Advertisement

ކުޑަކުޑަ މަރޮށްޓަށް ވައުދު ލިސްޓެއް؛ ބިން ހިއްކައި ގޯތި ދިނުމާއި ހައުސިން ޔުނިޓް، އެންމެ ޒަމާނީ މަގުތައް

9 ޖުލައި 2023 - 13:01 0

ށ.މަރޮށި

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ށ. މަރޮށީގައި؛ ރައީސް ވަނީ ދެ ވަނަ ދައުރަކަށް ހޮވިއްޖެނަމަ މި ރަށަށް ގިނަ ކަންތައްތަކެއް ކޮށްދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފައި---- ފޮޓޯ: އެމްޑީޕީ


ކުޑަކުޑަ މަރޮށްޓަށް ވައުދު ލިސްޓެއް؛ ބިން ހިއްކައި ގޯތި ދިނުމާއި ހައުސިން ޔުނިޓް، އެންމެ ޒަމާނީ މަގުތައް

9 ޖުލައި 2023 - 13:01 0

ށ.މަރޮށި

ދެ ވަނަ ދައުރަކަށް އިންތިހާބުވެވަޑައިގެންފިނަމަވެސް، މީސްކޮޅު މަދު މި ރަށު (ށ. މަރޮށި) ގެ ބިން ހިއްކައި، ގޯތި ދޫކޮށް، ހައުސިން ޔުނިޓު ދޫކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވައުދުވެވަޑައިގެންފި އެވެ.

ރިޔާސީ ކެމްޕެއިނު ށ. އަތޮޅުން ފައްޓަވައި މިއަދު މި ރަށުގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ މަރޮށްޓަކީ މީގެ ކުރިން އެކަހެރިކޮށް ބާކީކޮށްފައި އޮތް ރަށެއް ކަމަށެވެ.

"އެހެންނަމަވެސް މި ވޭތުވެދިޔަ ފަސް އަހަރުތެރޭގައި ސިޔާސަތަށް ގެނެވުނު ބަދަލާއެކު މި ރަށް ވެސް މި ވަނީ ރާއްޖޭގެ ޗާޓަށް އަލުން ވަދެފައި،" ރައީސް ވިދާޅުވި އެވެ.

މިސާލެއްގެ ގޮތުން ރައީސް ނެންގެވީ ވެރިކަމަށް ވަޑައިގެންނެވުމަށް ފަހު ފެނާއި ނަރުދަމާ ގާއިމް ކުރަން އެންމެ ފުރަތަމަ ހަވާލުކުރި ރަށްތަކުގެ ތެރެގައި މި ރަށް ހިމެނުމެވެ. އެ މަސައްކަތް ނިންމުމުގައި ލަސްތަކެއް ހުރިނަމަވެސް އެކަން ހައްލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެންމެ ފަހުން މި ރަށަށް ވަޑައިގެންނެވި ދުވަހު ރައްޔިތުން އެދުނީ ބަނދަރު ތަރައްގީ ކުރުމަށް ކަމަށާއި މިއަދު އެކަމުގައި ވެސް އަމަލީ ކުލަ ޖެހެމުން އަންނަ ކަން ރައީސް ފާހަގަކުރެއްވި އެވެ.

މަރޮށީ ރައްޔިތުންނާ މުހާތަބު ކުރައްވައި ރައީސް ވާހަކަ ދައްކަވަނީ--


"އެ މަންޒަރު އެ ފެނިގެން ދަނީ، މި ބަނދަރު ނިމިގެން ދާއިރު އުތުރުގައި އޮތް އެންމެ ފުރިހަމަ އެންމެ ފަސޭހަ ބަނދަރަށް އިރާދަކުރެއްވިއްޔާ ވެގެން ދާނެ،" ރައީސް ވިދާޅުވި އެވެ.

ކެމްޕެއިނު ޖަލްސާގައި ރައްޔިތުންގެ ފަރާތުން ވާހަކަ ދެއްކެވި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވަނީ ގިރާ ސަރަހައްދާ ގުޅިގެން ރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތައް ހުރިކަން ހާމަކޮށް، ހައުސިން ޔުނިޓަށް އެދޭ ކަމަށް ވިދާޅުވެފަ އެވެ.

އެކަމަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ އިންތިހާބުން ކާމިޔާބުކުރެއްވިއްޖެ ނަމަ، ގިރާ ސަރަހައްދު ހިމާޔަތް ކޮށް، ރަށުން ބިން ހިއްކާނެ ކަމަށް ވިދާޅުވެފަ އެވެ.

"ގިރާ ސަރަހައްދު ހިމާޔަތްކޮށް، 40 ހެކްޓަރުގެ ބިން ހިއްކައި ރިވެޓްމެންޓް ޖެހި، ރައްޔިތުންނަށް އެތަނުން ގޯތި ލިބޭނެ ގޮތް ހަދައިދޭނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އޭގެ އިތުރުން ސަރުކާރުގެ ހައުސިން ސްކީމްގެ ދަށުން 50 ހައުސިން ޔުނިޓު ވެސް ގާއިމް ކުރާނެ ކަމަށެވެ.

"ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދެވޭއިރު ބިމު އަޑީގައި ކުރެވޭ ކަންކަން ނިންމުމަށް ދެން އޮންނާނީ މައްޗަށް. މަގު ހަދާ ރަށްތަކުގެ އެންމެ ކުރިއަށް މި ރަށް ލާނަން،" ރައީސް ވިދާޅުވި އެވެ.

މަރޮށްޓަށް ރައީސް ވެވަޑައިގެންނެވި ވައުދުތަކުގެ ތެރޭގައި ދެން ހިމެނެނީ ޒަމާނީ ފެންވަރަށް މަގު ހެދުމާއި ސިއްހީ މަރުކަޒުގެ ހިދުމަތް 24 ގަޑިއިރަށް ބަދަލުކުރުމުގެ އިތުރުން އޭޓީއެމްގެ ހިދުމަތް ރަށުގައި ގާއިމް ކުރުމެވެ.

ޒުވާނުންނަށް މުނިފޫހިފިލުވުމާއި ކުޅިވަރު ކުޅުމަށް ބޮޑުފުޓުބޯޅަ ދަނޑެއް ޓާފު އަޅައި ނިންމައިދޭނެ ކަމަށް ވެސް ރައީސް ވައުދުވެވަޑައިގެންނެވި އެވެ.

މި ރަށަކީ ރައީސް ސޯލިހު ކެމްޕެއިނު ދަތުރުފުޅެއްގައި ށ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ދެ ވަނަ މަންޒިލެވެ. މި ދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގެންނެވީ ށ. ކޮމަންޑޫ އަށެވެ. މިއަދު މެންދުރު ފަހު ވަޑައިގަންނަވާނީ ނޫމަރާ އަށެވެ. ރައީސް މި ދަތުރުފުޅު ނިންމަވާލައްވާނީ މިރޭ މި އަތޮޅު ފޯކައިދޫންނެވެ.