Advertisement

މ. އަތޮޅުގެ އަގުލަބިއްުޔަތު ލިބޭނެ ކަމާމެދު ރައީސަށް ޝައްކެއްނެތް

15 ޖުލައި 2023 - 17:25 0

މ. މުލި

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

ކެމްޕެއިނަށް މިއަދު ރައީސް މުއްޔަށް ވަޑައިގަންނަވަނީ-- ފޮޓޯ: މިރާޝް ނާޝިމް/ އަދަދު


މ. އަތޮޅުގެ އަގުލަބިއްުޔަތު ލިބޭނެ ކަމާމެދު ރައީސަށް ޝައްކެއްނެތް

15 ޖުލައި 2023 - 17:25 0

މ. މުލި

އަންނަ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި މ. އަތޮޅުގެ ބޮޑު އަގުލަބިއްޔަތެއް އެމަނިކުފާނަށް ލިބިވަޑައިގަންނަވާނެ ކަމާމެދު އެއްވެސް ވަރަކަށް ޝައްކު ނުކުރައްވާ ކަަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މުލީގައި މިއަދު ހަވީރު ކުރިއަށް ގެންދިޔަ ކެމްޕެއިނު ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ މި އަތޮޅަކީ މީގެ ކުރިން އެމްޑީޕީއާ "މާ ރައްޓެހި" އަތޮޅެއް ނޫންނަމަވެސް މިއަދު އެ ކަން ބަދަލުކުރެވިއްޖެ ކަމަށެވެ.

"އަޅުގަނޑަށް ހަމަ ޔަގީން އިރާދަކުރެއްވިއްޔާ މުލި ހިމެނޭ ގޮތަށް މި އަތޮޅުގެ އަގުލަބިއްޔަތު، ބޮޑު އަގުލަބިއްޔަތެއް އެމްޑީޕީއާ ގުޅިފައިވާ ކޯލިޝަނަށް ލިބިގެންދާނެ، އެއީ މިއަދު އަޅުގަނޑު ޝައްކު ކުރާ ކަމެއް ނޫން،" ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހު މުލީގައި-- ފޮޓޯ: މިރާޝް ނާޝިމް/ އަދަދު


މި ސަރުކާރުން މުއްޔަށް ގެންނަމުންދާ ތަރައްގީގެ މައްޗަށް އަލި އަޅުވާލައްވައި ރައީސް ވަނީ އެމަނިކުފާނުގެ ރިޔާސީ ވައުދެއް ކަމަށްވާ މުލީ އެއާޕޯޓު މި އަހަރުގެ ނިޔަލަށް ނިންމައި ފްލައިޓު ޖެއްސުމަށް އަމާޒު ހިފާފައިވާ ކަމަށް ވިދާޅުވެފަ އެވެ.

"މި ރަށަށް، މުއްޔަށް މި އަހަރުގެ ޖޫން މަހުގެ ނިޔަަލަށް 280 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ހަރަދުކުރެއްވިއްޖެ، ބޭނުންވަނީ ރައްޔިތުން ބޭނުންވެފައި ހުރި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުން،" ރައީސް ވިދާޅުވި އެވެ.

މުއްޔާއި ނާލާފުށި ކޯޒްވޭއަކުން ގުޅާލުމަށް ރައްޔިތުން އެދޭ ކަމަށާއި އެއާޕޯޓު ނިމުމާއެކު އެ މަސައްކަތް ފަށާނެ ކަމަށާއި އޭރުން އެ ރަށޫގެ ރައްޔިތުންނަށް މުލިން ހިދުމަތް ހޯދައި އެތައް ހަރަދެއް ކުޑަވެގެން ދާނެ ކަމަށް ވިދާޅުވި އެވެ.

މުލީގައި ހިނގަމުން އަންނަ އުމްރާނީ ގިނަ މަސައްކަތްތައް ނިމިފައިވާ ކަން ފާހަގަކުރައްވައި އެ ރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމަށާއި ހޮސްޕިޓަލު އިތުރަށް ތަރައްގީކޮށް ރީހެބިލިޓޭޝަން ސެންޓަރެއް ގާއިމް ކުރުމަށް ރައީސް ވައުދުވެވަޑައިގެންނެވި އެވެ.

ރައީސް ވަނީ މިއަދު މުލީގެ ފެނުގެ ނިޒާމު އިފްތިތާހުކޮށްދެއްވާފައި-- ފޮޓޯ: މިރާޝް ނާޝިމް/ އަދަދު


މި ދައުރުގައި މިހާރު ފަށާފައިވާ މަސައްކަތްތައް ވަރަށް އަވަހަށް ނިމިގެން ދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"ކުރިއަށް އޮތް މި ދައުރުގައި ފަށާފައި މިހުރި މަސައްކަތްތައް ނިންމާލުމަށް މާ ގިނަ ދުވަހެއް ނުނަގާނެ، ދެން އޮންނާނީ އިތުރަށް ބޭނުންވާ ކަންކަމާއިގެން ކުރިއަށް ދިއުން،" ރައީސް ވިދާޅުވި އެވެ.

"މުޅި ރާއްޖެއަށް ގެންނަ ބަދަލަކީ ބޮޑު ބަދަލެއް، ނަތީޖާއަކަށް ވާނީ އިގްތިސޯދު ދެ ގުނަ ވުން، ދައުލަތަށް ލިބޭ އާމްދަނީ ދެ ގުނަވުން، ރައްޔިތުންނަށް ލިބޭ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ސަރުކާރަކީ ފުދުންތެރި ތަނަވަސް ސަރުކާރަކަށް ވުން،"

މީގެ ކުރިން މުލަކު ދާއިރާއާއި ދިއްގަރު ދާއިރާއަކީ އިދިކޮޅު ޕާޓީތަކުގެ ދާއިރާތަކެކެވެ. އެހެންނަމަވެސް 19 ވަނަ މަޖިލީހުގައި މި ދާއިރާތައް ނަގާފައިވަނީ އެމްޑީޕީންނެވެ.