Advertisement

ޑިމޮކްރެޓުންގެ ވައުދަކީ އިކުއިޓީ އާއި ރަހުނުގެ ޝަރުތު ނެތް ވިޔަފާރި ލޯނު ދޫކުރުން

18 ޖުލައި 2023 - 22:35 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ޑިމޮކްރެޓުން ބޭއްވި ފަސޭހަ ވިޔަފާރި ސިޔާސަތު ލޯންޗު ކުރަން މާލޭގައި ބޭއްވި އިވެންޓްގެ ތެރެއިން - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


ޑިމޮކްރެޓުންގެ ވައުދަކީ އިކުއިޓީ އާއި ރަހުނުގެ ޝަރުތު ނެތް ވިޔަފާރި ލޯނު ދޫކުރުން

18 ޖުލައި 2023 - 22:35 0

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި އާ ވިޔަފާރިތައް އުފައްދަން ސަރުކާރުން ދޫކުރާ ލޯނުތަކަކީ ރަހުނާއި އިކުއިޓީގެ ޝަރުތު އުނިކޮށް ކުޑަ އިންޓްރެސްޓް ރޭޓެއްގައި ދޫކުރާނެ ލޯނުތަކެއްގެ ގޮތުގައި ހަމަޖައްސާ ގޮތަށް، ދަ ޑިމޮކްރެޓްސް ޕާޓީގެ "ފަސޭހަ ވިޔަފާރި ސިޔާސަތު" ލޯންޗުކޮށްފި އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ދަ ޑިމޮކްރެޓްސް އިން ރައްޔިތުންނަށް ހުށަހަޅާ ސިޔާސަތުގެ ތެރެއިން، ފުރަތަމަ ސިޔާސަތު ލޯންޗުކުރުމަށް މިރޭ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިވެންޓްތައް ބޭއްވި އެވެ.

އެ އިވެންޓްތަކުގައި ދައްކާލި ވީޑިއޯ ޕްރެޒެންޓޭޝަނެއްގައި ރައްޔިތުންގެ މަޖިލިހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ވިދާޅުވީ ލޯނު ދޫކުރުމުގައި ބަލާނީ އެއީ ފީޒިބަލް ބިޒްނަސް ޕްރޮޕޯސަލެއް ކަން އެކަނި ކަމަށެވެ.

"މޮގޭޖެއް (ރަހުނެއް)، އިކުއިޓީއެއް ނޯންނާނެ މީގައި، ފީޒިބަލް ވިއްޔާ ފައިސާ ހަމަޖެހޭނެ، އަޅުގަނޑުމެން މި ބަލަނީ އެންމެ ބޮޑު ވެގެން ވެސް ހަ ޕަސެންޓް އިންޓްރެސްޓް ރޭޓްގެ ގޮތުގައި ބާއްވަން،" ޑިމޮކްރެޓްސްގެ މެނިފެސްޓޯގެ މަސައްކަތް އިސްކޮށް ބަލަހައްޓަން ހަވާލުކުރި ކޮމިޓީގައި ވެސް ހިމެނޭ އިލްޔާސް ވިދާޅުވި އެވެ.

ދަ ޑިމޮކްރެޓްސްގެ ފަސޭހަ ވިޔަފާރި ސިޔާސަތު ލޯންޗުކުރަން މާލޭގައި ބޭއްވި އިވެންޓް - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


ޑިމޮކްރެޓްސްގެ ސިޔާސަތުގެ ކަރުދާހުގައި އިތުރަށް ބުނެފައިވާ ގޮތުގައި، އެފަދަ ބައެއް ވިޔަފާރިތައް ފަށަން ބޭނުންވާ މެޝިނަރީ އާއި އިކުއިޕްޓްމަންޓްތައް ފާހަގަކޮށް އެފަދަ ތަކެތިން އިމްޕޯޓް ޑިއުޓީ ވެސް ކަނޑާލައިދޭނެ އެވެ.

ޕޭޕަލް އަދި ސްޓްރައިޕް ފަދަ އިންޓަނޭޝަނަލް އޮންލައިން ޕޭމަންޓް ގޭޓްވޭތަކުގެ ހިދުމަތް ރާއްޖޭގެ ތައާރަފުކުރުމަށް މާލީ ގަވާއިދުތަކަށް ގެންނަން ޖެހޭ ބަދަލުތަކެއް ގެނެސް އެ ކަން ކޮށްދޭނެ ކަމަށް ވެސް ޑިމޮކްރެޓްސްގެ ސިޔާސަތު ކަރުދާހުގައި ހިމަނާފައިވެ އެވެ.

އާންމު ވިޔަފާރިތަކުން ކުރާ މަސައްކަތްތައް ސަރުކާރު ހިއްސާވާ ކުންފުނިތަކުން ކުރުން ހުއްޓާލާނެ ކަމަށް ވެސް ޑިމޮކްރެޓްސްގެ އެ ވައުދުނާމާގައިވެ އެވެ.