Advertisement

ރަތްމަންދޫ ސުކޫލުގައި 14 ދަރިވަރުން، ރައީސްގެ ލަފަޔަކީ ސެޓަލައިޓް ސްކޫލަކަށް ބަދަލުކުރުން

16 ޖުލައި 2023 - 11:55 0

މ. ރަތްމަންދޫ

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

ރަތްމަންދޫއަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ކުޑަކުއްޖަކާ ސަލާމް ކުރައްވަނީ. ރަތްމަންދޫގެ އާބާދީ އިތުރުނުވާ މައިގަނޑު އެއް ސަބަބަކީ އެކަށީގެންވާ ތައުލީމު ރަށުން ނުލިބުން ކަމަށް އެ ރަށު ރައްޔިތުން ދެކޭ --- ފޮޓޯ: މިރާޝް ނާޝިމް/އަދަދު


ރަތްމަންދޫ ސުކޫލުގައި 14 ދަރިވަރުން، ރައީސްގެ ލަފަޔަކީ ސެޓަލައިޓް ސްކޫލަކަށް ބަދަލުކުރުން

16 ޖުލައި 2023 - 11:55 0

މ. ރަތްމަންދޫ

ކުޑަކުޑަ އާބާދީއެއް ދިރިއުޅޭ މ. ރަތްމަންދޫ ރައްޔިތުންގެ ކަންބޮޑުވުންތަކުގެ ދިގެވެ. ބަނދަރާއި ރަށް ގިރުމުގެ މައްސަލަ އެވެ. ދެން އޮތީ ރަށު ސުކޫލުގެ މައްސަލަ އެވެ. ސުކޫލުން ބޭނުންވާ އެކަށީގެންވާ ތައުލީމު ނުދެވުމެވެ.

"ރަށުގެ ތިބެގެން އަޅުގަނޑުމެންގެ ދަރީންނަށް ތައުލީމު ދެވޭނެ ގޮތެއް ނެތުމަކީ މިއަދު ރަތްމަންދޫގެ ކޮންމެ ރައްޔިތެއްގެ ވެސް އެންމެ ބޮޑު ކަންބޮޑުވުން، ގްރޭޑު ހައެއް ނިމުމުން ދަރިފުޅާއެކެ މާލެއަށް ނުވަތަ އެހެން ރަށަކަށް ބަދަލުވާން ޖެހުމަކީ ރަށުގެ ކުރިމަގަށް އެޅިގެންދާ އެންމެ ބޮޑު ހުރަސް،" ކައުންސިލްގެ މެންބަރު އިސްމާއިލް ނާހިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސުކޫލުގެ މައްސަލައަށް ހައްލެއް ލިބިގެން މެނުވީ ރައްޔިތުންނަށް "އުފަލެއް ވެސް، އެއްވެސް އުންމީދެއް" ވެސް ނެތް ކަމަށެވެ.

ރަތްމަންދޫގައި ބޭއްވި ކެމްޕެއިނު ޖަލްސާ-- ފޮޓޯ: މިރާޝް ނާޝިމް / އަދަދު


މި ރަށުން މި ނޫހާ ވާހަކަ ދެއްކި އުމުރުން ދުވަސްވީ އަންހެނަކު ބުނި ގޮތުގައި ރަށުގެ އާބާދީގެ އިތުރުނުވާ މައިގަނޑު ސަބަބެއް ކަމަށް ރައްޔިތުން ދެކެނީ ވެސް ސުކޫލުން ތައުލީމު ނުލިބުމެވެ.

"ކައިރީގައި ރިސޯޓެއް އޮތަސް، ވަޒީފާ ލިބުނަސް، ތައުލީމު ނުލިބެންޏާ ރަށުގައި މަޑު ނުކުރާނެތާ، އެންމެ ދިރިއުޅެނީ މާލެ އާއި ހުޅުމާލޭގައި،" އޭނާ ކަންބޮޑުވުން ފާޅުކުރި އެވެ.

އާބާދީގައި 118 މީހުން ދިރިއުޅޭ ރަތްމަންދޫގެ ދަރިވަރުންނަށް ވެސް އާއިލާއާއެކު ރަށުގައި ތިބެ، ކިޔެވުމުގެ ފުރުސަތު ހޯދައިދިނުމަށް ރަށު ރައްޔިތުންގެ ފަރާތުން ކައުންސިލުން ސަރުކާރުގައި އެދުނެވެ.

އެ ކަންބޮޑުވުމާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފާޅުކުރެއްވީ މި ރަށުގައި ވެސް ސެޓެލައިޓު މެދުވެރިކޮށް ކިޔަވައިދެވޭނެ ނިޒާމު ގާއިމް ކުރުމުގެ ހިޔާލެވެ.

