Advertisement

ގްރީސްގެ ރަށަކުން 30،000 މީހުން އިވެކުއޭޓްކޮށްފި

24 ޖުލައި 2023 - 07:20 2

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ގްރީސްގެ ރޯޑް އައިލެންޑްގައި ވަނީ އަލިފާން ރޯވެފައި. -- ފޮޓޯ: ރޮއިޓާޒް


ގްރީސްގެ ރަށަކުން 30،000 މީހުން އިވެކުއޭޓްކޮށްފި

24 ޖުލައި 2023 - 07:20 2

ގްރީސްގެ ރަށެއް ކަމުގައިވާ ރޯޑް އައިލެންޑުގެ ޖަންގަލީގައި ރޯވެ އަނދަމުން ދާތީ 30،000 މީހުން އިވެކުއޭޓްކޮށްފި އެވެ.

ގްރީސްގެ ފުލުހުން ބުނީ ރޯވެ އަނދަމުން ދާތާ ހަ ދުވަސް ވެފައިވާ ކަމަށާއި ފަތުރުވެރިން ހިމެނޭހެން ގިނަ ބަޔަކު އިވެކުއޭޓް ކުރި ކަމަށެވެ.

މިއީ ގްރީސްގެ ތާރީހުގައި ވެސް އަލިފާން ރޯވުމާ ގުޅިގެން އެންމެ ގިނަ އަދަދެއްގެ މީހުން އިވެކުއޭޓް ކުރި ފަހަރެވެ.

ރޯޑް އައިލެންޑަކީ ފަތުރުވެރިންގެ މެދުގައި މަގްބޫލު ރަށަކަށްވާ އިރު، ވައި ގަދަވުމާއި މިސްރާބު ހުރި ގޮތުގެ ސަބަބުން ބީޗަށް ވެސް ދަނީ އަސަރު ކުރަމުންނެވެ.

ފަތުރުވެރިންނާއި އާއްމުން އިވެކުއޭޓްކޮށްފައިވާ އިރު، ރޯޑް އައިލެންޑަށް ކުރާ ގިނަ އަދަދެއްގެ ޕަސެންޖަރު ފްލައިޓުތައް ވެސް ވަނީ މެދުކަނޑާލައިފަ އެވެ.

ގްރީސްގެ ބައެއް ހިސާބުތަކުގެ ހޫނުމިން 45 ޑިގްރީ ސެލްސިއަސްއަށް އަރާފައިވާ އިރު، އިތުރު ތަންތަނުގައި ރޯވުމުގެ ފުރުސަތު އެބަ އޮތެވެ.

ސައިންސްވެރިން ބުނާ ގޮތުގައި އޯގަސްޓު މަހާ ހަމައަށް ޔޫރަޕްގެ އެކި ހިސާބުތަކަށް ކުރިމަތިވެފައިވާ ހީޓްވޭވްތައް ދެމިގެން ދިޔުން އެކަށީގެންވެ އެވެ.

ގްރީސްއަކީ އާއްމުކޮށް ވެސް ހޫނު މޫސުމުގައި ޖަންގަލީގައި އަލިފާން ރޯވުމުގެ މައްސަލަ ދިމާވާ ގައުމެކެވެ. އެކަމަކު އެފަދަ ހާދިސާތައް އިތުރުވެފައިވާ ކަމަށް ސައިންސްވެރިން ބުނެ އެވެ.