Advertisement

ގައުމީ ބެޑްމިންޓަން މުބާރާތް: ތޯއިފް އާއި ނިބާލް ސެމީ އަށް

4 ޖުލައި 2023 - 09:42 0

ފިރިހެން ސިންގަލްސް ކުއާޓާ ފައިނަލުގައި ނިބާލް (ކ) އާއި ހައިޝަމް ބައްދަލުކުރި މެޗުގެ ތެރެއިން.--- ފޮޓޯ: އިސްމާއިލް ތޯރިގު


ގައުމީ ބެޑްމިންޓަން މުބާރާތް: ތޯއިފް އާއި ނިބާލް ސެމީ އަށް

4 ޖުލައި 2023 - 09:42 0

މިހާރު ކުރިއަށްދާ 49 ވަނަ ގައުމީ ބެޑްމިންޓަން މުބާރާތުގެ ފިރިހެން ސިންގަލްސް ސެމީ ފައިނަލުން އެންމެ ފަހުގެ ދެ ގައުމީ ޗެމްޕިއަން ކަމަށްވާ ނިބާލް އަހުމަދާއި އަހުމަދު ތޯއިފް މުހައްމަދު ފުރުސަތު ހޯދައިފި އެވެ.

ކުޅިވަރު އެކުވެނި ބެޑްމިންޓަން ކޯޓުގައި މި މަހު 1-7 އަށް ކުރިއަށްދާ ގައުމީ މުބާރާތުގެ ފިރިހެން ސިންގަލްސް ފުރަތަމަ ޑިވިޝަނުގައި ވާދަކުރަނީ ހަތް ކުޅުންތެރިންނެވެ. މި ހަތް ކުޅުންތެރިންގެ ތެރެއިން ސީޑިން އަށް ބަލާއިރު، ޒަޔާން ޒަކީ ވަނީ ސެމީ ފައިނަލަށް ކޮލިފައިވެފަ އެވެ.

ޒަޔާނާ ދެކޮޅަށް ސެމީ ފައިނަލުގައި ނުކުންނާނީ އިއްޔެގެ ކުއާޓާ ފައިނަލުގައި ރިޝްވާން ޝިޔާމް އަތުން މޮޅުވި ތޯއިފް އެވެ. ރިވައިވަލް ސްޕޯޓްސް ކްލަބްގެ ރިޝްވާން އަތުން ހަމަ އެ ކްލަބަށް ނިސްބަތްވާ ތޯއިފް ކުރި ހޯދީ 21-11، 21-10 އިންނެވެ. ތޯއިފް ވަނީ 2021 ވަނަ އަހަރު ގައުމީ ޗެމްޕިއަންކަން ހޯދައިފަ އެެވެ.

އިއްޔެގެ ކުއާޓާ ފައިނަލް މެޗުގެ ތެރެއިން ރިވައިވަލްގެ ތޯއިފް އުފާާފާޅުކުރަނީ.--- ފޮޓޯ: އިސްމާއިލް ތޯރިގު


ޖެހިޖެހިގެން ތިން ގައުމީ ފައިނަލުން ބަލިވުމަށް ފަހު، މިދިޔަ އަހަރު ގައުމީ ޗެމްޕިއަންކަން ހޯދި ނިބާލް އަށް މި ފަހަރުގެ މުބާރާތުގެ ކުއާޓާ ފައިނަލްވީ ޗެލެންޖިން މެޗަކަށެވެ. ރިވައިވަލްގެ ޒުވާން ކުޅުންތެރިޔާ، ހައިޝަމް އިބްރާހިމް އަލީ ވަނީ ނިބާލަށް ރަނގަޅު ފައިޓެއް ދީފަ އެވެ.

އެ ގޮތުން، ނިބާލަށް ހައިޝަމްގެ މައްޗަށް ކުރިހޯދުނީ ތިން ސެޓު ކުޅެގެންނެވެ. ފުރަތަމަ ސެޓު، 03-21 އިން ނިބާލް ގެންދިޔަ ނަމަވެސް ދެން އައި ސެޓުގައި ކުޅުން ރަނގަޅުކޮށް، ހައިޝަމް ވަނީ 21-18 އިން އެ ސެޓު ގެންގޮސްފަ އެވެ. ނަތީޖާ ނެރުނު ސެޓުގައި ހައިޝަމް ވަނީ 18-16 އިން ލީޑު ވެސް ކޮށްފަ އެވެ. އެކަމަކު، ތަޖުރިބާގެ ބޭނުންހިފައި ނިބާލް މި ސެޓު، 18-21 އިން ގެންގޮސް މެޗުން މޮޅުވީ އެވެ.

ސެމީ ފައިނަލުގައި ނިބާލް ކުޅޭނީ ކުއާޓާގައި މުހައްމަދު އަޖުފާން ރަޝީދު އާއި ހަސަން ޒަޔާން މުހައްމަދު ކުޅެގެން މޮޅުވާ ކުޅުންތެރިޔަކާ އެވެ.

ގައުމީ ބެޑްމިންޓަން މުބާރާތުގައި މި އަހަރު ދެ ޑިވިޝަނެއްގައި 10 އިވެންޓެއް ކުރިއަށްދާނެ އެވެ. މި ފަހަރުގެ މުބާރާތުގައި ޖުމްލަ އެކު، 108 ކުޅުންތެރިން ބައިވެރިވެ އެެވެ.