ސެޓަލައިޓް ސްކޫލަކީ އާބާދީ ކުޑަވެ، ސުކޫލު ބަންދު ކުރަން ޖެހުނު ރަށްރަށުގެ ދަރިވަރުން އެހެން ރަށަކަށް ނުގޮސް ކިޔެވޭނެ ގޮތް ހަމަޖައްސައިދިނުމަށް މި ސަރުކާރުން ފެށި ސިޔާސަތެކެވެ. އޮންލައިން ކިޔެވުމާ އެއްގޮތް އެހެންނަމަވެސް ވީޑިއޯ އާއި ވެބިނާތަކާއި ލައިވްސްޓްރީމް ތަކާއި އެންމެ ފަހުގެ ތައުލީމީ ކަންކަން ސެޓެލައިޓު ސުކޫލުގައި އިތުރަށް ހިމެނެ އެވެ.

"ސުކޫލުގައި މިވަގުތަށް ބޭނުންވާ ހުރިހާ ކަމެއް އެޑިއުކޭޝަން މިނިސްޓްރީން މިވަގުތަށް ދަނީ ފޯރުކޮށްދެމުން، އެހެންނަމަވެސް އާއިލާތައް ބޭނުންވާނީ ރަށުގައި ތިބެ ދަރިންނަށް އެންމެ މައްޗަށް ކިޔަވައިދޭން، އެހެންކަމުން މީގައި އޮތް އެންމެ ރަނގަޅު އެއް ހައްލަކަށް އަޅުގަނޑަށް ފެންނަނީ މިތަނަށް ސެޓެލައިޓު ސުކޫލުގެ ހިދުމަތް ފޯރުކޮށްދިނުން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެއީ ރައްޔިތުން އެދޭ ގޮތެއް ނަމަ، އެ މަސައްކަތް ލަސްނުކޮށް ފަށައިގެން ކުރިއަށް ދާނެ ކަމަށެވެ.

"ގްރޭޑު 10 އަކާ ހަމައަށް ވެސް މި ރަށުގައި ކިޔަވައިދިނުމަކީ ދަތިކަމަކަށް ވެގެން ނުވާނެ،" ރައީސް ވިދާޅުވި އެވެ.

ސެޓެލައިޓު ސުކޫލު އިންތިޒާމު ވެފައިވާ ގޮތް

އެ ސްކޫލުތަކުގެ ދަރިވަރުންނަށް ކިޔަވައިދޭ ޓީޗަރުން ތިއްބަވަނީ ސެންޓްރަލް ސްކޫލުގަ އެވެ. އެގޮތުން އެޑިއުކޭޝަން މިނިސްޓްރީން ނިންމާފައިވާ ސްކޫލަކީ ހުޅުމާލޭ ހުރަވީ ސްކޫލެވެ. އެ ޓީޗަރުންނަކީ އެ ސްކޫލުގެ ޓީޗަރުންގެ އިތުރުން އެޑިއުކޭޝަން މިނިސްޓްރީން ހާއްސަކޮށް އެކަމަށް ކަނޑައަޅާފައިވާ ޓީޗަރުންނެވެ.

ސެންޓްރަލް ސްކޫލުގަ ހުންނަ ޓީޗަރު ކުއްޖާއަށް ކިޔަވައިދޭއިރު ސެޓްލައިޓް ސްކޫލުގައި ދަރުވަރުން ކިޔަވަމުން ދާއިރު ކުއްޖާއަށް ކްލާސްރޫމް ތެރެއިން ކުދިންނަށް ބޭނުންވާ ތަފާތު އެހީތެރިކަން ފޯރުކޮށްދިނުމަށް ޓީޗަރެއް ހަމަޖައްސާފައި ހުންނާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެ އެވެ.

ކިޔަވައިދޭއިރު ކޮންމެ ދަރިވަރަކަށް ވެސް ބޭނުންވާނެ އިންޓަނެޓާއި ކޮމްޕިއުޓަރުގެ ވަސީލަތްތައް އެޑިއުކޭޝަން މިނިސްޓްރީން ހަމަޖައްސައި ދޭނެ އެވެ. ކިޔެވުމުގެ އިތުރުން އެހެނިހެން ތަޖުރިބާތައް ދަރިވަރުންނަށް ދޭނީ އެހެން ސްކޫލްތަކާ ވެސް ގުޅިގެންނެވެ.

އެގޮތުން ކޮންމެ ސެޓްލައިޓް ސްކޫލެއްގެ ޕޭރެންޓް ސްކޫލެއް ވެސް ހުންނާނެ އެވެ. އެއީ އެ ސްކޫލުގަ ކިޔަވައިދިނުމުގެ އިތުރުން ދެން ހުންނަ އިތުރު ހަރަކާތްތަކާއި ސްކޫލުގެ އެޑްމިނިސްޓްރޭޝަން ފަދަ ކަންކަން ބެލެހެއްޓުމަށެވެ.

ބ. ފެހެންދު އާއި ވ. ރަކީދު އާއި ތިނަދޫގައި މިހާރު އަންނަނީ ސެޓެލައިޓު ސުކޫލުގެ ހިދުމަތް ދެމުންނެވެ.