Advertisement

ލަންކާގެ ރިޔާސީ ގަނޑުވަރުން ގެންދިޔަ ތަކެތި ހަވާލުކުރަން ބާރުއަޅަނީ

10 ޖުލައި 2023 - 05:45 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

މުޒާހަރާ ކުރި މީހުން ލަންކާގެ ރިޔާސީ ގަނޑުވަރު ތެރޭގައި. -- ފޮޓޯ: ރޮއިޓާޒް


ލަންކާގެ ރިޔާސީ ގަނޑުވަރުން ގެންދިޔަ ތަކެތި ހަވާލުކުރަން ބާރުއަޅަނީ

10 ޖުލައި 2023 - 05:45 0

މިދިޔަ އަހަރު ސްރީލަަންކާގައި ސަރުކާރާ ދެކޮޅަށް ކުރި މުޒާހަރާތަކުގެ ތެރެއިން ރިޔާސީ ގަނޑުވަރުގެ ތެރެއަށް ވަދެ، އެ ތަނުން ވަގަށް ގެންދިޔަ ތާރީހީ ތަކެތި އަނބުރާ ހަވާލުކުރާ ފަރާތްތަކަށް މައާފުދޭނެ ކަމަށް ބުނެފި އެވެ.

މީގެ އަހަރެއް ކުރިން ކުރި މުޒާހަރާތައް ހޫނުވެ، މުޒާހަރާގެ ބައިވެރިން ރިޔާސީ ގަނޑުވަރު ހިސޯރުކުރި އެވެ. އެކަމުގެ ތެރެއިން ރައީސް ގޮތަބަޔާ ރާޖަޕަކްސަ ގައުމުން ދޫކޮށް ވަޑައިގެން، އެންމެ ފަހުން އިސްތިއުފާ ދެއްވި އެވެ.

އާ ރައީސް ރަނިލް ވިކްރަމަސިންހަ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ މުހިއްމު ތާރީހީ އަދި އާކިއޮލޮޖިކަލް ތަކެތި ގަނޑުވަރުން ގެއްލުނު ކަމަށާއި ކުރީގެ ގަވަރުނަރުންނާއި ރައީސުންނާ ގުޅުން ހުރި "ކޯޓްސް އޮފް އާމްސް" ވެސް އޭގެ ތެރޭގައި ހިމެނޭ ކަމަށެވެ.

ބަޔާނުގައި ބުނީ މަހެއްގެ ތެރޭގައި އެ ތަކެތި ހަވާލުކުރާ ނަމަ އެފަދަ ތަކެތި ގެންދިޔަަ އެއްވެސް ފަރާތަކާ މެދު އެއްވެސް ފިޔަވަޅެއް ނާޅާނެ ކަމަށެވެ. ގަނޑުވަރުން ގެއްލުނު ތަކެތީގެ ފޮޓޯ އޮފިޝަލުން ވަނީ އާއްމުކޮށްފަ އެވެ.

މިދިޔަ އަހަރުގެ ޖުލައި ނުވަ ވަނަ ދުވަހު އާއްމުން ގަނޑުވަރު ހިސޯރުކޮށްގެން ނުނިކުމެ ފަސް ދުވަސް ވަންދެން ތިއްބެވެ. އޭރު އާއްމުވި ފޮޓޯތަކުން ފެންނަނީ ޕޫލަށް އެރި އުޅޭ މަންޒަރާއި ކޮޓަރިތަކުގައި ނިދާ، ބަދިގޭގައި ކައްކައި ހެދި މަންޒަރެވެ.

ރައީސްގެ ޖޯޑަކާއި، ގޮތަބަޔާގެ ރަސްމީ ދިދަތަކެއް ނެގި ދެ މީހުންނާ މެދު ފުލުހުން ފިޔަވަޅު އެޅި އެވެ. އެހެން ނަމަވެސް، ގޮތަބަޔާގެ ކޮޓަރިކޮޅުން ފެނުނު 6،000 ޑޮލަރު އެކްޓިވިސްޓުން ވަނީ ފުލުހުންނާ ހަވާލުކޮށްފަ އެވެ. އެ ފައިސާއަކީ ކޮން ގޮތަކުން ލިބުނު ފައިސާއެއްތޯ ސާފުކޮށްދިނުމަށް ކޯޓުން ވަނީ ގޮތަބަޔާއަށް އަންގާފަ އެވެ.