2 އޮކްޓޯބަރު 2025 - 20:57 3
ލީވާން އަލީ ނާސިރު
2 އޮކްޓޯބަރު 2025 - 20:57 3
އިދިކޮޅު ސިޔާސީ ޕާޓީ އެމްޑީޕީ އިން މާދަމާ ބާއްވާ ބޮޑު މުޒާހަރާއަށް ކުޑަތަންވުމުން ވިޔަފާރިވެރިންގެ ބިލުތަކަށް ފައިސާ ދޫކުރުން ރައީސް މުހައްމަދު މުއިއްޒު މިރޭ އެއްބަސްވެވަޑައިގެންފި އެވެ.
މިދިޔަ ރޯދަ މަހުގެ ކުރިން ވިޔަފާރިވެރިންނަށް ފައިސާ ދޫކޮށް ނިންމުމަށް ވެސް މުއިއްޒު ޖެނުއަރީ، 2025، ގައި ވައުދުވެވަޑައިގެންނެވި އެވެ. ނަމަވެސް އެ ވައުދު ފުއްދަވާފައެއް ނުވެ އެވެ. އަދި ނޮވެމްބަރު، 2024، ގެ ކުރިން ފައިސާ ދޫކުރަން ވެސް މުއިއްޒު ކުރިން ވައުދުވެވަޑައިގެންފައިވެ އެވެ.
މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ވެރިކަމާ ހަވާލުވިއިރު ވިޔަފާރިތައް މެދުވެރިކޮށް ސަރުކާރުން ކޮށްފައިވާ މަސައްކަތަށް ދޭން ޖެހޭ ހުރިހާ ފައިސާ އޮންނަ އުސޫލުގެ ތެރެއިން ކުރިއަށް އޮތް ފަސް ހަފްތާ ތެރޭގައި ދައްކާ ނިންމާނެ ކަމަށެވެ.
"ދިވެހި ސަރުކާރަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް، ގާނޫނުތަކާއި ގަވާއިދުތަކުގައި ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން ހުށަހަޅާފައިވާ އެންމެހައި ބިލުތަކަށް އަދާކުރަންޖެހޭ ފައިސާ، ކުރިޔަށް އޮތް 5 ހަފްތާ ތެރޭ ދައްކާ ނިމޭނެކަން ދަންނަވަން،" މުއިއްޒު ވިދާޅުވި އެވެ.
އެމްޑީޕީގެ މުޒާހަރާ ބޯމަތިވެފައި އޮއްވައި، ސަރުކާރު މުވައްޒަފުންގެ މުސާރަ ބޮޑުކޮށްދިނުމަށް ވެސް މުއިއްޒު ވަނީ ނިންމައިފަ އެވެ. އަދި މަސްވެރިންނަށް އެމަނިކުފާނު ވެވަޑައިގެންފައިވާ ވައުދުތައް ފުއްދަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
އެމްޑީޕީގެ މުޒާހަރާއަށް ދިޔުމުގެ ފުރުސަތު ހަނި ކުރުމަށްޓަކައި ސަރުކާރު އޮފީސްތަކުން ދަނީ މާދަމާ އެކި ހަރަކާތްތައް ރާވަމުންނެވެ. އޭގެ ތެރޭގައި އެޗްޑީސީ އާއި ކަސްޓަމްސް ހިމެނެ އެވެ.
މާދަމާގެ އެއްވުމުގެ ކުރިން ފުލުހުންނާއި ސިފައިންގެ އިސް ވެރިންގެ ހާއްސަ ބައްދަލުވުމެއް ވެސް މިއަދު ވަނީ ބާއްވައިފަ އެވެ. އަދި ފުލުހުންގެ ހާއްސަ ތަމުރީނުތަކެއް ވެސް މި ހަފުތާގައި މާލޭގައި ވަނީ ކުރިއަށްގެންގޮސްފަ އެވެ.
މާދަމާގެ އެއްވުމުގައި އެމްޑީޕީ އިން ހަމަނުޖެހުން އުފައްދަން އުޅޭ ކަމަށް ބުނެ ފުލުހުން ވަނީ ސާބިތުނުހިފޭ ބަޔާނެއް ވެސް ނެރެފަ އެވެ. މާލެ ތެރެ ހަލަބޮލިކުރަން އުޅޭ ކަމަށް ބުނެ އެމްޑީޕީ އިން ބަޔާން ނެރުނުއިރު، އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަކަށް ފުލުހުން ނުބުނެ އެވެ.
"ލޫޓުވައިފި، ލޫޓުވައިފި" ނަމުގައި އެމްޑީޕީ އިން މާދަމާ ބާއްވާ މުޒާހަރާގައި އަދާލަތު ޕާޓީ އިން ބައިވެރިވުމަށް މިހާރު ވަނީ ނިންމައިފަ އެވެ. އެ އެއްވުން އޮންނާނީ މާދަމާ ރޭ 8:30 ގަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment