Advertisement

ގައުމީ ޒުވާން ފުޓްބޯޅަ ޓީމުން ސިންގަޕޫރު ބަލިކޮށްފި

8 މާރިޗު 2026 - 21:30 0


ގައުމީ ޒުވާން ފުޓްބޯޅަ ޓީމުން ސިންގަޕޫރު ބަލިކޮށްފި

8 މާރިޗު 2026 - 21:30 0

ސިންގަޕޫރުގައި ޓްރެއިނިން ކޭމްޕް ފުރިހަމަކުރަމުން އަންނަ ރާއްޖޭގެ 20 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމުން މިރޭ ކުޅުނު މެޗުގައި ސިންގަޕޫރުގެ 19 އަހަރުން ދަށުގެ ޓީމު 4-3 އިން ބަލިކޮށްފި އެވެ.

ސިންގަޕޫރާ ދެކޮޅަށް ރާއްޖޭން އެކުވެރިކަމުގެ ދެ މެޗެއް ކުޅެން ހަމަޖެހިފައިވާއިރު، އޭގެ ފުރަތަމަ މެޗުގައި މިރޭ ފުރަތަމަ ހާފު ނިމިގެންދިޔައިރު، ދެ ޓީމު އޮތީ 2-2 އިން އެއްވަރުވެފަ އެވެ. ދެ ވަނަ ހާފުގައި ރާއްޖޭން ނަތީޖާ ނެރުނީ އިތުރު ދެ ގޯލު ޖަހައިގެންނެވެ. ސިންގަޕޫރަށް ދެ ވަނަ ހާފުގައި ޖެހުނީ އެންމެ ގޯލެކެވެ.

މި މެޗުގައި ރާއްޖޭގެ ގޯލުތައް ޖަހާފައިވަނީ، މާޒިޔާ ސްޕޯޓްސް އެންޑް ރެެކްރިއޭޝަންގެ މުހައްމަދު އިލާން އިމްރާން، ކްލަބް ވެލެންސިއާގެ އީތަން އިބްރާހިމް ޒަކީ އަދި އޮޑި ސްޕޯޓްސް ކްލަބްގެ އަހުޒަމް ރަޝީދު (އަހު) އަދި އަލްހާން ފައިސަލް އަމީން އެވެ.

ސީނިއާ ގައުމީ ޓީމުގެ ހެޑް ކޯޗު އަދި އެފްއޭއެމް ޓެކްނިކަލް ޑިރެކްޓަރު، ހަންގޭރީގެ އިސްޓަވާން އުރްބާނީގެ އިރުޝާދުގެ ދަށުން ސާފް 20 އަހަރުން ދަށުގެ ގައުމީ ޓީމު ތައްޔާރުވަމުން އަންނައިރު، ސިންގަޕޫރާ ދެކޮޅަށް ކުޅޭ ދެ ވަނަ މެޗު އޮންނާނީ މި މަހުގެ 11 ވަނަ ދުވަހު އެވެ.

ސާފްގެ އުމުރުފުރާ މުބާރާތެއް ފުރަތަމަ ފަހަރަށް ރާއްޖޭގައި ހޯސްޓްކުރާއިރު، ރާއްޖެ ހިމެނޭ ގްރޫޕްގައި ދެން އޮތީ ނޭޕާލް، ބޫޓާން އަދި ސްރީ ލަންކާ އެވެ. އަދި، ގްރޫޕް ބީގައި ހިމެނެނީ، ބަންގްލަދޭޝް އާއި އިންޑިއާ އަދި ޕާކިސްތާން އެވެ.

ސާފްގެ 20 އަހަރުން ދަށުގެ މުބާރާތް އޮތީ މި އަހަރުގެ މާޗް މަހުގެ 22 އިން ފެށިގެން އޭޕްރީލް 3 ގެ ނިޔަލަށް ގަލޮޅު ދަނޑުގަ އެވެ. ފުރަތަމަ މެޗުގައި މާޗް 23 ވަނަ ދުވަހުގެރޭ ރާއްޖޭން ކުޅޭނީ ލަންކާއާ އެވެ. ދެ ވަނަ މެޗުގައި، މާޗް 25 ވަނަ ދުވަހުގެ ރޭ ބޫޓާނާ ދެކޮޅަށް ކުޅޭނެ އެވެ. އަދި، ގްރޫޕްގެ ފަހު މެޗުގައި، މާޗް 27 ވަަނަ ދުވަހު ހަވީރު ނޭޕާލާ ކުޅޭނެ އެވެ.