Advertisement

ކާޓާގެ އަހަރީ ޓެކްނިކަލް ކޮންފަރެންސް ރާއްޖޭގައި ފަށައިފި

12 ޖުލައި 2023 - 19:19 0

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް


ކާޓާގެ އަހަރީ ޓެކްނިކަލް ކޮންފަރެންސް ރާއްޖޭގައި ފަށައިފި

12 ޖުލައި 2023 - 19:19 0

ކޮމަންވެލްތް އެސޯސިއޭޝަން އޮފް ޓެކްސް އެޑްމިނިސްޓްރޭޓާސް (ކާޓާ)ގެ 43 ވަނަ އަހަރީ ޓެކްނިކަލް ކޮންފަރެންސް ވިލާ ނޯޓިކާ-ޕެރެޑައިސް އައިލެންޑްގައި ފަށައިފި އެވެ.

މި ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ މިނިސްޓްރީ އޮފް ފިނޭންސްގެ ސްޓޭޓް މިނިސްޓަރު، އިސްމާއިލް އަލީ މަނިކް އެވެ.

ހަފްލާގައި ވާހަކަފުޅު ދައްކަވަމުން އިސްމާއިލް ވަނީ މި އަހަރުގެ ކާޓާ ކޮންފަރެންސްގެ ތީމް ކަމުގައިވާ ޓެކްސް ކޮމްޕްލައިންސް މެނޭޖްކުރުމުގައި ޑޭޓާގެ ދައުރު އަދި ހޮސްޕިޓަލިޓީ އިންޑަސްޓްރީއިން ޓެކްސް ނެގުމުގައި ދިމާވާ ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުވާލައްވައި، ރާއްޖޭގައި މި ކަމަށް ހުރި ގޮންޖެހުންތައް ހިއްސާކުރައްވާފަ އެވެ.

މި ހަފްލާގައި ކޮމަންވެލްތުގެ 29 ގައުމުން އަދި ނުވަ ބައިނަލްއަގުވާމީ އިދާރާތަކުގެ ޓެކުހާ ބެހޭ މާހިރުން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ. އޭގެއިތުރުން، ކާޓާ، މީރާ އަދި ފިނޭންސް މިނިސްޓްރީގެ އިސްވެރިން ވަނީ މި ހަފްލާގައި ބައިވެރިވެވަޑައިގެން ވާހަކަފުޅުދައްކަވައިފައެވެ.

މިގޮތުން ކާޓާގެ އެގްޒެކެޓިވް ޑިރެކްޓާ ޑަންކަން އޮންޑުރޫ ދެއްކެވި ވާހަކަފުޅުގައި، މި ކޮންފަރެންސް ބޭއްވުމަށް ދިވެހިރާއްޖޭގެ ފަރާތުން މީރާއިން ކޮށްފައިވާ ބުރަ މަސައްކަތް ވަނީ ފާހަގަކޮށް ޝުކުރު އަދާކުރައްވައިފައެވެ.

މި ހަފްލާގައި މީރާގެ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ފަތުހުﷲ ޖަމީލް ވިދާޅުވީ، ޓެކްސް ނިޒާމުގައި ހުރި ގޮންޖެހުންތަކުން އަރައިގަތުމަށް ޓެކްސް އިދާރާތަކުން އެކުގައި މަސައްކަތްކުރުން މުހިއްމު ކަމަށެވެ.

"ކޮމަންވެލްތްއަށް ނިސްބަތްވާ ގައުމުތަކުގެ ޓެކްސް އޮތޯރިޓީތަކުގެ މެދުގައި ގުޅުން ވަރުގަދަކޮށް، އެކި ގައުމުތަކުގެ ތަޖުރިބާތަކުގެ އަލީގައި ގައުމުތަކުގެ ޓެކްސް ނެގުމުގެ ނިޒާމްތައް ހަރުދަނާކުރުމަށް ކާޓާއިން ކުރާ މުހިއްމު މަސައްކަތަށް އަޅުގަނޑު ޝުކުރު އަދާކުރަން،" ފަތުހުﷲ ފާހަގަކުރެއްވި އެވެ.

މި ކޮންފަރެންސްއަކީ ކޮމަންވެލްތްއަށް ނިސްބަތްވާ ގައުމުތަކުގެ ޓެކްސް އިދާރާތަކުން ބައިވެރިވާ، އަދި ކޮންމެ އަހަރަކު ވެސް ތަފާތު މެންބަރު ގައުމެއްގައި ބާއްވާ ހަރަކާތެކެވެ. މިއީ މި ކޮންފަރެންސް ދިވެހިރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރެވެ.

މި އަހަރު ރާއްޖޭގެ ފަރާތުން މި ހަރަކާތް ރާވައި އިންތިޒާމުކޮށްފައިވަނީ މީރާގެ ފަރާތުންނެވެ. މާދަމާގެ ނިޔަލަށް މި ކޮންފަރެންސް ކުރިއަށްދާނެ އެވެ.