Advertisement

ރައީސްގެ އަމާޒަކީ ރަކީދޫގެ އުފަން ދަރިން ރަށަށް ބަދަލުވުމުގެ ރޫހެއް އުފެއްދުން

17 ޖުލައި 2023 - 10:18 0

ވ. ރަކީދު

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

ރަކީދޫ ކެމްޕެއިނުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަފުޅު ދައްކަވަނީ-- ފޮޓޯ: މިރާޝް ނާޝިމް/ އަދަދު


ރައީސްގެ އަމާޒަކީ ރަކީދޫގެ އުފަން ދަރިން ރަށަށް ބަދަލުވުމުގެ ރޫހެއް އުފެއްދުން

17 ޖުލައި 2023 - 10:18 0

ވ. ރަކީދު

ސަރުކާރުގެ ވިސްނުމަކީ ރަކީދޫއަށް އުފަން ދަރީން މި ރަށަށް އެނބުރި އައުމުގެ ރޫހެއް އުފެއްދުމަށް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

މ. އަތޮޅުގެ ކެމްޕެއިނު ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރައީސް މިއަދު ވަނީ ވ. އަތޮޅަށް ކެމްޕެއިނު ފައްޓަވައިފަ އެވެ. މި ދަތުރުގެ ފުރަތަމަ މަންޒިލަކީ އާބާދީ ކުޑަ ރަކީދޫ އެވެ. ރަށު ރެޖިސްޓްރީގައި 400 އެއްހާ މީހުން ތިބި ނަމަވެސް، ރަށުގައި ތައުލީމު ފަދަ އަސާސީ ހިދުމަތްތައް ލިބެން ނެތުމުގެ ސަބަބުން ގިނަ ބަޔަކު އުޅެނީ ރަށުން ބޭރުގަ އެވެ. އެންމެ ފަހުގެ ބޯހިމެނުމުގެ ނަތީޖާއިން ދައްކާ ގޮތުގައި މި ރަށުގައި ދިރިއުޅޭ އާބާދީއަކީ 63 މީހުންނެވެ.

މިރަށުގައި ބޭއްވި ކެމްޕެއިނު ޖަލްސާގައި ރައީސް ސޯލިހު ވެސް އެންމެ ބޮޑަށް އަލިއަޅުވާލެއްވީ ރަށުގެ އާބާދީ ދަށްވުމުގެ މައްސަލަ އަށެވެ.

"މި މެދުމިނުގެ އާބާދީގައި ވެސް ރަށުގައި ނޫޅެ ދާން ޖެހުނު [ސަބަބަކީ] ލިބެން ޖެހޭ އެންމެ ކުޑަ މިނުން ދަރިންނަށް ތައުލީމު ދިނުމުގައި ހުރި ގޮންޖެހުންތައް، ސިއްހީ ހިދުމަތަށް ހުރި ގޮންޖެހުން، ރަށަށް އަރާ ފޭބުމުގައި ހުރި ދަތިތައް، އެހެންކަމުން އަޅުގަނޑުމެން މި ރަށަށް އިސްކަމެއް ދިނިން،" އެމަނިކުފާނު ވިދާޅުވި އެވެ.

ރަކީދޫގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ބައިވެރިވި އެރަށުގެ ބައެއް ރައްޔިތުން. -- ފޮޓޯ: މިރާޝް ނާސިމް/ އަދަދު


ރައީސް ވިދާޅުވީ އަސާސީ ހިދުމަތް މި ރަށަށް ފޯރުކޮށް ދިނުމަށްޓަކައި "ޖަޖީރާ ރާއްޖެ" މެނިފެސްޓޯގެ ދަށުން އެކަށީގެންވާ ރަނގަޅު ބަނދަރެއް ހަދައި، ރަށުގެ ގޮނޑުދޮށާއި ހޭޅިފަށް ހިމާޔަތް ކުރުމަށް މަސައްކަތްތަކެއް ކުރެވިއްޖެ ކަމަށެވެ. ރަށު މީހުން ރަށުގައި މަޑުކުރުމަށް ދެން ރަނގަޅު ކުރަން ޖެހޭ އެންމެ މުހިންމު ކަމަކަށް ރައީސް ފާހަގަކުރެއްވީ ތައުލީމީ ނިޒާމެވެ.

"ދަތިތަކެއް ހުރި ނަމަވެސް ސުކޫލު ނިމި ހުޅުވުމާ ހަމައަށް ގޮސްފައި އެއޮތީ، ސުކޫލުގައި ކިޔަވައިދޭނެ ޓީޗަރުން ހޯދުމަށް ދެ ފަހަރަކު އިއުލާނުކޮށްގެން ވެސް ރަށުގެ ރައްޔިތަކު އެކަމަށް ނެތް އިޖާބަ ދީފައެއް، މިހާރު ޖެހެނީ ރަށުގެ ބޭރުން މީހަކު ހޯދަން،" ރައީސް ވިދާޅުވި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން އެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ލަސްތަކެއް ނުވެ، ސެޓެލައިޓު ސުކޫލުގެ ހިދުމަތް ރަށުގައި ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށެވެ.

"އަޅުގަނޑު އުންމީދުކުރަނީ މިކަމުގެ ސަބަބުން ރަށުގެ އާބާދީ އިތުރުވެ، ރަށުގެ އުފަން ރައްޔިތުން ރަށަށް ބަދަލުވުމުގެ ރޫހެއް އުފެދިގެން ދާނެ ކަމަށް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މި ރަށުގެ ބިމުގެ ދަތިތަކަށް ހައްލެއް ގެނައުމަށް ބިން ހިއްކުމުގެ ވިސްނުން ގެނައުމުގެ ކުރިން އަސާސީ ހިދުމަތްތައް ގާއިމް ކުރާނެ ކަމަށެވެ.