Advertisement

ކޮޕީ ޘަޤާފަތް އުވާލެވޭނީ އަޅެ ކޮން އިރަކުންތަ؟

7 ޖުލައި 2023 - 08:00 2

ނަސްމާ އަބްދުލްމުހުސިން

ނަސްމާ އަބްދުލްމުހުސިން


ކޮޕީ ޘަޤާފަތް އުވާލެވޭނީ އަޅެ ކޮން އިރަކުންތަ؟

7 ޖުލައި 2023 - 08:00 2

ސްކޫލް ކުދިންގެ މެދުގައި ބާއްވާ އެންމެ ބޮޑު އެއް ލަވަ މުބާރާތް ބާއްވާ ނިމުނުތާ އަދި މާ ގިނަ ދުވަހެއް ނުވެއެވެ. ރީތި މިއުޒިކީ ހުށަހެޅުންތަކެއް އަޑުއިވުނެވެ. ހުނަރުވެރި ކުދިންތަކެއް ތަޢާރަފުވެގެން ހިނގައްޖެއެވެ. ހަމަ އެއާ ވިދިގެން ކަހަލަ ގޮތަކަށް އައީ ބޮޑު ޢީދުގެ ހަރަކާތްތަކެވެ. ރާއްޖޭގެ މުނިފޫހިފިލުވުމުގެ ސިނާޢަތަށް ވެސް އައި ޢީދެއް ފަދައެވެ. ލައިވް މިއުޒިކީ ހުށަހެޅުންތައް ތަދު މި ޒަމާނުގައި ފަންނާނުން ސްޓޭޖްތަކުގައި ލައިވް މިއުޒިކާއެކު ހުށަހެޅުންތައް ހުށަހަޅާލުމުން އިހުގެ މިއުޒިކީ ޢީދުތަކުގެ ހަނދާން އާވިއެވެ.

އެހެންނަމަވެސް މި ދެ މިއުޒިކީ ހަރަކާތުންވެސް ބޮޑު އުނިކަމެއް އިހުސާސްކުރެވުނެވެ. ލަވަ މުބާރާތުންނާއި ޢީދު ޝޯތަކުންވެސް ދިވެހި އަމިއްލަ އުފެއްދުންތެރިކަން ފެނުނީ ހާދަހާ މަދުންނެވެ. އަހަރެންނަކީ މިއުޒިކަށް ލޯބިކުރާ، އެކަމުގައި ހޭކި އުޅޭ މީހެއް ކަމުން، މި މަންޒަރު ފެނި ދެރަވުމުގެ ބަދަލުގައި މިހާރު ވަނީ ފޫއްސެވެ. މަދު ފަންނާނަކު މެނުވީ އަދިވެސް ހުށަހަޅަނީ ބޮލީވުޑާއި ހޮލީވުޑުން މަޝްހޫރުވެފައި ހުރި ރާގުތަކަށް ދިވެހި ޅެން ހަދައިގެން ހުށަހަޅާ ހުށަހެޅުންތަކެވެ. ނުވަތަ އެ ލަވަތަކުގެ ކަވަރތަކެވެ. އެހެން ނޫނީ ނުވަދިހައިގެ އަހަރުތަކުގައި ކުރީގެ މަޝްހޫރު ލަވަކިޔުންތެރިން ވައިގައިހިއްޕުވައިލި ލަވަތަކުގެ ކަވަރތަކެވެ.

ސަބަބަކީތޯއެވެ؟ އޯޑިއަންސަށް ކަމުނުދަނިއްޔޯލައެވެ. އެ ފަންނާނުންގެ އަމިއްލަ ރާގުތައް އަޑުއަހަން އޯޑިއަންސް ބޭނުން ނުވަނިއްޔޯލައެވެ. އަމިއްލަ ރާގު ހަދައި، ޕޭޓެންޓުކޮށް، އެ ރާގަށް އެއަރ ޓައިމް ހޯދައި އެ ޕްރޮމޯޓުކުރަން ކުރާ މަސައްކަތާ އަޅައިބަލާއިރު، އެހުންތެރިންގެ ފަރާތުން ލިބޭ އެއްބާރުލުން ކުޑައިއްޔޯލައެވެ.

