20 ފެބުރުވަރީ 2026 - 10:21 0
ލީވާން އަލީ ނާސިރު
ކުޑަފަރީގައި ސިޔާމް ހުޅުވި މިސްކިތް. -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
20 ފެބުރުވަރީ 2026 - 10:21 0
ނ. ކުޑަފަރީގެ ހިތްގައިމު މާހައުލުގައި އިއްޔެ ހުޅުވި އާ މިސްކިތަކީ، ދިވެހިރާއްޖޭގެ މިސްކިތްތައް ބިނާކުރުމުގެ ފަންނަށް އައި އާދަޔާހިލާފު ދިރުމެކެވެ. ރާއްޖޭގެ މަޝްހޫރު ވިޔަފާވެރިޔާ އަހުމަދު ސިޔާމް މުހައްމަދު، އޭނާގެ ބައްޕަގެ ހަނދާނުގައި އުފަން ރަށުގައި ބިނާކުރެއްވި މި މިސްކިތް (މަސްޖިދު މުހައްމަދު ޤާސިމް) އަކީ ދިވެހީންގެ ކާބަފައިންގެ މަސައްކަތްތެރިކަމާއި، އަދުގެ ޒަމާނީ ފަރުމާ އާއި ދިވެހި ފަންނުވެރިކަން ފުރިހަމައަށް ގުޅުވާލާފައިވާ ބިނާއެކެވެ. މި މިސްކިތުގެ ނަން ނިސްބަތްކޮށްފައި ވަނީ ސިޔާމްގެ ބައްޕަ އަށެވެ.
ސަތޭކަ ފަންސާސް މީހުންގެ ޖާގައިގެ މި މިސްކިތް ހުޅުވުމާ ގުޅިގެން އިސްލާމިކް މިނިސްޓްރީން ބުނެފައި ވަނީ މިއީ ދިވެހީންގެ ގަދީމީ ތާރީހާއި ސަގާފަތް ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ފެންނަން ހުރި ބިނާއެއް ކަމަށެވެ.
ހާއްސަކޮށް، ރާއްޖޭގެ އާސާރީ މިސްކިތްތަކުން ފެންނަ ހިރިގަލުގެ ވަޑާމާއި، ލަކުޑީގެ މަސައްކަތްތަކުގެ އިތުރުން ލިޔެލާޖެހުމުގެ މުއްސަނދިކަން މި މިސްކިތުން އާދަޔާހިލާފު ފުރިހަމަކަމަކާއެކު ފެނިގެންދެއެވެ.
ސިޔާމް މި މިސްކިތް ބިނާކުރެއްވީ އޭނާގެ ބައްޕަގެ ހަނދާނުގައި. -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ރާއްޖޭގެ ހިރިގަލު މިސްކިތްތައް ދިރާސާކުރައްވާފައިވާ މަޝްހޫރު އާކިޓެކްޓް މައުރޫފް ޖަމީލް މި މިސްކިތް ސިފަކުރެއްވީ "ވަރަށް ރީތި" ބިނާއެއްގެ ގޮތުގައެވެ. އޭނާގެ ނަޒަރުގައި މި މިސްކިތުގެ އެންމެ ތަފާތު ސިފައަކީ، މިހާރު މިސްކިތަކުން ފެންނަ ރަންކުލައިގެ ގުއްބުތަކާ ނުލައިވެސް މިސްކިތެއްގެ ފުރިހަމަ ރީތިކަން ގެނެސްދީފައިވުމެވެ.
"މީގެ އެންމެ ހިތްގައިމު އެއްކަމަކީ ގޯލްޑެން ޑޯމެއް ނުލައިވެސް މިސްކިތެއްގެ ރީތިކަން ގެނެވިދާނެކަން،" މައުރޫފު ޖަމީލް ވިދާޅުވި އެވެ.
