Advertisement

ތްރެޑްސް އެޕް ލޯންޗުކޮށްފި, ދެ ގަޑިއިރު ތެރޭ ދެ މިލިއަން ޔޫޒަރުންނާ އެކު ބޮޑު ތަރުހީބެއް

6 ޖުލައި 2023 - 10:28 0

ރައްޔާން މުހައްމަދު

ރައްޔާން މުހައްމަދު

ފޮޓޯ: މެޓަ


ތްރެޑްސް އެޕް ލޯންޗުކޮށްފި, ދެ ގަޑިއިރު ތެރޭ ދެ މިލިއަން ޔޫޒަރުންނާ އެކު ބޮޑު ތަރުހީބެއް

6 ޖުލައި 2023 - 10:28 0

ފޭސްބުކް އަދި އިންސްޓަގްރާމްގެ މައި ކުންފުނި މެޓާގެ އައު ސޯޝަލް މީޑިއާ އެޕް "ތްރެޑްސް" ރިލީޒްކޮށްފި އެވެ.

ތްރެޑްސް ރިލީޒްކުރިތާ ދެގަޑިއެއްހާއިރު ތެރޭ ދެ މިލިއަނަށް ވުރެ ގިނަ މީހުން ވަނީ ސައިންއަޕްވެފަ އެވެ. ޓްވިޓާއާ ވާދަވެރި އެޕެއްގެ ގޮތުގައި ސިފަވެފައިޗާ މި އެޕްގެ ޔޫޒާ އިންޓަފޭސް ގާތްގަނޑަކަށް ޓްވިޓާއާ އެއްގޮތެވެ.

ރަސްމީކޮށް ލޯންޗު ކުރުމުގެ ކުރިން ތްރެޑްސް ގައި ވަނީ ރެޖިސްޓާ ކޮށްފައިވަނީ 3000 އެކައުންޓެކެވެ. އެހެންކަމުން އެޕްގެ މަގުބޫލުކަން ވަރަށް ބޮޑަށް ހާމަވެގެންދެ އެވެ.

މެޓާގެ ސީއީއޯ މާކް ޒަކަބާގް މީގެ ކުރިން ވަނީ، މިނިވަންކަމާއެކު ހިޔާލު ފާޅުކުރެވޭނެ ޕްލެޓްފޯމެއް ހޯދައިދިނުމުގެ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. ޓްވިޓާ ވަނީ މިކަމަށް ނުކުޅެދިފައިވާ ކަމަށާއި އާންމު ވާހަކަ ދެއްކުމުގެ "ގޯ ޓު" އެޕަކަށްވުމުގެ ގާބިލްކަން ތްރެޑްސް އަށް އެބައޮތް ކަމަށް ޒަކަބާގް ވަނީ ބުނެފަ އެވެ.

ފޮޓޯ: މެޓަ


ތަޖުރިބާކާރުން ގަބޫލުކުރާ ގޮތުގައި، މަސްކް ޓްވިޓާއަށް ގެންނަމުންދާ ގިނަ ބަދަލުތަކާއި މެދު ހިތްހަމަނުޖެހޭ ޓްވިޓާ ޔޫޒަރުން ތްރެޑްސްއަށް ބަދަލުވާނެ އެވެ. ޓްވިޓާގެ ގިނަ ފީޗާތަކެއް ހިމެނޭ މި އެޕްގައި، ޓްވިޓާއެކޭ އެއްގޮތަށް 500 އަކުރާ ހަމައަށް ޕޯސްޓް ކުރެވެ އެވެ.

ތްރެޑްސް އާއި މެދު އެންމެ ބޮޑު ކަންބޮޑުވުމެއް ވަނީ ޔޫޒަރުންގެ ޑޭޓާ ބޭނުން ކުރާ ގޮތާއި މެދު އެވެ. އޭގެ ތެރޭގައި ޔޫޒަރުންގެ އައިޑެންޓިޓީއާ ގުޅިފައިވާ ޕާސަނަލް އަދި ބްރައުޒިން ޑޭޓާ ވެސް ހިމެނެ އެވެ.

ތްރެޑްސް އެޕް މިހާރު 100 އަށް ވުރެ ގައުމުގައި ޑައުންލޯޑްކުރެވޭނެ އެވެ. ނަމަވެސް, ރެގިއުލޭޓަރީ ކަންބޮޑުވުންތަކުގެ ސަބަބުން ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ގައުމުތަކެއް ނުހިމެނެ އެވެ.

ތްރެޑްސް އަކީ "އިނިޝިއަލް ވާޝަން" އެއް ކަމަށް މެޓާ އިން ސިފަކޮށްފަ އެވެ. އަދި ކުރިއަށް އޮތްތާ އެހެން ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގެ ޔޫޒަރުންނާ މުއާމަލާތް ކުރުން ފަދަ އިތުރު ފީޗާސްތައް ތައާރަފް ކުރާނެކަމަށް ވެސް ބުނެފައިވެ އެވެ.

ތްރެޑްސް އިން ތްރެޑްސް އާއި އިންސްޓަގްރާމް އާއި ދެމެދު ޕޯސްޓްތައް ހިއްސާ ކުރެވޭއިރު، ދެ ޕްލެޓްފޯމްގައި ވެސް އެއް އެކައުންޓްތަކަކަށް ފޮލޯ ކުރުމުގެ އިހްތިޔާރު ލިބެ އެވެ. ތްރެޑްސް އަށް ޕްރޮފައިލް ކަސްޓަމައިޒްކުރުމާއި މެންޝަން ކުރެވޭ ވަކި ބަޔަކު ހަމަޖެއްސުމުގެ އިހްތިޔާރުވެސް ލިބިގެންދެ އެވެ.

މީގެ އިތުރުން އެހެން ޕްރޮފައިލްތައް ބްލޮކް ކުރުމާއި، އަންފޮލޯ ކުރުމާއި، ރިޕޯޓް ކުރުމަކީ ވެސް ކުރެވިދާނެ ކަންކަމެވެ. އިންސްޓަގްރާމްގައި ބްލޮކް ކުރާ އެކައުންޓްތައް އޮޓޮމެޓިކުން ތްރެޑްސްގައި ބްލޮކް ކުރެވޭނެ އެވެ.

ޓްވިޓާގެ ފީޗާސް އަށް ގެންނަމުންދާ ބަދަލުތަކާއި ޔޫޒަރުންގެ އަތުން ފައިސާ ނެގުން ފަދަ ކަންކަމުގެ ސަބަބުން، އެފަދަ އެހެން ޕްލެޓްފޯމަކަށް މިދުވަސްވަރު ވަރަށް ބޮޑު ޑިމާންޑެއް އެބައޮތެވެ. އެގޮތުން މަސްޓޮޑޮން އާއި ބްލޫސްކައި އަކީ އެފަދަ ފާހަގަކޮށްލެވޭ ދެ އެޕެވެ.

ފޮޓޯ: މެޓަ