Advertisement

ޓީ20 ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން މިލާން ކްރިކެޓް އެކެޑަމީ އިން ހޯދައިފި

29 ޖުލައި 2023 - 11:52 0

ޓީ20 ޕްރިމިއާ ކްރިކެޓް ލީގުގެ ޗެމްޕިއަންކަން ހޯދި މިލާން ކްރިކެޓް އެކެޑަމީގެ ޓީމް- ފޮޓޯ: ކްރިކެޓް ބޯޑު އޮފް މޯލްޑިވްސް


ޓީ20 ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން މިލާން ކްރިކެޓް އެކެޑަމީ އިން ހޯދައިފި

29 ޖުލައި 2023 - 11:52 0

ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް ޓީ20 ޕްރިމިއާ ކްރިކެޓް ލީގުގެ ޗެމްޕިއަންކަން މިލާން ކްރިކެޓް އެކެޑަމީ އިން ހޯދައިފި އެވެ.

ފަސް ޓީމާއިއެކު މި މަހުގެ ހަތް ވަނަ ދުވަހު ފެށި ޓީ20 ޕްރިމިއާ ކްރިކެޓް ލީގުގެ ޗެމްޕިއަންކަން ހޯދި މިލާން އެކަޑެމީއަށް ޓްރޮފީ ހަވާލްކުރުން އޮތީ ލީގު ބުރުގެ ފަހު މެޗުގައި އެ ޓީމް އޮއްފު އެފްސީ އާ ދެކޮޅަށް ކުޅުނު މެޗަށްފަހު އެ މެޗު ފަސޭހަކަމާ އެކު މިލާނުން ކާމިޔާބުކުރީ 115 ލަނޑުންނެވެ.

މެޗުގެ ޓޮސް ދިމާވުމުން މިލާނުން ނިންމީ ބެޓްކުރަން އަރާށެވެ. އެ ޓީމު ކުޅެން އަރާ 16 އޯވަރުގައި ތިން ކުޅުންތެރިން ނުބައިވެގެން 144 ލަނޑު ހެދި އެވެ. އެންމެ ރަނގަޅަށް ކުޅުނީ 33 ބޯޅައިން 50 ލަނޑު ހެދި އިބްރާހިމް ނަޝާތު އާއި 34 ބޯޅައިން 36 ލަނޑު ހެދި މުހައްމަދު އައްޒާމް އެވެ.

ޖަވާބުގައި އޮއްފު އެފްސީ ކުޅެން އަރާ 10.4 އޯވަރުގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 49 ލަނޑެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނު މުހައްމަދު ފައްޔާޒު 22 ބޯޅައިން 16 ލަނޑު ހެދި އެވެ.

ޓީ20 ޕްރިމިއާ ކްރިކެޓް ލީގުގެ ފަހު މެޗުގައި މިލާން ކްރިކެޓް އެކެޑަމީގެ ކެޕްޓަން އަޒްޔާން ބެޓްކުރަނީ - ފޮޓޯ: އިސްމާއިލް އަޒްމީން/އަދަދު


މިލާން ޓީމުގެ އާދަމް ނާސިފް މި އިނިންގްސްގައި ދެ އޯވަރު ހަތް ލަނޑަށް ތިން ވިކެޓު ނެގިއިރު، އަމީލް އަހުމަދު މައުރޫފް އާއި ތުޝާރު ޖަޝްނާނީ މިއިން ކޮންމެ ކުޅުންތެރިއަކު ދެ ވިކެޓު ނެގި އެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ނަޝާތު ހޮވުނުއިރު، މުބާރާތުގެ އެންމެ މޮޅު ބެޓްސްމަންގެ މަގާމާއި އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ލިބުނީ މާލޭ ސްޕޯޓްސް ކުލަބުގެ މުހައްމަދު ރިޝްވާން އަށެވެ. އޭނާ ވަނީ ހަތަރު މެޗުގައި 172 ލަނޑު ހަދާފަ އެވެ.

އެންމެ މޮޅު ބޯލަރަކީ ހަތަރު މެޗުން ނުވަ ވިކެޓު ނެގި މިލާންގެ އަމީލް އެވެ. އެންމެ މޮޅު ފީލްޑަރަކީ އެޓީމްގެ ވިކެޓް ކީޕަރު މުހައްމަދު އައްޒާމް އެވެ.

ޓީ20 ޕްރިމިއާ ކްރިކެޓް ލީގުގެ ގަދަ ހަތަރު ޓީމް ކޮލިފައިވާނީ ޕްރެޒިޑެންޓްސް ކަޕަށެވެ. މިލާން އެކަޑެމީ، މާލޭ ވެޓްރަންސް، މާލޭ ސްޕޯޓްސް ކުލަބު އަދި ވިޔަންސާއާއިއެކު ޕްރެޒިޑެންޓްސް ކަޕްގެ ކުޅުން ފަށާނީ އަންނަ ހުކުރު ދުވަހު އެވެ.