Advertisement

ފުލިދޫގެ ގުދުރަތީ ރީތިކަން ނުގެއްލޭ ގޮތަށް ބަނދަރެއް ހަދަނީ

17 ޖުލައި 2023 - 18:10 0

ވ. ފުލިދޫ

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

ރައީސް ސޯލިހު ފުލިދުއަށް ފައިބާވަޑައިގަންނަވަނީ؛ މި ރަށުގައި ބަނދަރުގެ ބަދަލުގައި ބޭނުން ކުރަނީ ޖެޓީއެއް-- ފޮޓޯ: މިރާޝް ނާޝިމް/ އަދަދު


ފުލިދޫގެ ގުދުރަތީ ރީތިކަން ނުގެއްލޭ ގޮތަށް ބަނދަރެއް ހަދަނީ

17 ޖުލައި 2023 - 18:10 0

ވ. ފުލިދޫ

ވ. ފުލިދޫގެ ގުދުރަތީ ރީތި ގޮނޑުދޮށް ހަލާކު ނުވާނެ ގޮތަކަށް ބަނދަރެއް ހެދުމުގެ ޕްލޭނެއް އެބައޮތް ކަމަށާއި އެ މަސައްކަތް އަންނަ އަހަރު ކުރީ ކޮޅު ފަށާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ލޯކަލް ޓޫރިޒަމަށް މަޝްހޫރު ފުލިދޫގައި ބަނދަރުގެ ބަދަލުގައި ބޭނުން ކުރަމުން އަންނަނީ ޖެޓީ އެކެވެ. ޖެޓީ ހަދާފައިވާ ސަރަހައްދުގައި ރީތި މޫދަކާއި ހުދު ދޮންވެލި ގަނޑެއް އޮވެ އެވެ. މި ސަރަހައްދަކީ ގިނަ އަދަދެއްގެ މޫދު ދިރުންތައް ވެސް ޖަމާވާ ސަރަހައްދެކެވެ.

މި ރަށުން "އަދަދު"އާ ވާހަކަ ދެއްކި ބައެއް މީހުން ބުނި ގޮތުގައި ބަނދަރެއް ނެތް ކަމުގެ އުނދަގޫ ކުރިމަތިލާން ޖެހުނަސް، މި ގުދުރަތީ ރީތިކަން ހަލާކުކޮށްލަން ރަށުގެ ރައްޔިތުން ބޭނުން ނުވެ އެވެ.

މި ރަށުގައި ބޭއްވި ކެމްޕެއިނު ޖަލްސާގައި ރައީސް ސޯލިހު ވަނީ އެކަމަށް ހައްލެއް ދެއްވައިފަ އެވެ.

ރައީސް ސޯލިހު ފުލިދުއަށް ފައިބާވަޑައިގަންނަވަނީ؛ މި ރަށުގައި ބަނދަރުގެ ބަދަލުގައި ބޭނުން ކުރަނީ ޖެޓީއެއް-- ފޮޓޯ: މިރާޝް ނާޝިމް/ އަދަދު


"ވިސްނުމެއް އަތުވެއްޖެ، ޕްލޭނެއް ކުރެއްވިއްޖެ، އަޅުގަނޑުމެން އެކަހަލަ ބަނދަރުތަކެއް ރާއްޖޭގެ ބައެއް ރަށްރަށުގައި ހަދައިފިން، ރަށާ ދުރުގައި ބަނދަރެއް ހެދުމެއް ފަހުގައި އެ ބަނދަރުން ރަށާ ގުޅޭނެ ކުޑަ ބްރިޖެއް އަޅައިގެން އެކަން ކުރާނެ ގޮތް،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި އެގޮތަށް ބަނދަރު ތަރައްގީކޮށްފިނަމަ އޭގެ ސަބަބުން ރަށަށް ގެއްލުން ނުލިބި، ރީތިކަން ނުގެއްލި، ރައްޔިތުންގެ ބޭނުންވާ ގޮތަށް ބަނދަރުގެ ފަސޭހަ ކަން ލިބިގެން ދާނެ އެވެ.

މިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް 2018 ވަނަ އަހަރު މި ރަށަށް ޒިޔާރަތް ކުރިއިރު ވެސް ބަނދަރުގެ މައްސަލަ ފާހަގަވި ކަމަށާއި އެހެންނަމަވެސް އެ ދުވަހު ބަނދަރުގެ ވައުދު ނުވީ އެކަން ކުރެވޭނެ ޕްލޭނެއް އޭރު ނެތުމުން ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް މިއަދު ވަނީ އެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފެށުމަށް ވައުދުވެވަޑައިގެންފަ އެވެ.

"އަޅުގަނޑުގެ އުންމީދަކީ މި މަސައްކަތް މިއަހަރުގެ ފަހުކޮޅުގައި ޓެންޑަރިން އަށް ލެވި މި އަންނަ އަހަރުގެ ތެރޭގައި މި މަސައްކަތް ފެށިގެން ދާނެ ކަމަށް،" ރައީސް ވިދާޅުވި އެވެ.

ވ. އަތޮޅަށް ކުރައްވާ ކެމްޕެއިނު ދަތުރުފުޅުގެ ފަހު މަންޒިލެއްގެ ގޮތުގައި ފުލިދޫއަށް ވަޑައިގެން ރައީސް ވަނީ މި ރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ރަސްމީކޮށް އިފްތިތާހުކޮށްދެއްވައިފަ އެވެ.

ކެމްޕެއިނު ދަތުރުފުޅު ނިންމާލުމުގެ ގޮތުން ދެއްކެވި ވާހަކަފުޅުގައި ރައީސް ވަނީ ރައްޔިތުން ބޭނުންވެފައި ތިބި ގިނަ ކަންތައްތަކެއްގެ އުފާ ލިބިވަޑައިގެންނެވި ކަމަށް ވިދާޅުވެފަ އެވެ.