16 އޮކްޓޯބަރު 2023 - 23:11 0
ކްރިކެޓް ޔޫތު ޗެމްޕިއަންޝިޕްގައި މިއަދު ކުޅުނު މެޗެއްގެ ތެެރެއިން.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
16 އޮކްޓޯބަރު 2023 - 23:11 0
ގައުމީ ޔޫތު ޗެމްޕިއަންޝިޕްގެ އަންހެން ޓީ20 ޝީލްޑްގެ ފުރަތަމަ މެޗު ލ. ކުނަހަންދޫ ޓީމުން ކާމިޔާބުކޮށްފި އެވެ.
މާލޭ ކުޅިވަރު އެކުވެނީގައި މިއަދުން ފެށިގެން މި މަހުގެ 20 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާ މުބާރާތުގައި ވާދަކުރަނީ ތިން ޓީމެކެވެ. އެއީ މާލޭގެ އަންހެން ޓީމާއި، ފުވައްމުލަކު ސިޓީގެ އަންހެން ޓީމު އަދި ލ.ކުނަހަންދޫގެ އަންހެން ޓީމެވެ.
މި އަހަރުގެ މުބާރާތުގެ މެޗުތައް ކުރިއަށްދާނީ ލީގު އުސޫލުން ދެ ބުރު ކުޅުމަށް ފަހު ކުރި ހޯދާ ދެ ޓީމު ފައިނަލުގައި ވާދަކުރާ ގޮތަށެވެ.
މިއަދު ހެނދުނު ކުޅުނު މެޗު ކުނަހަންދޫ ޓީމުން ކާމިޔާބުކުރީ 199 ލަނޑުންނެވެ. މެޗުގެ ޓޮސް ދިމާވުމުން ކުނަހަންދޫ ޓީމުން ނިންމީ ބެޓުކުރާށެވެ.
އެޓީމް ކުޅެން އަރާ 20 އޯވަރުގައި އެއްވެސް ކުޅުންތެރިއަކު ނުބައިނުވެ 239 ލަނޑު ހެދި އެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 62 ބޯޅައިން 136 ލަނޑު ހެދި ސުމައްޔާ ހަމީދު އެވެ. މީގެ އިތުރުން ފާތިމަތު ޝަޖާ ވަނީ 39 ބޯޅައިން 55 ލަނޑު ހަދާފަ އެވެ.
ޖަވާބުގައި މާލޭ ޓީމް ކުޅެން އަރާ 14.2 އޯވަރުގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 40 ލަނޑެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 32 ބޯޅައިން 17 ލަނޑު ހެދި މަރިޔަމް ލީން ލުތުފީ އެވެ.
މި އިނިންގްސްގައި ކުނަހަންދޫގެ ނަބާ ބިންތި ނަސީމް ވަނީ 3.2 އޯވަރުގައި ފަސް ލަނޑަށް ފަސް ވިކެޓު ނަގާފަ އެވެ.
މީގެ ކުރިން ބާއްވާފައިވާ ޓީ20 މުބާރާތުގެ ދެ ފަހަރު ޗެމްޕިއަންކަން ހޯދާފައިވަނީ ލ. ކުނަހަންދޫގެ ޓީމެވެ. ފުވައްމުލަކު ޓީމުން ވެސް ވަނީ މީގެ މި މުބާރާތުގެ ތަށި ހޯދައިފަ އެވެ.
Comment