ރާއްޖޭގެ ހިރިގަލުގެ މިސްކިތްތަކުގެ ޑިޒައިންތައް ނަގައިގެން ޒަމާނީ ގޮތަށް ބޭނުންކުރަން ފެށުމަކީ ރާއްޖޭގެ ސަގާފަތް އިޔާދަވުމުގެ މުހިއްމު ކަމެއްގެ ގޮތުގައި މައުރޫފު ސިފަކުރެއްވި އެވެ.
މިސްކިތުގެ ފާރުތަކުން ސިފަވަނީ މާލޭގެ ހުކުރު މިސްކިތް ފަދަ އާސާރީ ބިނާތަކެވެ. ދޮރުތަކާއި އޭގެ ބައްޓަމުން ވެސް އަދި ހަދާފައިވާ މުންނާރުން ވެސް މާލޭގެ ހުކުރު މިސްކިތް ރަމްޒުކޮށްދެ އެވެ. ފާރުތަކުގައި ހުރި ޖިއޮމެޓްރިކް ކުރެހުން މުޅި މިސްކިތަށް ގެނެސްދެނީ މުއްސަނދި ސަގާފީ ސިފައެކެވެ.
މިސްކިތުގެ އެތެރެއަށް ވަދެގެންދާއިރު، އެންމެ ފުރަތަމަ ވެސް ލޮލުގައި އަޅައިގަންނަނީ ފުރާޅުގެ އެތެރެބައިގައި ހުރި ލަކުޑީގެ އޮނިގަނޑާއި، އެކަތި އަނެކައްޗާ ގުޅުވާލަން ބޭނުންކޮށްފައިވާ ރަތާއި ކަޅުގެ ލިޔެލާޖެހި ބައިތަކެވެ. މިއީ ދިވެހިންގެ އެންމެ ފަހުރުވެރި އެއް ފަންނު ކަމަށްވާ ލިޔެލާޖެހުން، ޒަމާނީ އާކިޓެކްޗާއަކަށް ފިޓުކޮށްލާފައިވާ އާދަޔާހިލާފު ގޮތެކެވެ.
ސިޔާމް ހުޅުވި މިސްކިތުގައި ކުޑަފަރީ މީހުން އިއްޔެ މަޣުރިބު ނަމާދު ކުރަން ތައްޔާރުވެފައި. -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
ދޮރުތަކާއި ތަނބުތަކުގައި ކަނޑައިނަގާފައިވާ ކުރެހުންތަކާއި، އެ ކުރެހުންތަކަށް ޗާންދަލިއާތަކުން އެޅިފައިވާ އައްޔަކީ މިސްކިތުގެ އެތެރެއަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދޭ ކަމެކެވެ.
މި މިސްކިތުގެ މުންނާރު ފަރުމާކޮށްފައި ވަނީ ވަރަށް ސާދާ، ނަމަވެސް ހައިބަ ބޮޑު ގޮތަކަށެވެ.
މިއީ ހަމައެކަނި ރީތި އިމާރާތެއް ނޫނެވެ. މިއީ ދިވެހިވަންތަކަން އޭގެ އަސްލު ނުގެއްލޭ ގޮތަށް ޒަމާނީ ފެންވަރުގައި ދެމެހެއްޓިދާނެކަމުގެ ދިރިހުރި މިސާލެކެވެ. މި މިސްކިތް ވެގެންދާނީ ނ. އަތޮޅުގެ، އަދި މުޅި ރާއްޖޭގެ އާކިޓެކްޗަގެ ދާއިރާގައި ފާހަގަކޮށްލެވޭނެ މުހިންމު ބިނާއަކަށެވެ. އަދި ނ. އަތޮޅުގެ އެޓްރެކްޝަނަކެވެ. ފަތުރުވެރިން ޒިޔާރަތްކޮށް ފޮޓޯ ނަގައި ރާއްޖޭގެ ރީތިކަމާއި ފަންނުވެރިކަން ދުނިޔަށް އިތުރަށް ފެނިގެންދާނެ ބިނާއަކަށެވެ.
Comment