭއެމް) އިން ނިންމީ ސިލެކްޝަނެއް ކުޅުމަށެވެ.

އެ ގޮތުން، ސިލެކްޝަނެއް ކުޅެފައިވަނީ ރިޝްވާންގެ އިތުރުން، ސާލިމް އާއި ހައިޝަމްގެ ދެމެދުގަ އެވެ. ސާލިމްއާ ދެކޮޅަށް ކުޅެގެން، ހައިޝަމް އާއި ރިޝްވާން ވަނީ ސީދާ ދެ ސެޓުން މޮޅުވެފަ އެވެ. ގައުމީ ސްކޮޑުގެ ޖާގަ ލިބޭ ކުޅުންތެރިޔެއް ކަނޑައަޅަން ކުޅުނު މެޗުގައި ބައްދަލުކުރީ ރިޝްވާން އާއި ހައިޝަމް އެވެ. ހައިޝަމް އަތުން ރިޝްވާން ވަނީ ފަހު މެޗުން ދެ ސެޓުން މޮޅުވެ، އައިއޯއައިޖީ ސްކޮޑުގައި ހިމެނިފަ އެވެ.

ސިލެކްޝަން ތެރެއިން ހޯދި ކާމިޔާބީއާ އެކު، ރިޝްވާން މިހާރު އަންނަނީ މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން ގައުމީ ސްކޮޑާ އެކު ފަރިތަކުރަމުންނެވެ.

ޖޫނިއާ ގައުމީ ޓީމަށް ވެސް ކުޅުނު ރިޝްވާން އެންމެ ފުރަތަމަ ގައުމީ ސީނިއާ ސްކޮޑުން ބާކީވީ 2019 ވަނަ އަހަރުގެ އައިއޯއައިޖީގެ ކުރިންނެވެ. އެ ފަހަރު ޖަވާބެއް ދިނުމެއް ނެތި، ގައުމީ ޓީމުން ބާކީކުރުމަށް ފަހު، ތިން އަހަރުގެ މެދުކެނޑުމަކަށް ފަހު، ރިޝްވާން ވަނީ މިދިޔަ އަހަރު ބާމިންހަމްގައި ކުރިއަށްދިޔަ ކޮމަންވެލްތު ގޭމްސްގައި ވާދަކުރި ގައުމީ ސްކޮޑުގައި ހިމެނިފަ އެވެ. އެކަމަކު، މި ފަހަރު އައިއޯއައިޖީގެ ސްކޮޑުން ރިޝްވާނަށް ފުރަތަމަ ފުރުސަތު ނުލިބުނެވެ.

އެ ނިންމުމާ މެދު، ގައުމީ ޓީމުން މި ވަގުތު ސަސްޕެންޝަނެއްގައި ހުރި ތަޖުރިބާކާރު ކުޅުންތެރިޔާ، ނީލާ ނަޖީބު ވަނީ ކަންބޮޑުވުންފާޅުކޮށްފަ އެވެ. ނީލާ އަންނަނީ ބެޑްމިންޓަން އެސޯސިއޭޝަން ގޮވައިގެން ބައިނަލްއަގުވާމީ ކޯޓުގައި މައްސަލަ ކުރިއަށްގެންދަން ތައްޔާރުވަމުންނެވެ. އެއީ، އެއްވެސް ޖަވާބެއް ދިނުމެއް ނެތި އޭނާ ގައުމީ ސްކޮޑުން ސަސްޕެންޝަނެއްގައި ހުންނަން ޖެހޭ ސަބަބާ ހެދި އެވެ.