20 ޖުލައި 2023 - 10:33 2
ރައްޔާން މުހައްމަދު
ދިލްމާގެ ފައުންޑަރު މެރިލް ޖޭ. ފަނަންޑޯ. ފޮޓޯ: އެޗްބީއެސް
20 ޖުލައި 2023 - 10:33 2
ލަންކާގެ މަޝްހޫރު ސައިފަތް ބްރޭންޑް "ދިލްމާ" ގެ ފައުންޑަރު މެރިލް ޖޭ. ފަނާންޑޯ (އެމްޖޭއެފް) ނިޔާވެއްޖެ އެވެ.
އެމްޖޭއެފް ނިޔާވި އިރު އުމުރަކީ 93 އަހަރެވެ. އޭނާގެ ވަކިވުމާއި ގުޅިގެން ދަރިފުޅު މަލިކް ޖޭ. ފަނާންޑޯ ކޮށްފައިވާ ފޭސްބުކް ޕޯސްޓެއްގައި ބުނެފައިވަނީ، ބައްޕަ އަކީ އޭނާގެ ދިރިއުޅުމަށް ނަމޫނާ ރަމްޒެއްކަމަށެވެ. އަދި ބައްޕަގެ ނަން އިތުރަށް ދިރުވުމަށް ބޭބެއާއި ދަރިން އާ އެކު މަސައްކަތް ކުރާނެ ކަމަށެވެ.
މިއަދު ދުނިޔޭގެ އެންމެ މަގުބޫލު އެއް ސައިފަތުގެ ލަގަބު ލިބިފައިވާ ދިލްމާ އަކީ އެމްޖޭއެފްގެ ހަޔާތުގެ ބުރަ މަސައްކަތެވެ. ސައިފަތް ވިއްކާ ހުރިހާ ކުންފުންޏެއްގެ އުފެއްދުންތައް އެއްގޮތްވަމުންދާތަން ފެނި، އެމްޖޭއެފް އޭނާގެ މަސައްކަތް ފެށީ 1950 ގަ އެވެ. އަދި އޭގެ ތިރީހަކަށް އަހަރު ފަހުން، 1985 ގައި އޭނާގެ އަމިއްލަ ކުންފުނި ދިލްމާ ލޯންޗުކުރި އެވެ.
ދިލްމާ އަކީ ސައިފަތް ތައްޔާރުކުރުމުގެ ހުރިހާ ކަމެއް އެއް ފަރާތަކުން ކުރަން ފެށި ސިލޯންގެ ފުރަތަމަ ކުންފުންޏެވެ. މީގެ ތެރޭ ފަތް ބިނުމުން ފެށިގެން ޕެކޭޖްކޮށް ވިއްކުން ހިމެނެ އެވެ. މިކަމުގެ ސަބަބުން ދިލްމާގެ ތާޒާކަމާއި މީރުކަން ފާހަގަވެ މަގުބޫލުވާން ފެށި އެވެ.
އެމްޖޭއެފްގެ އަމާޒަކަށްވީ ނަޒާހަތްތެރިކަމާ ޒިންމާދާރު ކަމާ އެކު ދިލްމާގެ މީރު ރަހަ ފޯރުކޮށްދޭށެވެ. އަދި މުޖުތަމައުއަށް ހިދުމަތްތެރި މީހަކަށް ވުމަށެވެ. މިކަމަށް ހާއްސަކޮށް އޭނާ އެމްޖޭއެފް ޗެރިޓެބަލް ފައުންޑޭޝަން އަދި ދިލްމާ ކޮންސަވޭޝަން އުފެއްދި އެވެ.
ސައިފަތަކީ ވިޔަފާރިއެއް ނަމަވެސް އެމްޖޭއެފް މި މަސައްކަތް ސިފަކޮށްފައިވަނީ އިންސާނިއްޔަތަށް ކޮށްދޭ ހިދުމަތެއްގެ ގޮތަށެވެ. އަދި މުވައްޒަފުންނާ ތިމާވެއްޓަށް ފުރިހަމަ އަޅާލުން ދެމމުން މިކަން ކުރުމަކީ މުހިންމު ކަމެއްގެ ގޮތުގައި އޭނާ ދެކުނެވެ.
ދިލްމާ ކުންފުންޏަށް 70 އަށް ވުރެ ގިނަ އަހަރު ވެފައިވާ އިރު މިއީ ދިވެހިންގެ ތެރޭގައި ވެސް މަގުބޫލު ބްރޭންޑެކެވެ. ރާއްޖޭއަށް ދިލްމާ އެތެރެކުރަންފެށިތާ މިހާރު ވަނީ 20 އަހަރަށް ވުރެ ގިނަ ދުވަސް ވެފަ އެވެ. އަދިވެސް ރާއްޖެއަށް ދިލްމާ އިމްޕޯޓްކުރަނީ، ރާއްޖޭގެ މާކެޓަށް މި ބްރޭންޑް ތައާރަފުކުރި ސިމްޑީ ކުންފުނިން ނެވެ.
Comment