6 ޖުލައި 2023 - 12:50 1
ަގައުމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދުމަށް ފަހު ޒަޔާން އުފާފާޅުކުރަނީ
6 ޖުލައި 2023 - 12:50 1
ރޭ ނިމުނު 49 ވަނަ ގައުމީ ބެޑްމިންޓަން މުބާރާތުގެ ސިންގަލްސް ބައިގެ ޗެމްޕިއަންކަން ހުސައިން ޒަޔާން ޝަހީދު ޒަކީ އާއި އާމިނަތު ނަބީހާ އަބްދުރައްޒާގު ހޯދައިފި އެވެ.
ގައުމީ މުބާރާތުގެ މިދިޔަ އަހަރުގެ ޗެމްޕިއަނުން ބަލިކޮށް ޒަޔާން އާއި ނަބީހާ ޗެމްޕިއަންކަން ހޯދީ އިއްޔެ ކުޅުނު ފައިނަލު މެޗުތައް ސީދާ ދެ ގޭމުން ކާމިޔާބުކޮށްގެންނެވެ. ފިރިހެން ސިންގަލްސް ފައިނަލުގައި ދެކޮޅަށް ނިކުތް މިދިޔަ އަހަރުގެ ޗެމްޕިއަން ނިބާލް އަތުން އޭނާ މޮޅުވީ 21-13 އަދި 21-16 އިންނެވެ.
މިއީ ޒަޔާން ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދި ދެވަނަ ފަހަރެވެ. މީގެ ކުރިން އޭނާ ވަނީ 2017 ވަނަ އަހަރު ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދާފަ އެވެ.
ނަބީހާ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި މިދިޔަ ތިން އަހަރުގެ ޗެމްޕިއަން ފާތިމަތު ނަބާހާ އަބްދުއްރަައްޒާގު ބަލިކޮށްގެންނެވެ. މިދިޔަ ތިން އަހަރަށް ބަލާއިރު އެންމެ ވާދަވެރިކޮށް ފެނުނު ދެ ބެއިންގެ ކުރިމަތިލުން ނަބީ މިފަހަރު ކާމިޔާބުކުރީ ސީދާ ދެ ގޭމުންނެވެ. މެޗުގެ ފުރަތަމަ ސެޓު 21-15 އިން ނަބީ ކާމިޔާބުކުރިއިރު ފަހު ސެޓުގައި ނަބީ ރަނގަޅު ލީޑެއްގައި އޮއްވާ ފަހަތުން އަރާ ނަބާ ވަނީ ސްކޯ އެއްވަރުވެސް ކޮށްފަ އެވެ. ނަމަވެސް ފަހު ވަގުތު އޭނާ ވަނީ ތަފާތު ދައްކައި 22-20 އިން ސެޓު ހޯދައި ޗެމްޕިއަންކަން ހޯދާފަ އެވެ.
ގައުމީ ބެޑްމިންޓަން މުބާރާތުގެ އަންހެން ސިންގަލްސް ފައިނަލުގައި ނަބީހާ ވާދަކުރަނީ - ފޮޓޯ: އިސްމާއިލް ތޯރިގު
ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ނަބީހާ ވަނީ މީގެ ކުރިން އެއް ފަހަރު ކާމިޔާބުކޮށްފަ އެވެ. އެއީ 2017 ގަ އެވެ. އޭގެ ފަހުން ކުޅުނު ގައުމީ ތިން މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ނަބާހާ އެވެ.
ގައުމީ މުބާރާތުގެ އެހެނިހެން އިވެންޓްތަކަށް ބަލާއިރު ފުރަތަމަ ޑިވިޝަންގެ ފިިރިހެން ޑަބަލްސް ފައިނަލުގައި މުހައްމަދު އަޖުފާން ރަޝީދު އާއި ނިބާލްގެ ޕެއާ ބަލިކޮށް ޒަޔާން އާއި އަހުމަދު ތޯއިފްގެ ޕެއާ ވަނީ ޗެމްޕިއަންކަން ހޯދާފަ އެވެ. މި ފައިނަލުގެ ފުރަތަމަ ސެޓު 12-21 އިން އަޖުފާން އާއި ނިބާލް ގެންދިޔަ ނަމަވެސް ޖެހިގެން އައި ދެ ސެޓު 21-16 އަދި 21-19 އިން ޒަޔާން އާއި ތޯއިފް ވަނީ ކާމިޔާބުކޮށްފަ އެވެ.
އަންހެން ޑަބަލްސް ފައިނަލުގައި ނަބާހާ އާއި ނަބީހާގެ ޕެއާ ވަނީ ސީދާ ދެ ސެޓުން އައިޝަތު އަފްނާން ރަޝީދު އާއި މައިސާ ފަތުހުﷲ އިސްމާއިލްގެ ޕެއާ ބަލިކޮށްފަ އެވެ. މެޗުގެ ސެޓުތައް ނަބާހާ އާއި ނަބީހާ ގެންދިޔައީ 21-16 އަދި 21-15 އިންނެވެ.
ގައުމީ ބެޑްމިންޓަން މުބާރާތުގެ ފިރިހެން ޑަބަލްސް ޗެމްޕއިަންކަން ހޯދުމަށްފަހު ޒަޔާން އާއި ތޯއިފް އުފާފާޅުކުރަނީ - ފޮޓޯ: އިސްމާއިލް ތޯރިގު
ފުރަތަމަ ޑިވިޝަންގެ މިކްސް ޑަބަލްސް ފައިނަލުގައި ނަބާހާ އާއި ޒަޔާންގެ ޕެއާ ވަނީ ސީދާ ދެ ސެޓުން ނިބާލް އާއި ނަބީހާގެ ޕެއާ ބަލިކޮށްފަ އެވެ. މެޗުގެ ސެޓުތައް ނަބާހާ އާއި ޒަޔާން ގެންދިޔައީ 21-15 އަދި 21-16 އިންނެވެ.
މުބާރާތުގެ ދެވަނަ ޑިވިޝަނަށް ބަލާއިރު ފިރިހެން ސިންގަލްސް ޗެމްޕިއަން ހޯދީ އަލީ މުއާޒު އެވެ. އޭނާ ވަނީ ފައިނަލުގައި އަހުމަދު އީމާން ސީދާ ދެ ސެޓުން ބަލިކޮށްފަ އެވެ. މި ޑިވިޝަންގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ ފިރުޝާނާ ނަސީރު އެވެ. ފިރުޝާނާ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ޝައިބާ މުހައްމަދު ޝަރީފް ސީދާ ދެ ގޭމުން ބަލިކޮށްގެންނެވެ.
ދެވަނަ ޑިވިޝަން އަންހެން ޑަބަލްސް ފައިނަލުގައި އައިޝަތު ޔޫސުފް އާއި އާމިނަތު ނަސީމާގެ ޕެއާ ބަލިކޮށް މަދީހާ އަބްދުލްގާދިރު އާއި ޒުހުދާ ހުސައިންގެ ޕެއާ ވަނީ ޗެމްޕިއަންކަން ހޯދާފަ އެވެ.
ފިރިހެން ޑަބަލްސް ޗެމްޕިއަންކަން ހުސައިން މުހައްމަދު އާއި މުހައްމަދު އިކްރާމްގެ ޕެއާއިން ހޯދީ ފައިނަލުގައި ޔޫސުފް ނިޔާޒް އާއި ހަމްޒާ އަބްދުއްރަހުމާންގެ ޕެއާ ބަލިކޮށްގެންނެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment