Advertisement

ފުޓްބޯޅަ ކުޅުންތެރިޔާ ބަލްޑޮކް ސްވިމިން ޕޫލެއްގައި މަރުވެފައި އޮއްވައި ފެނިއްޖެ

10 އޮކްޓޯބަރު 2024 - 10:25 0


ފުޓްބޯޅަ ކުޅުންތެރިޔާ ބަލްޑޮކް ސްވިމިން ޕޫލެއްގައި މަރުވެފައި އޮއްވައި ފެނިއްޖެ

10 އޮކްޓޯބަރު 2024 - 10:25 0

އެތަންސް، ގްރީސް (އޮކްޓޫބަރު 10) - ގްރީސްގެ ޕެނަތަނައިކޯސް އަށް ކުޅެމުން އަންނަ 31 އަހަރުގެ ޑިފެންޑަރު، ޖޯޖް ބަލްޑޮކް، ސްވިމިން ޕޫލެއްގައި މަރުވެފައި އޮއްވައި ފެނިއްޖެ އެވެ.

ބަލްޑޮކް، ސްވިމިން ޕޫލުގައި އޮއްވައި، ފުލުހުންނަށް ލިބުނު ރިޕޯޓަކާ ގުޅިގެން، ގޮސް އަވަހަށް އިމަޖެންސީ ފަރުވާ ދީ އޭނާ ސަލާމަތްކުރަން މަސައްކަތްކުރި ނަމަވެސް، އޭރު އޭނާގެ ވިންދެއް ނެތެވެ.

އިނގިރޭސި ދަރިކޮޅަށް ނިސްބަތްވި ނަމަވެސް ބަލްޑޮކް ކުޅެމުން އަންނަނީ ގްރީސް ގައުމީ ޓީމަށެވެ. އެއީ، އާއިލީ ގޮތުން ގުޅުން އޮންނާތީވެ، ފީފާ މެދުވެރިކޮށް ހޯދި ފުރުސަތެކެވެ. އިނގިރޭސި ކްލަބް، ޝެފީލްޑް ޔުނައިޓެޑަށް ހަތް ސީޒަން ކުޅެދިން ބަލްޑޮކް، ޕެނަތަނައިކޯސް އަށް ބަދަލުވީ މި ފަހަރުގެ ޓްރާންްސްފާގަ އެވެ. އޭނާ ވަނީ އިނގިރޭސި ޕްރިމިއާ ލީގުގައި ވެސް ތިން ސީޒަން ކުޅެފަ އެވެ.

ބަލްޑޮކް ވަނީ މިދިޔަ އާދިއްތަ ދުވަހު، ޕެނަތަނައިކޯސް އިން އޮލިމްޕިއާކޯސްއާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް ކުޅެފަ އެވެ. ގްރީސް ގައުމީ ޓީމަށް 12 މެޗު ކުޅެދީފައިވާ ބަލްޑޮކްގެ މި މަރާ ގުޅޭ ކަންކަން ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.

އިނގިރޭސި ކްލަބް، އެމްކޭ ޑޯންސް އިން ކެރިއަރު ފެށި ބަލްޑޮކް، ވަނީ ލޯން އުސޫލުން، ނޯތަމްޓަން އާއި އޮކްސްފޯޑް ޔުނައިޓެޑަށް ކުޅެފަ އެވެ. ޝެފީލްޑަަށް ބަދަލުވީ 2017 ވަނަ އަހަރު އެވެ. އެ ޓީމަށް 219 މެޗު ކުޅެދިންއިރު، ދެ ފަަހަރެއްގެ މަތިން ޕްރިމިއާ ލީގަށް ޕްރޮމޯޓްވާން އެހީތެރިވެދިނެވެ.