Advertisement

ޓީ20 ވޯލްޑް ކަޕް ކޮލިފައިން: ރާއްޖޭން ފަހު މެޗުގައި މޮންގޯލިއާ އަތުން ވެސް މޮޅުވެއްޖެ

7 ސެޕްޓެންބަރު 2024 - 01:33 0


ޓީ20 ވޯލްޑް ކަޕް ކޮލިފައިން: ރާއްޖޭން ފަހު މެޗުގައި މޮންގޯލިއާ އަތުން ވެސް މޮޅުވެއްޖެ

7 ސެޕްޓެންބަރު 2024 - 01:33 0

ޓީ20 ވޯލްޑް ކަޕް ކޮލިފައިންގެ އޭޝިއާ ކޮލިފަޔާ އޭ ގައި ރާއްޖޭގެ ގައުމީ ކްރިކެޓް ޓީމުން ކުޅުނު ފަހު މެޗުން މޮންގޯލިއާ އަތުން ބޮޑު މޮޅެއް ހޯދައިފި އެވެ.

ހަތް ޓީމު ވާދަކުރާ މި ކޮލިފައިންގައި، ރާއްޖޭން ފުރަތަމަ ކުޅުނު ހަތަރު މެޗުން ވަނީ ބަލިވެފަ އެވެ. އެ ގޮތުން، ލޭޝިއާ އަތުން ބަލިވީ، 94 ލަނޑުންނެވެ. ދެ ވަނަ މެޗުގައި، ސިންގަޕޫރު އަތުން ބަލިވީ، 47 ލަނޑުންނެވެ. ތިން ވަނަ މެޗުން، ކުވެއިތު އަތުން ރާއްޖެ ބަލިވީ 142 ލަނޑުންނެވެ. އަދި ހަތަރު ވަނަ މެޗުން، ހޮންގް ކޮންގް އަތުން ރާއްޖެ އަށް ނާކާމިޔާބުވީ ނުވަ ވިކެޓުންނެވެ.

އެކަމަކު ފަސް ވަނަ މެޗުން ރާއްޖޭން ވަނީ، މިޔަންމާ އަތުން ނުވަ ވިކެޓުން މޮޅުވެފަ އެވެ. އަދި ފަހު މެޗުގައި މޮންގޯލިއާގެ މައްޗަށް ކުރިހޯދީ، 117 ލަނޑުންނެވެ.

ޓޮސް ދިމާވުމުން ރާއްޖޭން ނިންމީ ކުޅެން އަރާށެވެ. އެ ގޮތުން، 20 އޯވަރުގެ ތެރޭގައި ހަ ކުޅުންތެރިން ނުބައިވެެގެން، 178 ލަނޑު ހެދި އެވެ. ރާއްޖޭގެ ޓީމަށް އެންމެ ގިނަ ލަނޑު އެއްކޮށްދިނީ، 56 ލަނޑު ހެދި ގެދާރާ ކުމާރާ އެވެ. ރާއްޖޭގެ ކެޕްޓަން، އަޒްޔާން ފަރުހަތު ވަނީ، 55 ލަނޑު ހަދައިފަ އެވެ. އަދި ވައިސް ކެޕްޓަން، އާދަމް ނާސިފް އުމަރު ވަނީ، 32 ލަނޑު ހަދައިފަ އެވެ.

ޖަވާބުގައި ކުޅެން އަރައި، 19.1 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ، 61 ލަނޑެވެ. މި އިނިންގްސްގައި ރާއްޖޭގެ، އަޒްޔާން ވަނީ ހަތަރު ވިކެޓް ނަގައިފަ އެވެ.

މި ހަތް ގައުމުގެ މެދުގައި، ކުޅޭ ކޮލިފައިން ލީގު ބުރަށް ފަހު، އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެއް، ރީޖަނަލް ފައިނަލް ބުރަށް ހޮވޭނެ އެވެ. ރީޖަނަލް ފައިނަލުގައި، މުޅި އޭޝިއާ އިން ނުވަ ޓީމެއް ވާދަކުރާނީ، ޓީ20 ވޯލްޑް ކަޕުން އޭޝިއާ ލިބޭ ފަހު ދެ ޖާގަ އަށެެވެ.

ކޮލިފައިންގެ މި ވަގުތުގެ ރޭންކިން އަށް ބަލާއިރު، އެއް ވަނައިގައި އޮތް ހޮންގް ކޮންގް އާއި ދެ ވަނައިގައި އޮތް ކުވެއިތަށް ވަނީ އަށް ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް މެލޭޝިއާ އަށް ހަ ޕޮއިންޓް ލިބިފައިވާއިރު، ހަަތަރު ވަނައިގައި އޮތް ސިންގަޕޫރަށް ވަނީ ހަ ޕޮއިންޓް ލިބިފަ އެވެ. ފަސް ވަނައިގައި އޮތް ރާއްޖެ އަށް ހަތަރު ޕޮއިންޓް ލިބުނުއިރު، ހަ ވަނައިގައި އޮތް މިޔަންމާ އަށް ދެ ޕޮއިންޓް ލިބިފައިވެ އެވެ. އަދި ފުލުގައި އޮތް މޮންގޯލިއާ އަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.