Advertisement

މަރުވި ބަލްޑޮކްގެ ކޮންޓްރެކްޓް މުއްދަތަށް މުސާރަ ދޭނެ

15 އޮކްޓޯބަރު 2024 - 07:50 0


މަރުވި ބަލްޑޮކްގެ ކޮންޓްރެކްޓް މުއްދަތަށް މުސާރަ ދޭނެ

15 އޮކްޓޯބަރު 2024 - 07:50 0

އެތަންސް، ގްރީސް (އޮކްޓޫބަރު 15) - ދާދި ފަހުން މަރުވި، ގްރީސްގެ ޕެނަތަނައިކޯސް އަށް ކުޅެމުން އައި 31 އަހަރުގެ ޑިފެންޑަރު، ޖޯޖް ބަލްޑޮކްގެ ކޮންޓްރެކްޓް މުއްދަތަށް ވާ މުސާރަ އޭނާގެ އާއިލާ އަށް ދިނުމަށް ޕެނަތަނައިކޯސް އިން ނިންމާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

މީގެ ހަ ވަރަކަށް ދުވަސް ކުރިން، ބަލްޑޮކް، ސްވިމިން ޕޫލުގައި އޮއްވައި، ފުލުހުންނަށް ލިބުނު ރިޕޯޓަކާ ގުޅިގެން، ގޮސް އަވަހަށް އިމަޖެންސީ ފަރުވާ ދީ އޭނާ ސަލާމަތްކުރަން މަސައްކަތްކުރި ނަމަވެސް، އޭރު އޭނާގެ ވިންދެއް ނެތެވެ. ބަލްޑޮކް ވަނީ މިދިޔަ ހަފްތާގެ އާދިއްތަ ދުވަހު، ޕެނަތަނައިކޯސް އިން އޮލިމްޕިއާކޯސްއާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް ކުޅެފަ އެވެ. ގްރީސް ގައުމީ ޓީމަށް 12 މެޗު ކުޅެދީފައިވާ ބަލްޑޮކްގެ މި މަރުވެފައިވަނީ ޕޫލަށް ގެނބިގެން ކަމަށް ފުލުހުންގެ ލިޔެކިޔުންތަކުގައި ވަނީ ހިމަނައިފަ އެވެ.


އިނގިރޭސި ކްލަބް، ޝެފީލްޑް ޔުނައިޓެޑަށް ހަތް ސީޒަން ކުޅެދިން ބަލްޑޮކް، ޕެނަތަނައިކޯސް އަށް ބަދަލުވީ މި ފަހަރުގެ ޓްރާންްސްފާގަ އެވެ. އޭނާ ވަނީ އިނގިރޭސި ޕްރިމިއާ ލީގުގައި ވެސް ތިން ސީޒަން ކުޅެފަ އެވެ. ޕެނަތަނައިކޯސްއާ އެކު، ތިން އަހަރުގެ ކޮންޓްރެކްޓެއްގައި، ސޮއިކުރި ބަލްޑޮކަށް އެ އެއްބަސްވުމުގެ މުއްދަތަށް ލިބެންޖެހޭ ފައިސާ ދޭން ޕެނަތަނައިކޯސްގެ މެނޭޖްމަންޓުން ނިންމީ، ކްލަބްގެ ބޯޑުން މަޝްވަރާ ކުރުމަށް ފަހު އެވެ.

އެ ގޮތުން، ބަލްޑޮކްގެ އާއިލާ އަށް އެހީތެރިވުމުގެ ގޮތުން، ހާއްސަ ޗެރިޓީ މެޗެއް ކުޅުމަށް ވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.

އިނގިރޭސި ކްލަބް، އެމްކޭ ޑޯންސް އިން ކެރިއަރު ފެށި ބަލްޑޮކް، ވަނީ ލޯން އުސޫލުން، ނޯތަމްޓަން އާއި އޮކްސްފޯޑް ޔުނައިޓެޑަށް ކުޅެފަ އެވެ. ޝެފީލްޑަަށް ބަދަލުވީ 2017 ވަނަ އަހަރު އެވެ. އެ ޓީމަށް 219 މެޗު ކުޅެދިންއިރު، ދެ ފަަހަރެއްގެ މަތިން ޕްރިމިއާ ލީގަށް ޕްރޮމޯޓްވާން އެހީތެރިވެދިނެވެ.