21 ޖުލައި 2023 - 15:49 0
ސާއިފް ޝިޔާދު
21 ޖުލައި 2023 - 15:49 0
ނ. އަތޮޅު އިރުފުށި ރިސޯޓް ހިންގަން 2009 ގައި ސަން ޓްރެވަލް އާއި ހިލްޓަން އިންޓަނޭޝަނަލްއާ ދެމެދު ހެދި އެއްބަސްވުން 2013 ގައި ސަން ޓްރެވަލްއިން އުވާލުމާ ގުޅިގެން ސިންގަޕޫރުގެ އާބިޓްރޭޝަނަށް ހިލްޓަނުން ހުށަހެޅި މައްސަލާގައި ބަދަލުގެ ގޮތުގައި ދޭން ހުކުމްކޮށްފައިވާ 24 މިލިއަން ޑޮލަރު (370 މިލިއަން ރުފިޔާ) ތިން މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ސިންގަޕޫރުގެ ހައިކޯޓުން އަންގައިފި އެވެ.
އާބިޓްރޭޝަންގެ ހުކުމާ އެއްގޮތަށް މޯލްޑިވްސް ޑެވެލޮޕްމަންޓު އެލަޔަންސް (އެމްޑީއޭ) ގެ ލީޑަރު ސިޔާމްގެ ކުންފުނިން ފައިސާ ދައްކާފައި ނުވާތީ, އެ ނިންމުން ތަންފީޒުކޮށް ދިނުމަށް ހިލްޓަންއިން ސިންގަޕޫރުގެ ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުމެއް މިއަދު ހެނދުނު ރާއްޖެ ގަޑިން 08:00 ގައި ސިންގަޕޫރުގެ ހައިކޯޓުގައި ވަނީ ބާއްވާފަ އެވެ.
މި އަޑުއެހުމުގައި އެ ފައިސާ ތިން މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ސަންއަށް އަންގާފައިވާކަން "އަދަދު" ނޫހަށް ވަނީ ޔަގީން ކުރެވިފަ އެވެ. ސިޔާމް އަދި އޭނާގެ ކުންފުނި ތަމްސީލުކުރީ އެ ގައުމުގެ ޑްރޫ އެންޑް ނެޕިއާ ލޯފާމުންނެވެ.
"އަޅުގަނޑު މި ހުރީ ފައިސާ ދައްކާ ގޮތަށް. ޕާސްޕޯޓު ވެސް ހިފަހައްޓާފައި ނުވޭ އަދި ފުރުން ވެސް މަނާ ނުކުރޭ. މިރޭ ސިންގަޕޫރު އެއާލައިންސްއިން ރާއްޖެ އަންނާނަން," ސިޔާމް ދާދި ދެންމެއަކު "އަދަދު" ނޫހަށް ވިދާޅުވި އެވެ.
މި މައްސަލާގެ އަޑުއެހުމެއް މި މަހުގެ 17 ގައި ވެސް ސިންގަޕޫރުގެ ހައިކޯޓުގައި ކުރިއަށްދިޔަ އެވެ. އެ އަޑުއެހުމަށް ސިޔާމް ސިންގަޕޫރަށް ދިއުމާއެކު އެ ގައުމުން ފުރުން މަނާކުރި ކަމަށް މީޑިއާތަކުން ރިޕޯޓުކުރި އެވެ. އޭނާ ވަނީ އެކަން ދޮގުކޮށްފަ އެވެ.
"ރާއްޖޭގެ ބައެއް މީޑިއާތަކުން ފެތުރީ ދޮގު ހަބަރެއް. ސިޔާސީ ބަޔަކު އަޑީގައި ތިބެގެން އެ އަޑު ފެތުރީ," އެ ވާހަކަތަކަށް ރައްދު ދެއްވަމުން ދ. މީދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ސިޔާމް ވިދާޅުވި އެވެ.
މި މައްސަލާގައި ހުކުމާ އެއްގޮތަށް ފައިސާ ނުދެއްކުމުން ހިލްޓަން އަށް ރާއްޖޭގެ ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި ނިންމާފައިވަނީ ދެ ހަފުތާތެރޭގައި ފައިސާ ދައްކަން ޖެހޭނެ ކަމަށެވެ. އެ ނިންމުން ސަން ޓްރެވަލުން ރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން އެ މައްސަލަ ނިމެންދެން ސިވިލް ކޯޓުގެ ހުކުމް ތަންފީޒުކުރުން މަޑުޖައްސާލަން ވަގުތީ އަމުރެއް ވަނީ ނެރެދީފަ އެވެ.
ރިޔާސީ އިންތިހާބަށް 50 ދުވަހަށް ވެފައިވާއިރު ސިޔާމް އަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެވަނަ ދައުރަކަށް އެކުލަވާލި ކޯލިޝަންގެ މައި ޕާޓްނަރެކެވެ.
Comment