Advertisement

ވ.އަތޮޅުގެ ރައްޔިތުންނަށް ޕިކްނިކް އައިލެންޑެއް ކަނޑައަޅައި ތަރައްގީކުރަނީ

17 ޖުލައި 2023 - 15:50 0

ވ. ތިނަދޫ

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

ތިނަދޫ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަފުޅު ދައްކަވަނީ-- ފޮޓޯ: މިރާޝް ނާޝިމް/ އަދަދު


ވ.އަތޮޅުގެ ރައްޔިތުންނަށް ޕިކްނިކް އައިލެންޑެއް ކަނޑައަޅައި ތަރައްގީކުރަނީ

17 ޖުލައި 2023 - 15:50 0

ވ. ތިނަދޫ

ވ. އަތޮޅުގެ ރައްޔިތުން އެދޭ ގޮތަށް މި އަތޮޅުގެ ރައްޔިތުން ޕިކްނިކް ގޮސް މަޖާކޮށްލާނެ ރަށެއް ކަނޑައަޅައި ތަރައްގީކުރަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވައުދުވެވަޑައިގެންފި އެވެ.

ރައީސް މިއަދު ގެންދަވަނީ ކެމްޕެއިނު ދަތުރުފުޅެއްގައި ވ. އަތޮޅަށް ދަތުރުކުރައްވަމުންނެވެ. މި ދަތުރުފުޅުގައި ރަކީދޫ، ކެޔޮދޫ، ފެލިދޫ އަދި ތިނަދޫގައި ވެސް ޕިކްނިކް އައިލެންޑުގެ ވާހަކަ ރައީސް ތަކުރާރުކުރެއްވި އެވެ.

"އަބަދުވެސް ކައިރީގައި މިއޮތް ދެތިން ރަށުގައި ޕިކްނިކް އައިލެންޑްގެ ވާހަކަ ދައްކާ، މިރަށުގައި ވެސް އެ ވާހަކަ ދެކެވިފައި އޮންނާނީ، ވަކި ބަޔަކު ބޭނުންވާ ވަކި ރަށެއްގެ ވާހަކަ ވެސް އަޑު އިވޭ، ހިނގާ އެކަން ހައްލުކޮށްދެއްވަން،" ރައްޔިތުން އެދޭ ގޮތް ހިއްސާކޮށްދެއްވަން އެދިވަޑައިގެން ރައީސް ވިދާޅުވި އެވެ.

ފެލިދޫގައި ސަޕޯޓަރުންނާ މުހާތަބުކުރައްވަމުން ރައީސް ވިދާޅުވީ ބައެއް ރައްޔިތުން ބޭނުންވަނީ ރަށެއް ހިއްކައިގެން ޕިކްނިކް އައިލެންޑެއްގެ ގޮތުގައި އެ ރަށް ތަރައްގީ ކުރަން ކަމަށް ވިޔަސް މީހުން ދިރިއުޅޭ ރަށަކާ ގުޅިފައި އޮންނަ ގޮތަށް ޕިކްނިކް އައިލެންޑެއް ތަރައްގީކުރަން އެދޭ ރައްޔިތުން ވެސް އުޅޭ ކަމަށެވެ.

ކަމުގައި ގޮތެއް ނިންމާނީ އެމަނިކުފާނު ވިދާޅުވި ގޮތުގައި ހުރިހާ ރަށެއްގެ ވެސް ހިޔާލާއި ފިކުރު ހުރި ނެތް ގޮތް ހޯދުމަށް ފަހު ރައްޔިތުން ބޭނުންވާ ގޮތަށެވެ.

ޕިކްނިކް އައިލެންޑެއް ތަރައްގީކުރުމުގެ ވާހަކަ އަކީ ފެލިދޫގައި ފަތުރުވެރިކަމަށް އިންވެސްޓުކޮށްގެން ތިބި ފަރާތްތަކަށް ވެސް ވަރަށް އުފާވެރި ހަބަރަކަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އަންނަ ސެޕްޓެމްބަރުމަހުގެ ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރައްވާފައިވާ ބޭފުޅުންގެ ތެރެއިން މިހައިތަނަށް، ފުޅާ ދާއިރާގައި ކެމްޕޭން ކުރައްވަން ފެށްޓެވީ ހަމަ އެކަނި ރައީސް ސޯލިހެވެ. އެ އިންތިހާބަށް އިދިކޮޅު ޕީޕީއެމުން ރިޔާސީ ޓިކެޓް އަރުވާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނު ހުންނެވީ ކްރިމިނަލް ކޯޓުން ކުރި ހުކުމެއް ތަންފީޒުކުރައްވަން ޖަލުގަ އެވެ. ޖުމްހޫރީ ޕާޓީގެ ޓިކެޓް އެޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ދީފައި ވިޔަސް އޭނާ އަދި ސީދާ ކެމްޕޭނެއް ނުފަށްޓަވަ އެވެ.

އެމްއެންޕީއިން ކޮންމެވެސް ވަރަކަށް ކެމްޕޭންކުރަމުން އަންނަ އިރު ދަ ޑިމޮކްރެޓްސް އިން އަދި ކެންޑިޑޭޓަކު ކަނޑައެއް ނާޅަ އެވެ.