Advertisement

ވައިގެ މަގުން ގުޅާލައި ވ. އަތޮޅުގައި ޓޫރިޒަމްގެ ބޮޑު މަޝްރޫއެއްގެ ވައުދު

17 ޖުލައި 2023 - 12:12 0

ވ. ކެޔޮދޫ

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު ކެޔޮދޫގައި؛ ރައީސް ވިދާޅުވީ މި އަތޮޅުގައި ބޮޑު ފަތުރުވެރިކަމުގެ މަޝްރޫއެއް ވަރަށް އަވަހަށް އިއުލާނު ކުރާނެ ކަމަށް-- ފޮޓޯ: މިރާޝް ނާޝިމް/ އަދަދު


ވައިގެ މަގުން ގުޅާލައި ވ. އަތޮޅުގައި ޓޫރިޒަމްގެ ބޮޑު މަޝްރޫއެއްގެ ވައުދު

17 ޖުލައި 2023 - 12:12 0

ވ. ކެޔޮދޫ

ދެން ރާއްޖޭގައި ހިންގޭ އެންމެ ބޮޑު ފަތުރުވެރިކަމުގެ މަޝްރޫއު ވ. އަތޮޅުގައި ވަރަށް އަވަހަށް ފަށާނެ ކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއުލާނުކުރައްވައިފި އެވެ.

ގެސްޓުހައުސް އަދި ލޯކަލް ފަތުރުވެރިކަމުގައި ކުރިއަރާފައިވާ ވ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރައީސްގެ މިއަދުގެ ދެ ވަނަ މަންޒިލަކީ ވ. ކެޔޮދޫ އެވެ.

މި ރަށު ކެމްޕެއިނު ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުުވީ ކިތަންމެ ކުޑަ އަދި އާބާދީ މަދު އަތޮޅަކަށް ވިޔަސް މި އަތޮޅުގައި އިގްތިސޯދީ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ރާވާފައިވާ ކަމަށެވެ.

"ރާއްޖޭގައި ދެން ހިންގާ [ޓޫރިޒަމްގެ]އެންމެ ބޮޑު އެއް މަޝްރޫއު ލަސްތަކެއް ނުވެ މި އަތޮޅުގައި ފެށިގެން ދާނެ، ލަސްތަކެއް ނުވެ ތަފްސީލް ހާމަކުރާނަން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެ މަޝްރޫއުގެ ބައެއް އެއްބަސްވުންތަކުގައި މިހާރު ސޮއިކުރެވިފައިވާ ކަމަށާއި މާދަމާ އިކޮނޮމިކް ކައުންސިލާއެކު އޮންނަ ބައްދަލުވުމުގައި ބައެއް ނިންމުންތައް ނިންމާނެ ކަމަށެވެ. އަދި, އޭގެ ފަހުގައި އަމަލީ މަސައްކަތް ފަށާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކެޔޮދޫގައި؛ ޓުރިޒަމްގެ ބޮޑު މަޝްރޫއެއް ވަނީ ވައުދުވެފައި-- ފޮޓޯ: މިރާޝް ނާޝިމް


މަޝްރޫއުގެ މާ ބޮޑު ތަފްސީލެއް ނުދެއްވި ނަމަވެސް، އެ މަޝްރޫއު ފެށިގެން ދާއިރު، "ވައިގެ މަގުން މި އަތޮޅާ ވެސް ގުޅިގެން ދާނެ،" ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް މިފަދައިން ވިދާޅުވެފައިވާއިރު ވ. އަތޮޅަކީ އެއާޕޯޓު ނެތް މަދު އަތޮޅުތަކުން އެއް އަތޮޅެވެ. އެއާޕޯޓެއް އަޅާނެ ކަމުގެ އިޝާރާތެއް ރައީސް ދެއްވެވި ނަމަވެސް ސީދާ އެހެން ވިދާޅުވެފައިނުވެ އެވެ. އަދި, އިތުރު ތަފްސީލެއް ދެއްވާފައިނުވެ އެވެ.

ކެޔޮދޫގެ ތަރައްގީއަށް އަލިއަޅުއްވައިލައްވަމުން ރައީސް ވިދާޅުވީ 2018 ގައި މި ރަށަށް ހަތް ރިޔާސީ ވައުދު ވެވުނު ކަމަށާއި އެއް ފަހަރާ އެހާ ގިނަ ކަންކަން ކުރަން ޖެހުނީ އެއްވެސް ކަމެއް ކުރެވިފައި ނެތުމުން ކަމަށެވެ.

"މިއޮތީ ބަނދަރު ހަދާ ނިމިފައި، ރައްޔިތުން ބޭނުންވި ކަމެއް، މަލްޓިޕާޕޯސް ހޯލް މިއަދު ހުޅުވަނީ، ސުކޫލަށް އިތުރުކުރާ ހަތަރު ކްލާސްރޫމް ދެ ބުރި އިމާރާތް އެ ކުރިއަށް ދަނީ، އޭގެ އިތުރަށް މި ރަށު ސުކޫލަށް ހަތަރު ބުރީގެ އިމާރާތެއް އެޅުމުގެ އެބައޮތް ޕްލޭން ކުރެވިފައި، އިރާދަކުރެއްވިއްޔާ އެ ސުކޫލަށް އެވެސް އިތުރު ކުރެވި ކުރިއަށް ދާނެ،" ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން ސިއްހީ މަރުކަޒު ތަރައްގީ ކުރުމުގެ މަސައްކަތާއި ރަށުގެ ވޮލީ ކޯޓާއި ފުޓުބޯޅަ ދަނޑުގެ މަސައްކަތް ވެސް ވަރަށް އަވަހަށް ކުރިއަށް ދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވަނީ ކުރިއަށް އޮތް ދައުރުގައި ރައްޔިތުން އެދުނުު ގޮތަށް ޕިކްނިކް އައިލެންޑެއް ފޯރުކޮށްދިނުމަށް ވައުދުވެވަޑައިގެންފަ އެވެ.