Advertisement

ވޭވަށުން ރައީސަށް ފެނިިވަޑައިގަތީ ކުޑަ ރަށެއް ބޮޑު ރަށެއް ތަފާތު ނުކުރުމުގެ ސިޔާސަތުގެ ނަތީޖާ

16 ޖުލައި 2023 - 11:08 1

މ. ވޭވަށް

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

ވޭވަށުގައި ބޭއްވި ކެމްޕެއިނު ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަފުޅު ދައްކަވަނީ--- ފޮޓޯ: މިރާޝް ނާޝިމް/ އަދަދު


ވޭވަށުން ރައީސަށް ފެނިިވަޑައިގަތީ ކުޑަ ރަށެއް ބޮޑު ރަށެއް ތަފާތު ނުކުރުމުގެ ސިޔާސަތުގެ ނަތީޖާ

16 ޖުލައި 2023 - 11:08 1

މ. ވޭވަށް

ތަރައްގީގެ މަޝްރޫއުތަކުގައި ކުޑަ ރަށެއް ބޮޑު ރަށެއް ތަފާތު ނުކުރުމުގެ ނަތީޖާ ކުޑަކުޑަ ވޭވަށުން ފެންނަން ފަށާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

މ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުފުޅުގައި މ. ވޭވަށަށް ވަޑައިގެން އެ ރަށުގައި ވާހަކަ ދައްކަވަމުން ރައީސް ވަނީ މީގެ ކުރީގެ ސަރުކާރުތަކުން މ. އަތޮޅަށް އިހުމާލުވެފައިވާ ކަމުގެ ވާހަކަ ތަކުރާރު ކުރައްވައިފަ އެވެ.

"މ. އަތޮޅަކީ ކުދި އާބާދީތަކެއް ދިރިއުޅޭ ރަށްތަކަށް ވާތީ، އޭރުގެ ސަރުކާރުތަކުން ތަރައްގީގެ މަޝްރޫއުގެ ފަހަތުގައި ލިސްޓު ކުރެވިފައި ހުރި ރަށްތަކެއް، އޭގެ ތެރޭގައި ވޭވަށް ވެސް ހިމެނޭ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެކަން ބަދަލުކުރުމަށް އެމްޑީޕީގެ ޖަޒީރާ ރާއްޖޭގެ މެނިފެސްޓޯގައި ހިމަނައިގެން ކުރި މަސައްކަތުގެ ނަތީޖާ ފެންނަން ފަށައިފި ކަމަށެވެ.

"ރިޔާސީ އިންތިހާބުގައި ވީ ހަމައެކަނި ވައުދަކީ ބަނދަރު ބޮޑުކުރުން، މިއޮތީ މިކަން ނިމިފައި، އާ އިންޖީނުގެ އާއި ސުކޫލަށް ބޭނުންވާ އިމާރާތް ބޭނުންވާ ކަމާއި ކައުންސިލްގެ އިދާރާ ބޭނުން ނުކުރެވޭ ވަރަށް ހުރުމުން އާ ކުރަން ޖެހޭ ކަަމާއި މެޖިސްޓްރޭޓު ކޯޓު އިމާރާޓް އާ ކުރަން ޖެހޭ ކަމާ، މި ހުރިހާ ކަމެއް ލިސްޓުކޮށް ފަށައިގެން ކުރިއަށް ގޮސް ގިނަ މަސައްކަތްތަކެއް ވަނީ ނިމިފައި،" ރައީސް ލިސްޓު ކުރެއްވި އެވެ.

ވޭވަށު ރައްޔިތުން ކުރިއަށް އޮތް ފަސް އަހަރުގައި ބޭނުންވާނޭ ކަންކަން ހިއްސާކޮށްދިނުމަށް ވެސް ރައީސް އެދިވަޑައިގެންނެވި އެވެ.

