5 ޖުލައި 2023 - 13:58 0
5 ޖުލައި 2023 - 13:58 0
ގައުމީ ބެޑްމިންޓަން މުބާރާތުގެ ފިިރިހެން ސިންގަލްސް ފައިނަލުން ނިބާލް އަހުމަދު އާއި ހުސައިން ޒަޔާން ޝަހީދު ޒަކީ ޖާގަ ހޯދައިފި އެވެ.
ކުޅިވަރު އެކުވެނި ބެޑްމިންޓަން ކޯޓުގައި މިހާރު ކުރިއަށްދާ 49 ވަނަ ގައުމީ ބެޑްމިންޓަން މުބާރާތުގެ ފައިނަލުން އެންމެ ފަހުގެ ޗެމްޕިއަން ނިބާލް ޖާގަ ހޯދީ ސެމީ ފައިނަލުަގއި މުހައްމަދު އަޖުފާން ރަޝީދު ސީދާ ދެ ސެޓުން ބަލިކޮށްގެންނެވެ. މެޗުގެ ސެޓުތައް ނިބާލް ގެންދިޔައީ 21-18 އަދި 21-12 އިންނެވެ.
ނިބާލް އާއި ދެކޮޅަށް ނިކުންނަ ޒަޔާން ފައިނަލުން ޖާގަ ހޯދީ ސެމީ ފައިނަލުގައި އަހުމަދު ތޯއިފް މުހައްމަދު 2-1 ސެޓުން ބަލިކޮށްގެންނެވެ. މެޗުގެ ފުރަތަމަ ސެޓު 21-23 އިން ކާމިޔާބުކުރީ ތޯއިފް އެވެ. ނަމަވެސް 2017 ވަނަ އަހަރުގެ ގައުމީ މުބާރާތުގެ ޗެމްޕިއަން ޒަޔާން ވަނީ ފަހަތުން އަރާ ޖެހިގެން އައި ދެ ސެޓު 21-10 އަދި 21-15 އިން ކާމިޔާބުކޮށްފަ އެވެ.
މިދިޔަ އަހަރުގެ ފައިނަލުގައިވެސް ޒަޔާން އާއި ނިބާލް ވާދަކުރި އެވެ. އެ ފަހަރު ސީދާ ދެ ސެޓުން ޒަޔާން ބަލިކޮށް ޗެމްޕިއަންކަން ހޯދީ ނިބާލް އެވެ.
މިއަހަރުގެ އަންހެން ސިންގަލްސް ފައިނަލުގައިވެސް ވާދަކުރާނީ ފާތިމަތު ނަބާހާ އަބްދުއްރައްޒާގު އާއި އާމިނަތު ނަބީހާ އަބްދުއްރައްޒާގު އެވެ. ނަބާހާ ވަނީ ސެމީ ފައިނަލުގައި އައިޝަތު އަފްނާން ރަޝީދު ސީދާ ދެ ގޭމުން ބަލިކޮށްފަ އެވެ. މެޗުގެ ސެޓުތައް ނަބާހާ ގެންދިޔައީ 21-10 އަދި 21-10 އިންނެވެ.
އަންހެން ސިންގަލްސް އަނެއް ސެމީ ގައި ނަބީހާ ވަނީ މައިސާ ފަތުހުﷲ އިސްމާއިލް ސީދާ ދެ ގޭމުން ބަލިކޮށްފަ އެވެ. މެޗުގެ ސެޓުތައް ނަބީހާ ގެންދިޔައީ 21-13 އަދި 21-15 އިންނެވެ.
ފުރަތަމަ ޑިވިޝަންގެ ފިިރިހެން ޑަބަލްސް ފައިނަލުގައި އަޖުފާން އާއި ނިބާލްގެ ޕެއާ ނުކުންނާނީ ޒަޔާން އާއި ތޯއިފްގެ ޕެއާއާ ދެކޮޅަށެވެ. އަންހެން ޑަބަލްސް ފައިނަލުގައި ނަބާހާ އާއި ނަބީހާގެ ޕެއާ ނުކުންނާނީ އަފްނާން އާއި މައިސާގެ ޕެއާއާ ދެކޮޅަށެވެ.
ފުރަތަމަ ޑިވިޝަންގެ މިކްސް ޑަބަލްސް ފައިނަލުގައި ނަބާހާ އާއި ޒަޔާންގެ ޕެއާ ނުކުންނާނީ ނަބީހާ އާއި ނިބާލްގެ ޕެއާއާ ދެކޮޅަށެވެ.
މުބާރާތުގެ ދެވަނަ ޑިވިޝަނަށް ބަލާއިރު މިދިޔަ އަހަރުގެ ފިރިހެން ސިންގަލްސް ޗެމްޕިއަން އިޔާން އަބްދުލްއަލީމް 2-1 ސެޓުން ބަލިކޮށް އަހުމަދު އިމާން ވަނީ ފައިނަލުން ޖާގަ ހޯދާފަ އެވެ. ފައިނަލުގައި އޭނާ ނުކުންނާނީ ހުސައިން ރިފާއު ސީދާ ދެ ގޭމުން ބަލިކުރި އަލީ މުއާޒު އާ ދެކޮޅަށެވެ.
ދެވަނަ ޑިވިޝަން އަންހެން ސިންގަލްސް ފައިނަލުގައި ވާދަކުރާނީ އެންމެ ފަހުގެ ޗެމްޕިއަން ޝައިބާ މުހައްމަދު ޝަރީފް އާއި ފިރުޝާނާ ނަސީރު އެވެ. އަންހެން ޑަބަލްސް ފައިނަލުގައި މަދީހާ އަބްދުލްގާދިރު އާއި ޒުހުދާ ހުސައިންގެ ޕެއާ ނުކުންނާނީ އައިޝަތު ޔޫސުފް އާއި އާމިނަތު ނަސީމާގެ ޕެއާއާ ދެކޮޅަށެވެ.
ފިރިހެން ޑަބަލްސް ފައިނަލުގައި ޔޫސުފް ނިޔާޒް އާއި ހަމްޒާ އަބްދުއްރަހުމާންގެ ޕެއާ ނުކުންނާނީ ހުސައިން މުހައްމަދު އާއި މުހައްމަދު އިކްރާމްގެ ޕެއާއާ ދެކޮޅަށެވެ. މިކްސް ޑަބަލްސް ފައިނަލުގައި ޔޫސުފް ނިޔާޒް އާއި އައިޝަތު ޔޫސުފްގެ ޕެއާ ނުކުންނާނީ އަލީ މުއާޒު އާއި ޒުހުދާ ހުސައިންގެ ޕެއާއާ ދެކޮޅަށެވެ.
Comment