ނޫނެކެވެ. މި ބަހަނާ ބަލައިގަނެވޭކަށް މިހާރަކު ނެތެވެ. މަދުން ނަމަވެސް ހަމަ އެކަނި އަމިއްލަ ރާގުތައް ހުށަހަޅައިގެން ބެލުންތެރިންގެ ރުހުން ހޯދާފައިވާ ފަންނާނުންނާއި ބޭންޑުތައް ފެންނާން އެބަހުއްޓެވެ. އެފަދަ ފަންނާނުން ހިއްސާކުރާ އެއް ސިފައަކީ އެހެން މީހުންގެ ފިކުރީ މުދަލަށް ކުރާ އިޙުތިރާމެވެ. އެފަދަ ބޭންޑަކުން ކަވަރ ލަވައެއް ކިޔާނަމަ ކުޑަމިނުން، ޝޯގެ ތެރޭގައި އޭގެ ހަވާލާދޭނެއެވެ. އެ ލަވައިގެ ޕޭޓަންޓު އޮތް މީހާގެ ހުއްދަ ހޯދާނެއެވެ. އެހެންނަމަވެސް، ޢާއްމުކޮށް ކަވަރ ލަވަ ކިޔާ މީހުން ތަފާތެވެ.

ކުޑަ މިސާލެކެވެ. ދިރާސާއެއް ކޮށްފައި ނުވާ ނަމަވެސް، ދިވެހި ލަވަކިޔުންތެރިން އެންމެ ގިނައިން ކަވަރ ކުރާ ފަންނާނަކީ، ކުރީގައި ލަވަކިޔުންތެރިއެއްގެ ގޮތުގައި ވިދާލި އެހެންނަމަވެސް މިހާރު ލަވަކިޔުމާ ދެކޮޅަށް އަޑުއުފުލާ ފަންނާނެކެވެ. އޭނާ ފާޅުގައި ދަނީ އޭނާގެ ލަވަތައް ކަވަރ ނުކުރުމަށް އެދެމުންނެވެ. މިއީ ފިކުރީ މުދަލާ ގުޅުންހުރި ސަބަބެއް އޮވެގެނެއްވެސް ނޫނެވެ. އެހެންނަމަވެސް، އެ އާދޭހަށް އިޙުތިރާމުކުރާނޭ ފަންނާނެއްވެސް ނެތްކަހަލައެވެ.

އެހެން މިސާލެކެވެ. ދިވެހި ޘަޤާފީ ނެށުންތައް ނަށަން މި ތައްޔާރުކުރާ މިއުޒިކަކީ، ކޮންމެވެސް ބޮލީވުޑުގެ ރާގެއްގެ ކޮޕީއެކެވެ. ގިނަ ފަހަރަށް މި ލަވަތަކަށް ނަށައިގެން މި މަރުހަބާ ކިޔަނީ ބޭރުޤައުމުތަކުގެ ފަތުރުވެރިންނަށެވެ. އަޅެ ލަދެއް ނުގަނޭ ހެއްޔެވެ. ރިސޯޓުތަކުގައި "މޯލްޑިވިއަން ނައިޓް" އޭ ކިޔާފައި ބޮލީވުޑް ރާގަށް ބޮޑުބެރުޖަހައި، ބަނޑިޔާ ޖެހީމައި ހުތުރީ ހަމަ އަހަރެމެން ދިވެހިންނަކަށް ނޫންހެއްޔެވެ؟

އަމިއްލަ ތަޖުރިބާއެކެވެ. ދިވެހި ފިލްމަކަށް ލަވައެއް ހަދަން ޕްރޮޑިއުސަރަކު އެދުނެވެ. ބޭނުންވާ ކަންކަން ކިޔައިދިނުމަށްފަހު ދެއްކީ ބޮލީވުޑްގެ މަޝްހޫރު ލަވައެކެވެ. އެދުނީ އެލަވަ އަސްލަކަށް ބަލައިގެން ރާގު ހެދުމަށެވެ. އަހަރެމެން ގަސްދުކުރީ އެ ރާގާ ނުބައްސާ އަމިއްލަ ރާގެއް ހެދުމަށެވެ. ކަމަކު ނުދިޔައެވެ. ދެން ފެނުނީ، އެއްކަލަ ބޮލީވުޑް ރާގު "އަސްލަކަށް ބަލައިގެން" އެހެން ފަންނާނެއް ހަދާފައިވާ "އަމިއްލަ" ރާގެއް ވައިގައި ހިފާލި މަންޒަރެވެ. އެހެންނަމަވެސް މިއަދުގެ އޯޑިއަންސަކީ މޮޔަ ބައެއް ނޫނެވެ. އޭކު އޭއްކަން އޭކު ކަން ދިވެހިން މިއަދު ދަނެއެވެ. "އިންސްޕަޔަރ" ވެފައިވާ ރާގުތައް އިސާހިތަކު ދެނެގަނެއެވެ.

ކޮޕީ ޘަޤާފަތަކީ ދިވެހި މިއިޒިކީ ފަންނުގައި މޫލާފައިވާ ޘަޤާފަތެކެވެ. މިހާ ދުވަހު މި ޘަޤާފަތް ދިރުވާ އާލާކޮށްފައިމެ، މިކަން މުލުން ލުހެލަން ވަގުތު ނަގާނެއެވެ. އެންމެ ބޮޑު ޒިންމާ އޮތީ ފަންނާނުންނާއި އެމީހުންގެ މެނޭޖަރުންނާއި ޕްރޮޑިއުސަރުންގެ ކޮނޑުގައެވެ. އެކަމަކު އަހަރެމެން އެހުންތެރިންނާއި ބެލުންތެރިންގެ ޒިންމާއެއްވެސް އެބައޮތެވެ. ފުރުޞަތު ދޭށެވެ. ސިކުނޑި ހުޅުވާލާށެވެ. ބިނާކުރަނިވި ފާޑުކިޔުމުން ހިތްވަރު ދޭށެވެ. އުފެއްދުންތެރި ފަންނާނުންނަށް ފުރުޞަތު ދޭށެވެ. އަމިއްލަ އުފެއްދުންތަކުގެ އަގު އުފުލައިދޭށެވެ.

ފަންނާނުންވެސް ހޭލަމާ ހިނގާށެވެ. އޯޑިއަންސަށް ކަމުނުދާ ވާހަކައަކީ ބަހަނާއެއް ނޫނެވެ. ކަމުނުދަނީ ހަދާ ރާގުގައި ފެންވަރެއް ނެތީމައެވެ. ފެންވަރު ހުރި އެތައް އަމިއްލަ ރާގެއް މަޤުބޫލުވެ، އެ ރާގުތައް ކުޅޭ މިއުޒިކު ޝޯތައް ހައުސްފުލްވެ، އެ ރާގުތަކުގެ އެހީގައި މީސްމީޑިޔާގެ މަންސަތައް ފަތަޙަކުރަމުންދާ ދިވެހި ފަންނާނުން އެ ދައްކާ މިސާލުން ފިލާވަޅު ހޯދާށެވެ. ދިވެހި ޘަޤާފަތް ދިރުވާ އާލާކުރުމަކީ ފަންނާނުންގެ ޒިންމާއެކެވެ. އެ ޒިންމާ ކޮނޑުއަޅައިގެން ތިބެ، ޘަޤާފަތް ހަލާކުނުކުރާށެވެ!