Advertisement

ވާދަވެރިންނަށް ވެސް އެއްބަސްވެވޭނެ އެއް ކެނޑިޑޭޓަކީ ސޯލިހު:ރޮޒައިނާ

20 ޖުލައި 2023 - 23:57 0

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

ރޮޒައިނާ ވިދާޅުވީ ވާދަވެރިންނަށް ވެސް އެއްބަސްވެވޭނެ ކެނޑިޑޭޓަކީ ރައީސް ސޯލިހު ކަމަށް -- ފޮޓޯ؛ އަދަދު


ވާދަވެރިންނަށް ވެސް އެއްބަސްވެވޭނެ އެއް ކެނޑިޑޭޓަކީ ސޯލިހު:ރޮޒައިނާ

20 ޖުލައި 2023 - 23:57 0

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ ވާދަކުރެއްވުމަށް އިދިކޮޅު ޕާޓީތަކުން ނެރޭނެ ކެނޑިޑޭޓަކު ނެތް ނަމަވެސް ވާދަވެރިންނަށް ވެސް އެއްބަސްވެވޭނެ ކެންޑިޑޭޓަކީ ރައީސް ސޯލިހު ކަމަށް މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެ އެވެ.

ދަ ޑިމޮކްރޭޓްސްގެ ފަރާތުން ރައީސް މުހައްމަދު ނަޝީދު އާއި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް އަދި އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް ވަނީ އިއްޔެ ބައްދަލުކުރައްވާ ޕީޕީއެމް އިން އެއްބަސްވާނަމަ އެއް ކެންޑިޑޭޓަކު ނެރޭނެކަން އިއުލާންކުރައްވާފަ އެވެ.

އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބަށް ކެމްޕޭންކުރަން އެމްޑީޕީން ހއ. ދިއްދޫގައި ބޭއްވި ޖަލްސާގައި ރޮޒައިނާ ވިދާޅުވީ އެމްޑީޕީއާ ވާދަވެރި ޕާޓީތަކަށް އިންތިހާބުގައި ވާދަކުރާނެ އެއް ކެނޑިޑޭޓަކަށް އެއްބަސް ނުވެވޭ ކަމަށެވެ. ވާދަވެރި ޕާޓީތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވުމާ އެކު ރޮޒައިނާ ވިދާޅުވީ އެބޭފުޅުންނަށް ވެސް ރައީސް ސޯލިހަށް ވުރެ ރަނގަޅު ކެނޑިޑޭޓަކު ނެތް ކަމަށެވެ.

"މިހާލަތުގައި އަޅުގަނޑުމެން އެހުރިހާ ބޭފުޅުންނަށް ގޮވާލަން ބޭނުންވަނީ މިއިންނެވީއޭ ކޮމަން ކެނޑިޑޭޓު. މިއިންނެވީއޭ ކޮމަން ކެނޑިޑޭޓު. މިއަށްވުރެ ވަކި ރަނގަޅު ޗޮއިސްއެއް ތިބޭފުޅުންނަކަށް ވެސް ނުލިބޭނެެއޭ" ރޮޒައިނާ ވިދާޅުވި އެވެ.

ރޮޒައިނާ ވިދާޅުވީ ހުރިހާ ލީޑަރުން ވެސް ވެރިކަން ބޭނުންވާ ކަމަށެވެ.

"އިއްޔެގެ ހަބަރުތަކުން އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ ކޮމަން ކެނޑިޑޭޓެއް ނެގުމުގެ މަޝްވަރާތަކެއް ހިނގި ވާހަކަ. ހުރިހާ ބޭފުޅުންނަށް ވެސް އެއްބަސް ވެވުނު އެއް ކެނޑިޑޭޓަކު ނެރެން. ދެން އެކެނޑިޑޭޓަކީ ކޮބާހޭ ބުނާއިރަށް ހުރިހާ އެންމެންގެ އަތްމައްޗަށް." ވާދަވެރި ޕާޓީތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ރޮޒައިނާ ވިދާޅުވި އެވެ.

މީގެ އިތުރުން އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ތެރޭގައި އޮތް ކެނޑިޑޭޓަކު ނިންމުމުގެ ހަމަނުޖެހުމަށް ވެސް އޭނާ ފާޑުވިދާޅުވި އެވެ.

"ދެން ކޮމަން ކެނޑިޑޭޓުގެ ޖަލްސާ ނިމޭއިރަށް ޕީޕީއެމްއިން ނެރެފި ބަޔާނެއް. ބަޔާނުގެ މަތީ އޮތީ އިންޑިއާ އައުޓު ތައްގަނޑު ތިރީގަ އޮތީ ޔާމީން އައުޓް" ރޮޒައިނާ ވިދާޅުވި އެވެ.

އެއް ކެންޑިޑޭޓެއްގެ ހިޔާލު އެންމެ ފުރަތަމަ ގެންނެވި ބޭފުޅަކީ، މި ސަރުކާރާ މެދު ހިތްހަމަނުޖެހި ސަރުކާރުން ހިންގާ ޕާޓީ، އެމްޑީޕީން ވަކިވި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. ނަޝީދު އެދިވަޑައިގަތީ ވެސް އެއް ކެންޑިޑޭޓަކީ ޔާމީން އަދި އެމަނިކުފާނު ފިޔަވައި އެހެން ބޭފުޅަކު ހަމަޖެއްސެވުމަށެވެ. އަދި އެއީ ޕާޓީތަކަށް އެއްބަސްވެވޭ ބޭފުޅަށް ވުމަށެވެ.

އޭރު ވެސް ޕީޕީއެމްގެ ލީޑާޝިޕުން ގޮވާލީ އިދިކޮޅު ހުރިހާ ޕާޓީއަކުން އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ތާއީދުކުރުމަށެވެ.

ނަމަވެސް ޔާމީން ގެންދަވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އެ ހުކުމް ދެމިއޮތްހާ ހިނދަކު ޔާމީނަށް އިންތިހާބުގައި ވާދައެއް ނުކުރެވޭނެ އެވެ. ފަނޑިޔާރަކު ޗުއްޓީގައި ހުންނެވުމުން ހުކުމުގެ އިސްތިއުނާފު ހައި ކޯޓުގައި ހުއްޓުމަކަށް އައިސްފަ އެވެ.

އެހެންވިޔަސް ޔާމީން ނޫން ކެންޑިޑޭޓެއްގެ ވާހަކަ ފާޅުގައި ދައްކަން ލީޑާޝިޕުން ދަނީ ދެކޮޅު ހަދަމުންނެވެ. އޭގެ މަޝްވަރާތައް އެތެރޭގައި އޮތް އިރު، ލީޑާޝިޕްގެ އެތެރޭގައި ކެންޑިޑޭޓަކާ މެދު ހިޔާލުތަފާތުވުންތަކެއް އޮތް ކަން ވަނީ އެނގިފަ އެވެ.