"މިހާތަނަށް ފާހަގަވެފައި އޮތް އެއް ކަމަކީ ރަށް ގިރާ ސަރަހައްދު ހިމާުޔަތް ކުރުން، އަޅުގަނޑުމެންގެ މެނިފެސްޓޯގައި ހިމަނާ ކަމެއްގެ ގޮތުގައި އެކަން އިރާދަކުރެއްވިއްޔާ ކުރާނަން،" ރައީސް ވިދާޅުވި އެވެ.

އޭގެ އިތުރުން ރައީސް ވަނީ ބަނދަރުގެ ބައެއް މައްސަލަތައް ހައްލުކޮށްދީ، ޒުވާނުންނަށް އެންމެ ޒަމާނީ ފެންވަރުގެ ޓާފް ފުޓުބޯޅަ ދަނޑެއް އަޅައިދިނުމަށް ވައުދުވެވަޑައިގެންފަ އެވެ،

ރައީސް މ. ވޭވަށަށް ވަޑައިގަތުމުން މަރުހަބާ ކިޔުން-- ފޮޓޯ: މިރާޝް ނާޝިމް/ އަދަދު


"ކުޑަރަށެއް ބޮޑުރަށެއް ތަފާތުނުކޮށް، ރައްޔިތުން ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމުގައި އަޅުގަނޑުމެން މިދަނީ ބާރަށް ކުރިއަށް، އެމަސައްކަތް މިދަނީ ބާރަށް ކުރަމުން،" ރައީސް ވިދާޅުވި އެވެ.

މ. އަތޮޅުގެ މީގެ ކުރިން ނުލިބޭ ވަރުގެ ތާއީދެއް މި އަހަރުގެ އިންތިހާބުގައި ލިބިގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"މި ފަސް އަހަރުން މ. އަތޮޅަށް ކުރެވެމުންދާ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުގައި އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ކުރިއަށް އޮތް ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު ލާ ވޯޓުގައި މ. އަތޮޅުގެ ބޮޑު އަގުލަބިއްޔަތެއް އަޅުގަނޑުމެންގެ ކޯލިޝަނަށް ލިބިގެންދާނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް މ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގައި ވަނީ މި އަތޮޅުގެ ރައްޔިތުން މީގެ ކުރިން ތަރައްގީއިން ބާކީކޮށްފައި އޮތް ކަމަށް ވިދާޅުވާ ވާހަކަ ތަކުރާރުކުރައްވައިފަ އެވެ.

އިއްޔެ ނާލާފުށީ ޖަލްސާގައި ވާހަކަދަައްކަވަމުން ރައީސް ވިދާޅުވީ ކުދި ރަށްތައް ތަރައްގީ ނުވެ އޮތީ ސިޔާސީ މީހުން ސިޔާސީ ވިސްނުން އިސްކުރާތީ ކަމަށެވެ.

"މި ފަދަ ކުދިކުދި ރަށްރަށަށް ތަރައްގީ ނައިސް އޮތީ އެ އިރެއްގައި ހުންނެވި ވެރިއެއްގެ ސިޔާސީ ވިސްނުން އިސްކުރާތީ. އަބަދު ވެސް ފެންނަނީ ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ބާއްވާ އިންތިހާބު. އެހެންވީމަ، އަމާޒު ހިފަނީ ވޯޓު ލިބޭ ތަންތަނަށް އެކަނި. ގިނައިން ވޯޓު ލިބޭ ތަންތަނަށް. މި ރަށުގައި އުޅޭ 384 މީހުންނަކީ ސިޔާސީ މީހުން ދެކޭ ގޮތުގައި މާ މުހިއްމު ބައެއް ނޫން، ވޯޓަކަށް ބަލާއިރު،" ރައީސް އިއްޔެ ވިދާޅުވި އެވެ.

އެހެންނަމަވެސް, ގުޅިފައިވާ ޕާޓީތަކުގެ ތަސައްވުރަކީ ކޮންމެ މީހަކަށް ވެސް އެ މީހަކު ހުރި ތަނަކުން އަސާސީ ހިދުމަތްތައް ކަށަވަރުކޮށްދިނުން ކަަމށް ވިދާޅުވި އެވެ.