Advertisement

ފެލިދޫގައި ހުންނަވައި ރައީސް ވިދާޅުވީ ފިކުރު ތަފާތުވިޔަސް ބާކީނުކުރަައްވާނެ ކަމަށް

17 ޖުލައި 2023 - 14:53 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ވ. ފެލިދުއަށް ވަޑައިގަތުމުން ރައީސް ސޯލިހަށް ރަށު މީހުން މަރުހަބާ ދަންނަވަނީ؛ ފެލިދޫން ކުރިން ތާއީދު ނުލިބުނަސް ބާކީނުކުރާ ކަމަށް އެމަނިކުފާނު ވިދާޅުވި - ފޮޓޯ: މިރާޝް ނަޝީމް


ފެލިދޫގައި ހުންނަވައި ރައީސް ވިދާޅުވީ ފިކުރު ތަފާތުވިޔަސް ބާކީނުކުރަައްވާނެ ކަމަށް

17 ޖުލައި 2023 - 14:53 0

ރައްޔިތުންގެ މަޖިލިހުގައި ތަފާތު ފިކުރުގެ މެމްބަރަކު ހުންނެވި ނަމަވެސް އަދި އެ ދާއިރާގައި ސަރުކާރާ ވާދަވެރި ފިކުރަކަށް އަގުލަބިއްޔަތު އޮތް ނަމަވެސް އެއްވެސް ރަށެއް ބާކީ ކޮށްފައި ނުވާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު އެހެން ވިދާޅުވީ، ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ވ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު މެންދުރުފަހު ފެލިދޫއަށް ވަޑައިގެންނެވެ. ރައްޔިތުންގެ މަޖިލިހުގައި ފެލިދޫ ދާއިރާ ތަމްސީލް ކުރައްވަނީ އިދިކޮޅު ޕީއެންސީގެ މެންބަރު އިބްރާހިމް ފަޒުލް ރަޝީދެވެ.

"ފެލިދުއަށް، އަޅުގަނޑުގެ ދައުރުގައި އާދެވޭ މިއީ ތިންވަނަ ފަހަރު، އެއިން ކޮންމެ ފަހަރަކު އަޅުގަނޑު ރައްޔިތުންނާ ބައްދަލުކޮށް ރައްޔިތުންގެ އަޑުއަހަމުން ގެންދަން، ރަށަށް ބޭނުންވެފައި ހުރި ކަންތައްތައް ރައްޔިތުން ބޭނުންވާ ގޮތަށް ސަރުކާރުގެ ބަޖެޓުގެ ތެރެއިން ފުއްދުމަށް މަސައްކަތް ކުރަން،" ފެލިދޫގައި ބޭއްވި ކެމްޕޭން ބައްދަލުވުމުގައި ރައީސްގެ ވާހަކަ ފައްޓަވަމުން ވިދާޅުވި އެވެ.

ވ. އަތޮޅުގެ ރަށްރަށުގައި އަސާސީ ހިދުމަތްތައް މި ސަރުކާރުގައި ގާއިމްކުރެވިގެން ދިޔުމުން ސާފުވެގެން ދިޔަ ކަމަކީ ރަށުގެ އާބާދީއަށް ވެސް ބެލުމެއް ނެތި ކޮންމެ ރަށެއްގައި ވެސް އަސާސީ ހިދުމަތްތައް ގާއިމް ކުރުމަށް އެމްޑީޕީން ގެންގުޅުނު ތަސައްވުރު ހަގީގަތަކަށް ވަމުން ދިޔުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އޭގެ ތެރޭގައި ރަނގަޅު ބަނދަރެއް ތަރައްގީ ކުރުމާއި، އާ އިންޖީނުގެއަކާއި، ސްކޫލަށް ބޭނުންވާ މަލްޓި ޕާޕަސް ހޯލްގެ މަސައްކަތް ވަނީ ނިމިފަ އެވެ. ފެނާއި ނަރުދަމާ ގާއިމް ކުރުމުގެ މަސައްކަތް ކުރިއަށް ދާއިރު، ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއާއި ހޮސްޕިޓަލް ތަރައްގީ ކުރަން ވަނީ ހަވާލުކޮށްފަ އެވެ.

"ފިކުރުގެ ވިސްނުމަށް ހިޔާލު ތަފާތުވިޔަސް އެ އެކަހެރިކޮށް ރައްޔިތުން ބޭނުންވާ ތަރައްގީ އެ ރަށަކަށް ހޯދައިދިނުމަށް، މި ރަށުން ހަމަ ގައިމު ވެސް އެ މަންޒަރު ފެންނާނެ،" ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ދެންނެވީ މި ރަށުގައި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ނަތީޖާއާއި އެހެން [އިންތިހާބުތަކުގެ] ނަތީޖާ އައި ގޮތް އަޅުގަނޑަށް ހަނދާން ވާތީ."

ވ. އަތޮޅުގައި އެއާޕޯޓެއް އެޅުމުގެ މަޝްރޫއާއި، ޓުއަރިޒަމްގެ ބޮޑު މަޝްރޫއެއް ފަށާނެ ކަން ވެސް ރައީސް މިއަދު އެ އަތޮޅުގެ ރަށްރަށަށް ވަޑައިގެން ވެސް އިއުލާން ކުރެއްވި އެވެ.

އަދި އެ އަތޮޅުގެ މީހުން ބޭނުންވާ ޕިކުނިކު އައިލެންޑްގެ މަސައްކަތް ވެސް ފަށާނެ ކަން އިއުލާން ކުރެއްވި އެވެ. އެ މަސައްކަތް ކުރިއަށް ގެންދަން ފަށާނީ އެ އަތޮޅުގެ ހުރިހާ ރަށަކުން ހިޔާލު ހޯދުމަށް ފަހު ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.